ޚަބަރު

ހުރިހާ ރަށެއްގައި ޒިކާވައިރަހަށް ސާމްޕަލް ނެގޭނޭ އިންތިޒާމް


އެޗް.ޕީ.އޭއިން ހިންގަވާ ޒިކާ ސަވައިލެންސް ޕްރޮގްރާމްގެ ދަށުން، ހުރިހާ ރަށެއްގައި، ޒިކާވައިރަހަށް ސާމްޕަލް ނެގޭނޭ އިންތިޒާމް މިހަފްތާގެ ތެރޭގައި ހަމަޖައްސަވާނެ ކަމަށް، އެއިދާރާއިން ވިދާޅުވެއްޖެއެވެ.

ލެޓިން އެމެރިކާގެ ޤައުމުތަކުގައި ހަލުއިކަމާއެކު ޒިކާ ވައިރަސް ފެތުރުމުގެ ސަބަބުން، ރާއްޖެއިން މިކަމަށް ރައްކާތެރިވުމަށް މަސައްކަތް ކުރަން ފެށިއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމާގުޅޭ މަޢުލޫމާތު އެއްކުރެއްވުމާއެކު، ސަރުކާރުން އެންމެ އިސްކަމެއް ދެއްވީ، ރާއްޖޭގައި ޒިކާ ވައިރަހަށް ޓެސްޓްކުރެވޭނޭ ނިޒާމެއް ޤާއިމް ކުރެއްވުމަށެވެ. އެގޮތުން މި އަހަރުގެ އޯގަސްޓްމަހުގެ ފަހުކޮޅު ޒިކާއަށް ޓެސްޓްކުރެވޭ މެޝިން، އައި.ޖީ.އެމް އެޗް ލެބޯޓަރީގައި އިންސްޓޯލް ކުރައްވައި، ޒިކާއަށް ޓެސްޓްކުރައްވަން ފެއްޓެވިއެވެ. ހަމަ އެއާއެކު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން، ރާއްޖޭގައި ޒިކާއުޅޭތޯ ބެއްލެވުމަށް ޤައުމީ ފެންވަރުގެ ސަވައިލެންސް ޕްރޮގްރާމެއް ފެއްޓެވިއެވެ. މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 517 ދިވެހިން ޓެސްޓް ކުރައްވާފައިވާއިރު، މީގެ ތެރެއިން ޒިކާވައިރަހަށް ޕޮޒިޓިވްވެފައިވަނީ ދެމީހުންނެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ޒިކާއަށް ޝައްކުކުރެވޭ މީހުންގެ ސާމްޕަލް ރަށްރަށުގައި ޤާއިމް ކުރައްވާފައިވާ ޕަބްލިކް ހެލްތު ޔުނިޓުތައް މެދުވެރި ކުރައްވައި، މާލެ ގެންނަވައިގެން ތަޙްލީލް ކުރެއްވުމުގެ ޕްރޮގްރާމެއް މިހާރު ކުރިޔަށް އެބަގެންދަވާ ކަމަށެވެ. މިކަން ހާމަކުރައްވައި ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި، ހުރިހާ ރަށަކުން ސާމްޕްލް ގެނެވޭނޭ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް އެޗް.ޕީ.އޭގެ އެޕިޑެމޮލޮޖިސްޓް، ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ

ޑރ.އަފްޒަލް ވިދާޅުވީ، އައި.ޖީ.އެމް އެޗުން ޓެސްޓު ކުރެއްވިނަމަވެސް އިތުރަށް ޔަޤީން ކުރެއްވުމަށް މިހާރުވެސް ބައެއް ސާމްޕަލްތައް ތައިލޭންޑަށް ފޮނުއްވައިގެން ތަޙްލީލް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ކުރެވުނު ޓެސްޓްތަކުން ރާއްޖޭގައި ޒިކާ ފެތުރެމުންދާކަމަށް ނުދައްކާ ކަމަށެވެ. އެހެންނަމަވެސް ރާއްޖެއަކީ ޒިކާ ފެތުރުމުގެ ފުރުޞަތު އޮތް ޤައުމެއް ކަމުން، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިން ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި ޒިކާ ބަލީގެ ޙާލަތު ނެތް ކަމަށެވެ. އަދި ޒިކާއަށް ތަޙްލީލް ކުރެވޭނޭ އިންތިޒާމް ހަމަޖެހިފައިވީނަމަވެސް، ޑޮކްޓަރުންގެ އިރުޝާދަކާ ނުލައި ޒިކާއަށް ޓެސްޓް ނުކުރެއްވުމަށް ޑރ. އަފްޒަލް އިލްތިމާސް ކުރެއްވިއެވެ.

ޑެންގީހުން ފަތުރާ އީޑީސް މަދިރިން ޖެހޭ ޒިކާ ވައިރަހަކީ ޑެންގީއާ ދާދި އެއްކަހަލަ ޢަލާމާތްތަކެއް ހުންނަ ބައްޔެކެވެ. ޒިކާ ވައިރަސް ހުރިކަން ޔަޤީން ކުރެވިފައިވާ ބައެއް ޤައުމުތަކުން މިބަލިޖެހިފައިވާ މާބަނޑު މީހުން ވިހާ ކުދިންގެ ބޯ އާދަޔާ ޚިލާފަށް ކުޑަކަން ފާހަގަކުރެވިފައިވެއެވެ. މިގޮތަށް ޑަބްލިއުއެޗްއޯއިން ބުނީ ވޭތުވެދިޔަ އަހަރު ރާއްޖޭގައި ވިހާފައިވާ ކުދިންނަށް މިފަދަ މައްސަލައެއް ދިމާވެފައިވޭތޯ ބައްލަވާފައިވާ ކަމަށާއި، އެހެންނަމަވެސް އެފަދަ ކަމެއް ފާހަގަކުރެއްވިފައި ނުވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ ކަށަވަރު ކޮށްދެއްވާފައިވެއެވެ.

މި ބަލިން ރައްކާތެރިވުމަށް އަދި މިހާތަނަށް އެއްވެސް ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. އެހެންކަމުން ހަމައެކަނި އެޅެން އަދި އޮތް ފިޔަވަޅަކީ މަދިރިން ރައްކާތެރިވުމެވެ. މިފަދަ ފިޔަވަޅު ތެރޭގައި މަދިރި އުފެދޭފަދަ ގޮތަކަށް ގެއާއި ގޯތި ތެރެއާއި، ރަށުތެރޭގައި ހުންނަ ތަކެތި ނައްތާލުމާއި، ހަށިގަނޑު ފޮރުވިފައި ހުންނަ ފަދަ ހެދުން އެޅުމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ލަފާދެއްވައެވެ.