ދީން

ރާއްޖެ އިސްލާމްވި ދުވަހުގެ ޙަރަކާތްތަކުގެ ކައުންޓްޑައުން ފެށިއްޖެ


ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރެއްވުމުގެ ރަސްމީ ޙަރަކާތްތަކުގެ ކައުންޓްޑައުން ފަށްޓަވައިފިއެވެ. 

މިހަރަކާތްތައް ރަސްމީ ގޮތުން ފެއްޓެވީ މާލޭ ހުކުރު މިސްކިތް ކައިރީގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. 

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމުގެ ޙަރަކާތްތައް ހިންގެވުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއަރޒާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި ޕަބްލިކް ސަރވިސް މީޑިއާ އާއި އަދި ދިވެހިބަހުގެ އެކަޑަމީ ގުޅިވަޑައިގެނެވެ. އަދި މިކަމުގައި ރާއްޖޭގެ ބައެއް މުއައްސަސަތާކާއި އެންޖީއޯތަކުގެ އެހީތެރިކަން ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފް ވަނީ ރާއްޖެ އިސްލާމްވިގޮތުގެ ތާރީޙުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި ސަރުކާރާއި ގުޅިގެން އިސްލާމްދީން ކުރިއެރުއްވުމަށް ޕީއެސްއެމުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތަފްސީލަށްވެސް އަލިއަޅުއްވާލެއްވިއެވެ. img:http://s3.psmnews.mv/images/660x400/14824087005314.jpg|ރާއްޖެ އިސްލާމްވި ދުވަހުގެ ޙަރަކާތްތަކުގެ ކައުންޓްޑައުން ފެއްޓެވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް/ޙުސައިން ސަޢީދު

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރާއްޖެއަށް އިސްލާމްދީން އައި ފަހުން ރާއްޖެއިން ބޭރުން ކުރިމަތިވަމުން އައި އެތައް ކަމެއް މިއަދު ނެތިގެން ގޮސްފައިވާ ކަމަށެވެ. އަދި ރާއްޖެ އިސްލާމްވިފަހުން ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންނަކީވެސް އިސްލާމްދީނަށް ލޯބިކުރެއްވި ބޭފުޅުން ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރުގެ ވާހަކަފުޅުގައި ރައީސް ޔާމީން ރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދެއްކެވިއެވެ.

"އަހަރެމެންނަކީ އެއް ބައެއް" މިނަމުގައި މިއަދު ފެއްޓެވި ކެމްޕެއިން ޕީއެސްއެމްގެ ޗެނަލްތަކުންނާއި ރާއްޖޭގެ އެހެން ލޯކަލް ޗެނަލްތަކުން އަންނަ ހޮނިހިރު ދުވަހުގެ 2:30 ން ފެށިގެން މިމަހުގެ 30 އާއި ހަމައަށް އެއްވަގުތެއްގައި ގެނެސްދެމުންދާނެއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމުގެ ޙަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ތާރީޚީ މަޢުލޫމާތު ދިވެހިންގެ ކިބައިގައި އިތުރުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ހިންގެވުމަށް ވަނީ ރާއްވަވާފައެވެ.

މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު، ހެލްތު މިނިސްޓަރ އަބްދު ﷲ ނާޡިމް އިބްރާހީމްގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި ޕީއެސްއެމްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.