ޚަބަރު

ހައިކޯޓަށް ހުށަހެޅި މައްސަލަ އިލެކްޝަނުން އަނބުރާ ގެންދަވަނީ


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2 މަސްދުވަހަށް ފަސްކުރެއްވުމަށް ސިވިލް ކޯޓުން ކުރެއްވި ޙުކުމް އިސްތިޢުނާފު ކުރުމަށް ހައިކޯޓަށް ހުށައަޅުއްވާފައިވާ މައްސަލަ އަނބުރާ ނެންގެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. 

އެކޮމިޝަނުން މިގޮތަށް ނިންމަވާފައިވަނީ، ކައުންސިލް އިންތިޚާބު ބޭއްވެވުން އަވަސްކޮށްދެއްވުމަށްޓަކައި ހައިކޯޓަށް އިސްތިޢުނާފަށް އެކޮމިޝަނުން ހުށައަޅުއްވާފައިވާ މައްސަލަ އަނބުރާ ގެނައުމަށްފަހު އަލުން އިންތިޚާބު އިޢުލާންކުރެއްވުމަށް އިންތިޚާބުތަކާބެހޭ ޤައުމީ ލަފާދެއްވާ ކޮމިޓީން ލަފާދެއްވުމުންނެވެ. އިސްތިޢުނާފް މައްސަލަ އަބުރާ ނަންގަވާ، އިންތިޚާބު އަލުން އިޢުލާން ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާއިރު، ހައިކޯޓަށް ހުށައެޅުއްވި އިސްތިޢުނާފް މައްސަލަ ވަނީ ބަލައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ދެމަސް ދުވަހަށް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެއްވުމަށް ކުރައްވާފައިވާ ޙުކުމް ދެމިއޮންނާނެތީ، އެ ޙުކުމާ އެއްގޮތަށް ކުރިއަށް ދިއުމަށްޓަކައި، ޤާނޫނީ ގޮތުން ފުރިހަމަ ކުރައްވަންޖެހިވަޑައިގަންނަވާ ކަންކަން ފުރިހަމަ ކުރެއްވުމަށްޓަކައި، އެ މައްސަލަ ކޯޓަށް ހުށައެޅުމަށް އެކޮމިޝަނުން ނިންމަވަފައިވާކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ ޖެނުއަރީ މަހު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމެވި ނަމަވެސް ޕީޕީއެމުން ހުށައެޅުއްވި މައްސަލައަކާއި ގުޅިގެން ސިވިލް ކޯޓުން ވަނީ ދެމަސް ދުވަހަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެއްވުމަށް ޙުކުމް ކުރައްވާފައެވެ.