ޚަބަރު

ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާ ރާއްޖޭގެ 4 ސަރަޙައްދަކުން


ރާއްޖެ އިސްލާމްވި ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ގުޅިވަޑައިގެން ބާއްވަވާ ޖަލްސާ ރާއްޖޭގެ 4 ސަރަޙައްދެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދެވުމަށް ނިންމަވައިފިއެވެ. އެއްވަގުތެއްގައި ޖަލްސާ ބާއްވަވާނީ މާލެއާއި އައްޑޫސިޓީ، ފުވައްމުލަކާއި އަދި ހދ. ކުޅުދުއްފުށީގައި އެއްޖަލްސާއެއްގެ ގޮތުގައި އެއް އެޖެންޑާއެއްގެ ދަށުން އެކި އައިޓަމްތައް އެކި ތަނުން ކުރިޔަށް ގެންދަވާ ގޮތަށެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ތާރީޚުގައި ފާހަގަކުރަމުން އަންނަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. ރާއްޖެ އިސްލާމްވި ދުވަސް މިއަހަރު ކުލަގަދަކޮށް، މުޅި ރާއްޖޭގައި ފާހަގަކުރެއްވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ އަދި ދިވެހިބަހުގެ އެކެޑަމީއާއި ޕީއެސްއެމްއާއި ރާއްޖޭގެ އެހެން ބައެއް މީޑިއާތަކާއި އަމިއްލަ ބައެއް ޖަމްޢިއްޔާތައް ގުޅިވަޑައިގެން ވަނީ ގިނަ ޙަރަކާތްތަކެއް ހިންގަވަން ނިންމަވާފައެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ޙަރަކާތްތަކާ ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރގެ ނާއިބު މުޙައްމަދު މުޞްޠަފާ ވިދާޅުވީ ރާއްޖޭގައި އެންމެ ކުލަގަދަކޮށް ފާހަގަކުރެވޭ ދުވަހަކަށް ވާންވާނީ ރާއްޖެ އިސްލާމްވި ދުވަސް ކަމަށެވެ.

"ދިވެހިރާއްޖެއަށް ލިބިފައި އޮތް މިނިވަންކަމާއި، ރާއްޖޭގައި ފާހަގަކުރާ ޤައުމީ ދުވަހާއި، މިނިވަންދުވަހާއި، ނަޞްރުގެ ދުވަހާއި އެއްބައިވަންތަކަމުގެ ދުވަސްފަދަ މި ހުރިހައި ދުވަހެއްގެ ވެސް މައިގަނޑު އަސާސަކީ ރާއްޖެ އިސްލާމްވި ދުވަސް. އެހެންކަމުން މިއަށްވުރެ ވަކި ކުލަގަދަކޮށް ފާހަގަކުރާ ދުވަހެއް ރާއްޖެއަށް ވަކި އައިސްގެން ނުވާނެ.އެފެންވަރުގައި މި ދުވަސް ފާހަގަކުރެވޭތޯ މިދަނީ މަސައްކަތްކުރަމުން." އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު މުޞްތަފާ ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ޙަރަކާތްތަކުގެ ކައުންޓްޑައުން މާދަމާ ހަވީރު މާލޭގެ ހުކުރު މިސްކިތް ކައިރީގައި ބާއްވަވާ ރަސްމިއްޔާތެއްގައި ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. ކައުންޓްޑައުން ފެށުމާއެކު މެދުޒިޔާރަތް ޢާންމުންނަށް ވަދެވޭ ގޮތަށް ހުޅުވާލައްވާނެއެވެ. އަދި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ތާރީޚާއިގުޅޭ މަޢުލޫމާތު ލިބިގެންދާނެ ކަމަށާއި މާދަމާއިން ފެށިގެން ހަފްތާއެއްގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވިއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް އެ ދުވަހުގެ ރަސްމީ ޙަރަކާތްތައް ފެއްޓެވުމަށް ހަމަޖެހިފައިވަނީ މި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ކުރެވޭ މަޣްރިބް ނަމާދުންނެވެ. އެ ނަމާދަށްފަހު އިސްލާމީ މަރުކަޒާއި ރާއްޖޭގެ ހުރިހައި ރަށެއްގައިވެސް އެ ދުވަހަށް ޚާއްޞަ ދުޢާއެއް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރެއްވުމަށް ބާއްވަވާ ބޮޑު ޖަލްސާ އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭގައެވެ. އެ ޖަލްސާ ބާއްވަވާނީ މާލޭގެ ޖުމްހޫރީ މައިދާނާއި އައްޑޫ ސިޓީއާއި، ފުވައްމުލައް އަދި ހދ. ކުޅުދުއްފުށީގައެވެ. 4 ސަރަޙައްދުގައި އެއް ޖަލްސާއެއްގެ ގޮތުގައި މިޖަލްސާ ކުރިޔަށް ގެންދަވާއިރު ހުރިހާ ޖަލްސާއަކަށް ޙާޟިރުވެ ތިބޭ މީހުންނަށްވެސް އެންމެ ފެންނާނެއެވެ. އަދި އެއް އެޖެންޑާއެއްގެ ދަށުން، އެކި އައިޓަމްތައް އެކި ސަރަޙައްދުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. ޖަލްސާގެ ބައިވެރިގެ ދައުރު އޮންނަ ކަންކަން ހިނގަމުންދާނީ ހުރިހާ ސަރަޙައްދަކުން ބައިވެރިވާ މީހުން އެކުގައި ބައިވެރިވާ ގޮތަށެވެ.

