ވިޔަފާރި

ގަލްފް ކްރާފްޓުން އޫރިދޫ ލޮކޭޓް ބޭނުންކުރަން ނިންމައިފި


ގަލްފް ކްރާފްޓް މޯލްޑިވްސް ކުންފުނިން ބަންނަ އުޅަނދުފަހަރުގައި އުރީދޫ މޯލްޑިވްސްގެ ލޮކޭޓިންގ ޑިވައިސް ބޭނުންކުރުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް އިން ނިންމައިފިއެވެ.

ގަލްފް ކްރާފްޓް ކުންފުނިން މިއަދު ވަނީ އުރީދޫ މޯލްޑިވްސް އާއިއެކު މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ ސީއީއޯ ވިކްރަމަ ސިންގހައެވެ. ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖަރ ޓެރީ ސްޓަމަޓާކޯސްއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމަ ސިންހަ ވިދާޅުވީ، އުރީދޫ މޯލްޑިވްސްގެ ލޮކޭޓިންގ ޑިވައިސްއަށް ދިވެހިރާއްޖެއިން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ. ރާއްޖޭގެ ރިސޯޓްތަކުންނާއި އެނޫންވެސް ފަރާތްތަކުގެ އުޅަނދު ފަހަރުގައި ލޮކޭޓިންގ ޑިވައިސް ހަރުކޮށް ޓްރެކިންގ ސިސްޓަމް މިހާރަށްވުރެ ފުރިހަމަގޮތެއްގައި ބޭނުންކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށް ވިކްރަމަ ސިންހަ ފާހަގަ ކުރެއްވިއެވެ. 

ސިންހަ އިތުރަށް ވިދާޅުވީ، ގަލްފް ކްރާފުޓުން ބަންނަ އުޅަނދު ފަހަރުގައި ލޮކޭޓިންގ ޑިވައިސް ހަރުކުރުމަށް ނިންމާފައިވަނީ، އެކުންފުނީގެ ސީއީއޯ ރާއްޖެއަށްކުރެއްވި ދަތުރުގައިކަމަށެވެ. އުރީދޫގެ ޓްރެކިންގ ސިސްޓަމާއި ބެހޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ސިންހަ ވިދާޅުވީ، ރާއްޖޭގައި މި ޚިދުމަތް ކާމިޔާބުކަމާއިއެކު ދިނުމަށްފަހު، ދުނިޔޭގެ އެކި ހިސާބުތަކުގައި ޓްރެކިންގ ސިސްޓަމްގެ ޚިދުމަތް އުރީދޫއިން ތައާރަފްކުރައްވާނޭކަމަށެވެ. މިގޮތުން އުރީދޫ ނެޓްވަރކްގެ ޚިދުމަތް ދެމުންގެންދާ މެދުއިރުމައްޗާއި، އިންޑޮނޭޝިއާގެ އިތުރުންވެސް އިތުރު ޤައުމުތަކަށް އުރީދޫ ޓްރެކިންގ ސިސްޓަމްގެ ޚިދުމަތް ފުޅާކުރުމަށް އެކުންފުނިން ނިންމާފައިވާކަމަށް ވިކްރަމަ ސިންހަ ވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަލްފް ކްރާފްޓް މޯލްޑިވްސްގެ މެނޭޖަރ ޓެރީ ވިދާޅުވީ، އެކުންފުނިން ބަންނަ އުޅަނދު ފަހަރުތަކުގައި އުރީދޫ ޓްރެކިންގ ސިސްޓަމް ޤާއިމްކުރުމަކީ، ގަލްފް ކްރާފުޓްގެ އުފެއްދުންތަކަށް ލިބިގެންދާނޭ އިތުރު ކުރިއެރުމެއްކަމަށެވެ. ދިވެހިރާއްޖެ ފަދަ ޤައުމަކަށް މިއީ މުހިއްމު ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އުރީދޫއިން ޓްރެކިންގ ސިސްޓަމްގެ ހިދުމަތް ތައާރަފްކޮށްފައިވަނީ، 2014 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.