ޚަބަރު

ނ.އަތޮޅުގައި މުވައްޒަފުން ތަމްރީން ކުރެއްވުމަށް ފަހުމުނާމާއެއް


ނ.އަތޮޅުގައި މުވައްޒަފުން ތަމްރީންކުރެއްވުމަށް ސިވިލް ސަރވިސް އިންސްޓިޓިއުޓާއި ނ. އަތޮޅު ކައުންސިލުން ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުން އެކަށައެޅުމާއެކު ސިވިލް ސަރވިސް އިންސްޓިޓިއުޓްގެ ކޯސްތައް ނ. އަތޮޅުގައި ހިންގޭނެ ގޮތް ސިވިލް ސަރވިސް އިންސްޓިޓިއުޓުން ފަހިކޮށްދެއްވާނެއެވެ. ނ. މަނަދޫ އަތޮޅު މަދަރުސާގައި ރޭ ބޭއްވެވި ޚާއްޞަ ޙަފްލާއެއްގައި މި އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް ޑރ.އަލީ ޝަމީމް. އަދި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ ޝަރީފްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޑރ. ޢަލީ ޝަމީމް ވަނީ ހުޅުވިގެން މިދިޔަ ފުރުޞަތުގެ ބޭނުން ނ. އަތޮޅުގެ އެންމެހާ ރައްޔިތުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެދިވަޑައިގެންފައެވެ. އަތޮޅު ކައުންސިލްގެ މެމްބަރު މުޙައްމަދު ޢަލީ ވިދާޅުވީ މިއީ 17،000 މީހުންގެ އާބާދީއެއް އޮންނަ ނ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ.

ދުނިޔޭގެ އަގުބޮޑު ބްރޭންޑްތަކުގެ ރިޒޯރޓްތަށް އަތޮޅުގައި ހުރިއިރު ޤާބިލް ޒުވާނުން އެ ދާއިރާއަށް ތަމްރީންކޮށް، ނެރުއްވުމަކީ ތަމްރީންގެ މިފަދަ އެއްބަސްވުމެއްގެ އެންމެ ބޮޑު އެއް ބޭނުންކަމަށް މުޙައްމަދު ޢަލީ ވިދާޅުވިއެވެ.