ޚަބަރު

ފުރަތަމަ ޤާނޫނުއަސާސީއަށް 84 އަހަރު


ދުނިޔޭގެ ތާރީޚް ދިރާސާކުރައްވާ ފަރާތްތަކުން ލިޔުއްވާފައިވާ ލިޔުންތަކުގައި ބަޔާން ކުރައްވާފައިވާގޮތުގައި ދުނިޔޭގެ ތާރީޚުގައި އެންމެ ފުރަތަމަ ޤާނޫނު އަސާސީއެއްގެ އެކަށައަޅުއްވައި ޢަމަލުކުރައްވަން ފައްޓަވާފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމަގެ ބެއްލެވުމުގެ ދަށުންނެވެ. އެކަލޭގެފާނު މަދީނާއަށް ހިޖްރަކުރެއްވުމަށްފަހު މަދީނާގައި އޭރު ދިރިއުޅެމުންދިޔަ ޔަހޫދީންނާއެކު ވެވަޑައިގެންނެވި އެއްބަސްވުމަކީ މުޅި ދުނިޔޭގެ ތާރީޚުގައިވެސް އެންމެ ފުރަތަމަ އެކުލަވާލެވުނު ޤާނޫނު އަސާސީކަމަށް ތާރީޚް ދިރާސާކުރައްވާ ޢިލްމުވެރިން ލިޔުއްވާފައިވެއެވެ. އެޤާނޫނުއަސާސީ މަޝްޙޫރުވެފައިވަނީ ޞަޙީފަތުލް މަދީނާ ނުވަތަ މަދީނާގެ ދުސްތޫރުގެ ނަމުންނެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ޙަޔާތުގެ ތާރީޚަށް ބަލާލާއިރު މިހާތަނަށް 9 ޤާނޫނުއަސާސީއަކަށް ރާޢްޖޭގައި ޢަމަލުކޮށްފައިވެއެވެ. އަދި ދިވެހިރާއްޖެއަކީ ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން ލިޔެވިފައިވާ ޤާނޫނުއަސާސީއެއް އެކުލަވާލައްވައި ޢަމަލުކުރައްވަން ފެއްޓެވި ފުރަތަމަ ޤައުމުކަން ފާހަގަކޮށްލެވެއެވެ. 

ދިވެހިރާއްޖޭގެ ތާރީޚްގައި އެންމެ ފުރަތަމަ ލިޔެވިފައިވާ ޤާނޫނޫއަސާސީއެއް އެކުލަވާލައްވައި ޢަމަލުކުރައްވަން ފައްޓަވާފައިވަނީ މީގެ 84 އަހަރު ކުރިން 22 ޑިސެމްބަރު 1932 ގައެވެ. އެއީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައެވެ. ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީއަކީވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ ޙައްޤުތަކެއް ކަށަވަރުކޮށްދެއްވި ޤާނޫނުއަސާސީއެކެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައި ކަށަވަރުކޮށްދެއްވާފައިވާ ޙައްޤުތަކުގެ ތެރޭގައި، ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވެގެން ވުމާއި، ގޯތިގެދޮރާއި މުދަލުގެ ޙުރުމަތްތެރިކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޒާތީ ދިރިއުޅުމަކީ ޙުރުމަތްތެރި ކުރެވިގެންވާ އެއްޗެއްކަމުގައި އެޤާނޫނުއަސާސީގައި ބަޔާންކުރައްވާފައިވެއެވެ. މި ޤާނޫނުއަސާސީއަކީ މިސްރުގެ ޤާނޫނު އަސާސީ އާއި އިނގިރޭސިވިލާތުގެ ބައެއް ޤާނޫނުތައް އަސްލަކަށް ބައްލަވައި އެކުލަވާލެއްވި، 92 މާއްދާގެ މައްޗަށް އެކުލެވިގެންވާ ޤާނޫނު އަސާސީއެކެވެ.

img:http://s2.psmnews.mv/images/660x400/14823976731153.jpg|ފުރަތަމަ ޤާނޫނުއަސާސީ އިއުލާންކުރެއްވުމުގެ ދަރުބާރަށް ޝަމްސުއްދީން ރަދުން ދަރުބާރަށް ވަޑައިގަންނަވަނީ

އެޒަމާނުގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރެވިފައިވާގޮތުން ޤާނޫނުތަކާއި ޤަވާއިދުތަކަށް ޢަމަލުކުރުމުގެ ސަޤާފަތެއް ޤާއިމުކުރެވިފައެއްނުވެއެވެ. އެހެންނަމަވެސް ފުރަތަމަ ޤާނޫނުއަސާސީ ވުޖޫދަށް އައިސް އެޤާނޫނުއަސާސީގެ ދަށުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވުޖޫދަށްއައި އެތައް ޤާނޫނުތަކެއްގެ ސަބަބުން ދިވެހިންގެ ޢާންމު ދިރިއުޅުމުގެ އެންމެ އަސާސީ ކަންކަންވެސް ޤާނޫނަކުން ކަނޑައެޅިގެންދާ ހިސާބަށް ދިޔައެވެ. މިއާއެކު ޤާނޫނުއަސާސީއާމެދު ދިވެހިންގެ މެދުގައި ނުތަނަވަސްކަން އުފެދި، ދިވެހިންގެ ބަޔަކު މާލޭގެ ގުޅަކުޅޭ ފަސްގަނޑަށް ނިކުމެ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ ވީދާލުމާއެކު އެޤާނޫނުއަސާސީއަށް ޢަމަލުކުރެއްވުން ހުއްޓަވާލެއްވިއެވެ. އެއީ ފުރަތަމަ ޤާނޫނުއަސާސީއަށް ޢަމަލުކުރައްވަން ފެއްޓެވިތާ 2 އަހަރެއްހާ ދުވަސްފަހުން ހިޖުރައިން 1352 ވަނައަހަރުގެ ރަޖަބު މަހުގެ 22 ވަނަ ދުވަހުއެވެ.

ފުރަތަމަ ޤާނޫނުއަސާސީގެ ނިމުން މިފަދަ ގޮތަކަށް ދިޔަ ނަމަވެސް މިއީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ލިޔެވިފައިވާ ޤާނޫނުއަސާސީއެއް އެކުލަވާލައި ބޭނުންކުރައްވަން ފެއްޓެވުމުގެ ބިންގާ އެޅިގެންދިޔައެވެ. އަދި އެއަށްފަހު އެކި ފަހަރުމަތިން އިސްލާޙީ އެކި ބަދަލުތަކާއެކު އާ ޤާނޫނުއަސާސީތައް އެކަށައަޅުއްވައި ޢަމަލުކުރައްވަމުން ގެންދެވިއެވެ. ދިވެހިރާއްޖޭގެ ދެވަނަ ޤާނޫނުއަސާސީ އަށް ޢަމަލުކުރައްވަން ފައްޓަވާފައިވަނީ 1934 ވަނައަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ. ތިން ވަނަ ޤާނޫނު އަސާސީ އެކުލަވާލައްވައި ޢަމަލުކުރައްވަން ފެއްޓެވީ 23 އެޕްރިލް 1942 ގައި ޙަސަން ނޫރައްދީންގެ ރަސްކަމުގައެވެ. އަދި 1940ގެ އަހަރުތަކުގެ ތެރޭގައި ހަތަރުވަނަ ޤާނޫނުއަސާސީއެއް އެކުލަވާލައްވައި ޢަމަލުކުރައްވަން ފެއްޓެވިއެވެ. 1 ޖެނުއަރީ 1953 ވަނައަހަރު އައު ޤާނޫނުއަސާސީއެއް އެކުލަވާލައްވައި ޢަމަލުކުރައްވަން ފެއްޓެވުމާއެކު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރެވިގެންދިޔައެވެ. މިއީ ދިވެހިރާއްޖޭގެ ފަސްވަނަ ޤާނޫނުއަސާސީ އެކުލަވާލައްވައި ޢަމަލުކުރައްވަން ފެއްޓެވި ތާރީޚެވެ.

img:http://s4.psmnews.mv/images/660x400/14823977346264.jpg|އިހުޒަމާނުގައި ރަދުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުވުމެއްގެ ތެރެއިން

