ޚަބަރު

ޕީއެސްއެމްއިން މި މަހުގެ ތެރޭގައި އިސްލާމިކް ޓީވީ ޗެނަލެއް ފަށަނީ


ޕަބްލިކް ސަރވިސް މީޑިއާއިން މި ޑިސެމްބަރ މަހުގެ ތެރޭގައި އިސްލާމިކް ޓީވީ ޗެނަލެއް އުފައްދައި ޚިދުމަތްދޭން ފަށާނެކަން އިޢުލާންކޮށްފިއެވެ. މިކަން އިޢުލާންކުރީ، ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމުގެ ޙަރަކާތްތައް ރަސްމީ ގޮތުން ފެއްޓެވުމަށް މާލޭ ހުކުރު މިސްކިތްކައިރީ އިއްޔެ ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަންކަން އަންގައިދިނުމާއި އުގަންނައިދިނުމާއި މުނިފޫހިފިލުވައިދިނުމަކީ، ޕަބްލިކް ސަރވިސް މީޑިއާގެ އެންމެ އަސާސީ މަސްއޫލިއްޔަތެވެ. މިކަމަށްޓަކައި ޓީވީއާއި ރޭޑިއޯއާއި ޑިޖިޓަލް މީޑިއާއާއި ޕްރިންޓް މީޑިއާފަދަ މީޑިއާގެ ހުރިހާ ޕްލެޓްފޯމެއްގައި ޕީއެސްއެމް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި އެފަދަ ވަސީލަތްތައް މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުކުރަމުންނެވެ.

ޕީއެސްއެމް އުފެދުނުފަހުން ވަނީ ދީނީ ރޭޑިއޯ ޗެނަލެއްވެސް އުފައްދާފައެވެ. އަދި އެ ޗެނަލްގެ ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ޗެނަލުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުން ފާސްކުރާ ޤާނޫނުތަކަށް އާންމުން ހޭލުންތެރިކޮށް އެފަދަ މަޢުލޫމަތު ގެނެސްދިނުމަށްޓަކާ، "މަޖިލިސް ޓީވީ"ގެ ނަމުގައި އައު ޗެނެލަކާއި، ކުޅިވަރާއި މުނިފޫހިފިލުވުމާއި ޒުވާނުންނާ ގުޅުންހުރި ކަންކަން ގެނެސްދޭ ޓީވީ ޗެނަލެއް "ޔެސް" ޗެނަލްގެ ނަމުގައި ފަށައި އެ ޚިދުމަތްވެސް އަންނަނީ ދެމުންނެވެ. ރައްޔިތުންގެ ތެރޭގައި ހިމެނޭ ތަފާތު ދާއިތާރަކުގެ ފަންނުވެރިންނާއި އަދި އެކި ކަންކަމަށް ޝައުޤުވެރިވާ އަދި އެކި ކަންކަމުގެ މަޢުލޫމާތު ބޭނުންވާ މީހުންނަށް އެއް ޓީވީ ޗެނަލުން އަދި އެއް ރޭޑިއޯ ޗެނަލުން ޚިދުމަތް ދިނުން ދަތިވުމާއި އަދި ރާއްޖޭގައި އެކި ދާއިރާތަކުން ކުރެވޭ މަސައްކަތްތަކާއި ހިންގޭ ޙަރަކާތްތައް އިތުރުވަމުން އަންނާތީ އެކި ދާއިރާތަކުގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގެ ޖާގަ ތަނަސްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އިތުރު ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލްތައް އުފެއްދޭތޯ ޕީއެސްއެމުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ޕަބްލިކް ސަރވިސް މީޑިއާއިން ދެން އެންމެ އަވަހަކަށް ފަށާނެ އެއްޗެނަލަކީ، ދީނީ ޓީވީ ޗެނަލެކެވެ.

"އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި ދީނީ މަޢުލޫމާތު ފޮނުވަން ދައުލަތުގެ އިސްލާމީ ޓީވީ ޗެނަލެއް އުފެދިގެންދާނެ. މިއީ ރާއްޖޭގައި އިސްލާމީ މަޢުލޫމާތު ފެތުރުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު ކަމަކަށްވާނެ. " ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލަޠީފް ވިދާޅުވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ އުފެދިގެން މިވީ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި އިސްލާމްދީނަށް ނަޞްރުދިނުމަށްޓަކައި އަދި ދީނީ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރެވިފައިވާކަން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ފާހަގަކުރެއްވިއެވެ. ޕީއެސްއެމްގެ އެންމެ އިސްކަމަކަށްވީ، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑިއޯ ވިޒުއަލެއް އުފެއްދެވުންކަމަށާއި އެ ތަރުޖަމާ އެންމެންނަށް ފަސޭހައިން އަޑުއެހޭނެ އަދި ބެލޭނެ ގޮތަށް ހެދުންކަމަށް ވިދާޅުވިއެވެ.

"އެއީ އެތައް ބަޔަކަށް އެތައް ދުވަހަކުން ނުވެ އޮތްކަމެއް. އެކަމަކު އެންމެ ޕްރިއޯރިޓީ ދެވޭ އެންމެ އިސްކަންދެވޭ ޓާސްކްގެ ގޮތުގައި އެކަން ހައްދަވައި އެކަން ފުރިހަމަކުރައްވައިގެން މިހާރު ވަނީ ރައްޔިތުންނާ ހަމައަށް އަޅުގަނޑުމެން ގެނެސްދީފައި." އިކްރާމް ވިދާޅުވިއެވެ.

ޕީއެސްއެމުން މިހާރު އަންނަނީ، ދިވެހި ތާރީޚްގައި ބޭއްވޭ ފުރަތަމަ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތް 2017 ވަނަ އަހަރުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންކަންވެސް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ދުނިޔޭގެ އެތަން މިތަނުން މޮޅުޤާރީން ގެނެސް، ރާއްޖޭގައި ތިބި މޮޅު ޤާރީންވެސް މުބާރާތުގައި ވާދަކުރައްވާ ގޮތަށް ދުނިޔޭގެ އެހެންވެސް ހިސާބުތަކުގައި ބާއްވާފަދަ ޤުރުއާން މުބާރާތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޤަދަރު މަތިވެގެންދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިއިން ކޮންމެ ކަމަކުން ދުނިޔޭގެ އިސްލާމީ ޤައުމުތަކުގައި ރާއްޖޭގެ ޝުހުރަތު އިތުރުވެގެންދާނެ. މިއިން ކޮންމެ ކަމަކަށް ދިވެހި ދައުލަތުން ޖާގަދެއްވާ ދެއްވުމަކީ، ފުރުޞަތު ދެއްވުމަކީ، ބަޖެޓް ދެއްވުމަކީ، ތަރުޙީބުދެއްވާ ދެއްވުމަކީ، ޕަބްލިކް ސަރވިސް މީޑިއާއަށް ލިބޭ ހިއްވަރެއް. އަޅުގަނޑުމެން ވަރަށް އުފާކޮށް ޝުކުރުކުރާ ކަމެއް." އިކްރާމް ވިދާޅުވިއެވެ.

ޕީއެސްއެމަކީ، ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމަށް ސަރުކާރާއި ދައުލަތުގެ ކަމާބެހޭ އިދާރާތައް ގުޅިވަޑައިގެން ކުރައްވާ މަސައްކަތުގެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ބައިވެރިއެކެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ދީނި ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމީ ވަޙުދަތު ނަގަހައްޓައި ދެމެހެއްޓުމަށް ޕީއެސްއެމްގެ ޗެނަލްތަކުން މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.