"އަޅުގަނޑުމެން މި ޖަލްސާ ރާވާލާފައިވާނީ މާލެއިން ޖުމްހޫރީ މައިދާނުން އޮޕަރޭޓްކުރާ ގޮތަށް. ހަމަ އެއާއެކީގަ މި ޖަލްސާ ކުރިއަށްދާނެ ކުޅުދުއްފުށީގަ. ފުވައްމުލަކުގަ އަދި އައްޑު އަތޮޅުގަ. މިއިން ކޮންމެ ސަރަހައްދަކުން ވެސް ވާހަކަދައްކަމުން ދާނީ އެ ސަރަހައްދެއްގެ ބަހުރުވައިން." ހޯމް މިނިސްޓްރީގެ ނާއިބު އަހުމަދު ސަލީމް ވިދާޅުވިއެވެ.

ޖަލްސާގެ އިތުރުން ރާއްޖޭގެ ހުރިހައި މިސްކިތްތަކެއް އެއްވަގުތެއްގައި ސާފުކުރުމުގެ މަސައްކަތް މިމަހުގެ 31 ވަނަ ދުވަހު ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.

ރާއްޖެ އިސްލާމް ދުވަހާ ގުޅުވައިގެން ދީނީ މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ޅެންހެދުމުގެ މުބާރާތެއް ކުރިއަށް ގެންދަވަން ދިވެހިބަހުގެ އެކެޑަމީން ވަނީ ޢިއުލާން ކުރައްވާފައެވެ. މި މުބާރާތައް ކުރިއަށް ގެންދަވަނީ 4 ދާއިރާއަކަށް ބައްސަވާލައްވައިގެން ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ނާއިބު ރައީސާ ރާފިޢާ ޢަބްދުލްޤާދިރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މުބާރާތް ބޭއްވިއިރުގަ ހަތަރު ދާއިރާއަކަށް ބަހާލާފަ މިއޮތީ. އެއީ ރާއްޖެ އިސްލާމްވުމާ، ދިވެހިންގެ ތާރީޚާއި ހުރި ގުޅުމާއި، ދިވެހިންގެ އިޖުތިމާޢީ ގުޅުމަށް މިއައި ބަދަލުތަކާ، އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތާ، ހަމައެހެންމެ އިސްލާމްދީނުގެ ސަބަބުން އަޅުގަނޑުމެންނަށް މިއައި ކުރިއެރުންތަކާ. މި ދާއިރާތަކުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން މިއޮތީ ދާއިރާތަކެއް ކަނޑައަޅާފަ ދީނީ މަޒްމޫނު ލިޔުމާއި އަދި ދީނީ ޅެންހެދުމަށް މުބާރާތެއް ހުޅުވާލާފަ." ދިވެހި ބަހުގެ އެކެޑަމީގެ ނައިބު ރައީސް ރާފިޔާ އަބްދުލް ޤާދިރު ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމަށް ހިންގަވާ މި ޕްރޮގްރާމް ނިންމާލެވޭއިރު ދިވެހިންގެ ހިތުގައި ދީނީ ޢަޤީދާ އިތުރަށް ވަރުގަދަވެ ދީނީ މަޢުލޫމާތުތައް އިތުރަށް ލިބިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ޤަބޫލުކުރައްވައެވެ.