އޭގެ އަހަރެއްހާ ދުވަސްފަހުން 7 މާރޗް 1954 ގައި 6 ވަނަ ޤާނޫނުއަސާސީ ފާސްކުރައްވައި ޢަމަލުކުރައްވަން ފެއްޓެވިއެވެ. ދިވެހިރާއްޖޭގެ 7 ވަނަ ޤާނޫނުއަސާސީއަށް ޢަމަލުކުރައްވަން ފައްޓަވާފައިވަނީ 15 ޖުލައި 1968ގައެވެ. އެއީ މުޙައްމަދު އަމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅެވެ. މިއީ ދިވެހި ތާރީޚްގައި އެންމެ ގިނަ ދުވަސްވަންދެއް ޢަމަލުކުރެއްވި ޤާނޫނު އަސާސީއެވެ. 1968ގެ ޤާނޫނުއަސާސީ އިސްލާޙްކުރެއްވުމުގެ މަސައްކަތް 17 އަހަރެއްހާ ދުވަސްވަންދެން ކުރެއްވުމަށްފަހު 8ވަނަ ޤާނޫނުއަސާސީ ވުޖޫދަށް އައިސްފައިވަނީ 1 ޖެނުއަރީ 1998ގައެވެ. އެއީ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.

ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީ ވުޖޫދަށް އައިސްފައިވަނީ 2004 ޖޫން 20 ވަނަ ދުވަހު އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިޢުލާނުކުރެއްވި އިސްލާޙީ އެޖެންޑާގެ ތެރެއިން ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރެއްވި ޤާނޫނު އަސާސީ އިޞްލާޙް ކުރެއްވުމުގެ މަސައްކަތްތަކުގެ ތެރެއިންނެވެ. މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީއަށް ޢަމަލުކުރައްވަން ފައްޓަވާފައިވަނީ 7 އޮގަސްޓް 2008 ގައެވެ.

img:http://s3.psmnews.mv/images/660x400/14823979371124.jpg|މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ ރައީސް މައުމޫން 2008 ވަނަ އަހަރު ތަސްދީޤްކުރެއްވުމަށް ބޭއްވި ދަރުބާރުގެ ތެރެއިން

ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތިން ބާރު ވަކިވެފައިވާ ފުރިހަމަ ދީމުޤްރާތީ ނިޒާމެއް ޤާއިމުކުރެވި ޤާނޫނުއަސާސީއެވެ. ދީމުޤްރާތީ ވެއްޓެއްގައި ރައްޔިތުންނަށް ލިބިދޭންޖެހޭ އެންމެހައި ޙައްޤުތައް މިޤާނޫނުއަސާސީގައި ކަށަވަރުކޮށްދެއްވާފައިވެއެވެ. ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް މިޤާނޫނުއަސާސީގައި ބަޔާންކުރައްވާފައިވެއެވެ. އަދި މިޤާނޫއަސާސީއަކީ ދުނިޔޭގެ ޤައުމުތަކުގައި ލިޔެ ޢަމަލުކުރަމުންދާ ޤާނޫނު އަސާސީތަކުގެ ތެރެއިން ރައްޔިތުންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ކަށަވަރުކޮށްދޭ އެއް ޤާނޫނުއަސާސީކަމަށް ޤާނޫނީ މާހިރުން ވިދާޅުވަމުން ގެންދަވައެވެ. މިހާރު ޢަމަލުކުރެވެމުންދާ ފެހި ޤާނޫނުއަސާސީއަށް މިހާތަނަށް ރައްޔިތުންގެ މަޖިލީހުން 2 އިސްލާޙެއް ގެންނަވާފައިވެއެވެ. އިސްލާޙްތަކާއެކު ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެކުލެވިގެންވަނީ 15 ބާބާއި ތިންސަތޭކަ ނުވަ މާއްދާގެ މައްޗަށެވެ.

ޤައުމެއްގެ ޙަޔާތުގައި ޤާނޫނު އަސާސީއަކީ އެޤައުމުގެ އެންމެ މުހިންމު ލިޔެކިޔުމެކެވެ. ސަބަބަކީ އެޤައުމެއްގެ ވެރިކަން ހިންގުމުގެ ނިޒާމާއި، ދުސްތޫރީ، ޤާނޫނީ، އިޖްތިމާއީ، އިޤްތިޞާދީ ނިޒާމު ބައްޓަން ކުރަންޖެހޭ ގޮތުގެ އެންމެ އަސާސީ އުސޫލުތައް ކަނޑައަޅަނީ ޤާނޫނުއަސާސީގައި ކަމަށްވާތީއެވެ. އެހެންކަމުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޙައްޤު އިޙްތިރާމާއި ޤަދަރު ދިނުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.