ޚަބަރު

"ކާރިސާތަކުން ލިބޭ ގެއްލުންތަކަށް ބޮޑު ޚަރަދެއް ކުރައްވާ"


ކާރިސާތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން، ގެންދަވަނީ ތަފާތު ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން ކާރިސާތަކާއި، ޙާދިސާތަކުގެ ވަގުތުތަކާއި އަދި އެކަމުގެ ގެއްލުމުން އަރައިގަތުމަށް ޢާންމުންނަށް އެހީތެރިކަން ދެއްވުމުގެ ގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު އަބަދުވެސް އޮންނަނީ ތައްޔާރުވަޑައިގެނެވެ. އަދި ލިބުނު ގެއްލުމުގެ އެސެސްމަންޓް، ކުރު މުއްދަތެއްގައި ހައްދަވައި ގެއްލުން ލިބުނު ފަރާތްތަކަށް މާލީ އެހީތެރިކަން ސަރުކާރުން ދެއްވަމުން ގެންދަވައެވެ. 

ކާރިސާތަކުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ކުރައްވައި، ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ދެއްވާފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ ޢާންމުންނަށް ދިމާވާ މިފަދަ ޙާދިސާތަކާ ގުޅިގެން ސަރުކާރުން އެހީތެރިކަން އަބަދުވެސް ދެއްވަމުން ގެންދަވާނެކަމަށެވެ. އެހެންނަވަމެސް މިވަގުތު ސަރުކާރަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވިޔަފާރިވެރިންނަށް ލިބޭ ގެއްލުން ނުވަތަ ވިޔަފާރިކުރާ މީހުންނަށް މިފަދަ ކާރިސާތަކުން ލިބޭ ގެއްލުމަށް އެހީތެރިކަން ލިބެނެ ނިޒާމެއް އަދި ޤާއިމްވެފައި ނެތުންކަމަށެވެ. އެހެން ދިމާވެފައިވަނީ ވަޞީލަތްތައް ހުރި ގޮތުންނާއި، ޙާލަތު ނިޔާކުރާ ގޮތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަވަމެސް މިފަދަ ޙާދިސާތަކުން ރައްކާތެރިވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ވިޔަފާރި ނުވަތަ ގުދަންކޮށްފައި ހުންނަ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ވިޔަފާރިވެރިންނާއި މުދާ ރައްކާތެރިކުރާ ފަރާތްތަކުން ސަމާލުކަން ދީފައިވާ މިންވަރު ދެނެގަތުމަށްޓަކައި، މިހާރު ވަރަށް ބާރު ސްޕީޑެއްގައި ޑިފެންސް ފޯސްގެ ފަރާތުން ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އެމަސައްކަތް ކުރެވެމުން އެބަގެންދޭ. މި މަސައްކަތުން އަޅުގަނޑުމެންނަށް ދަސްވާ އެއްޗަކީ އަޅުގަނޑުމެންނަށް އަދިވެސް މުދަލާއި ތަކެތި ރައްކާތެރިކުރުމަށްޓަކައި ބެނުންވާ ވަރުގެ ހޭލުންތެރިކަމެ ލިބިފައި ނުވާކަން. އަދި އަޅުގަނޑުމެންނަށް ލިބިފައި ހުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެފަދަ ތަންތަނުގެ ތެރެއިން 75 އިންސައްތަ ތަންތަން ހުރި ރަކާތެރިކަމާއެކު ނޫން އަދި އިންޝިއުރެންސްކޮށްފައެއް ނެތް." ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ މިފަދަ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށާއި، މި ބައްދަލުވުމަކީ މި މަސައްކަތުގެ ތެރެއިން ކުރިޔަށްދާ ކަމެއްކަމަށެވެ. މާލެގައި މި ފަހުން ހިނގައިދިޔަ އަލިފާނުގެ ބޮޑެތި ޙާދިސާތަކަށް އަލިއަޅުއްވާލައްވަމުން، މިނިސްޓަރ ވިދާޅުވީ މިފަދަ ނުރައްކާތެރި ޙާދިސާތަކުގެ ސަބަބުން ގިނަ ވިޔާފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރާއްޖޭގެ އިޤްތިޞާދަށްވެސް މިކަމުގެ އަސަރު ފޯރާފާނެކަމަށެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލައްވައި ނިމޭއިރު، މިފަދަ ޙާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތައް ދެނެގަނެ މުހިންމު ފިޔަވަޅުތަކެއް އެޅިގެންދާނެކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއެވެ.