ޚަބަރު

އަލިފާނުގެ ޙާދިސާގައި ދޯނީގެ ބޮޑުބައެއް ވަނީ އަނދާފަ - ކައުންސިލް


މާލެއަތޮޅު ގާފަރު ކައިރީ މަސްވެރިކަން ކުރަން ނުކުމެ އޮތް އެރަށު ދޯންނެއްގައި މިއަދު ހިނގި އަލިފާނުގެ ޙާދިސާގައި އެ ދޯނީގެ ބޮޑުބައެއް އަނދާފައިވާކަމަށް ގާފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ގާފަރު ކައުންސިލުގެ ރައީސް އާދަމް ޒާހިދު ވިދާޅުވީ ކަންނެލި މަސްވެރިކަންކުރާ މި ދޯނީގައި ބޭނުންކުރާ ހުރިހާ އެއްޗެއްހެން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި އެ ދޯނީގެ އިންޖީނުވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ މިހާރު ގާފަރަށް އިންޖިނު ބާލާފައިވާ ކަމަށް ކައުންސިލަރ ވިދާޅުވިއެވެ.

އަލިފާނުގެ ޙާދިސާ ހިނގުމާއެކު ދޯނީގައި ތިބި ހުރިހާ މީހުން ވަނީ އެ ސަރަޙައްދުން ދަތުރުކުރި "ނަސްރު 7" ދޯންޏަށް ނަގާފައެވެ. އަލިފާންރޯވި ދޯނި މެންދުރު 2 ޖަހަނިކޮށް ގާފަރު ފަޅަށް ވައްދާފައިކަމަށް ގާފަރު ކައުންސިލުން ވިދާޅުވިއެވެ.

އެމް.އެން.ޑީއެފުން ހާމަކުރެއްވިގޮތުގައި މިއަދު ހިނގި މި އަލިފާނުގެ ޙާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. ގާފަރުގެ އިރުމަތިން އޮންނަ ބޮއެއް ކައިރީ މަސްވެރިކަންކުރަން އޮއްވައި ރޯވެފައިވަނީ 63 ފޫޓުގެ ކުރަނގި ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގައިކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

މި ދޯނީގައި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ކަރަންޓް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުގައި އަލިފާންރޯވުމުގެ ސަބަބުން ކަމަށް ކުރަނގި ދޯނިން މަޢުލޫމާތު ދީފައިވާކަމަށް އެމް.އެން.ޑީއެފުން ވިދާޅުވެއެވެ.