ތަޢުލީމު

އިސްލާމީ ޔުނިވަރސިޓީއަށްވެސް ޖާގައިގެ ދަތިކަން


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އައިޔޫއެމްއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޖާގައިގެ ދަތިކަންކަމަށް އެ ޔުނިވަރސިޓީގެ ރަޖިސްޓްރާ އަޙްމަދު ރައޫފް ވިދާޅުވެއްޖެ. އިސްލާމީ ޔުނިވަރސިޓީގައި ދެހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުން ގެންދެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ޤާއިމްކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ ޖުލައިމަހުގެ 9 ވަނަ ދުވަހުއެވެ. ރާއްޖެފަދަ ސައްތައިންސައްތަ މުސްލިމް ޤައުމެއްގައި މިފަދަ ޔުނިވަރސިޓީއެއް ހުޅުވުން ވެގެންދިޔައީ ދިވެހިންނަށް ލިބުނު ބޮޑު ފަޚުރަކަށެވެ.

އައިޔޫއެމް އުފެދުމާއެކު އެ ޔުނިވަރސިޓީން ވަނީ ދެކުނު އޭޝިޔާގައި ހުރި އިސްލާމީ ތަޢުލީމުދޭ އެންމެ ރަނގަޅު އެއް މުއައްސަސާއަށް އެތަން ހެއްދެވުމުގެ ލަނޑުދަނޑިއަށް މަސައްކަތް ފަށްޓަވާފައެވެ.

މި ޢަޒުމުގައި އައިޔޫއެމްއިން މައިގަނޑު 5 ދާއިރާއަކުން ކޯސްތައް ފައްޓަވާފައިވެއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން އެ ޔުނިވަސިޓީގެ ކޯސްތަކަށް ދިވެހިންގެ ބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ. އެގޮތުން 2016 ވަނަ އަހަރުގެ ކިޔެވުން ނިމުނުއިރު އެ ޔުނިވަރސިޓީގައި 2000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދިޔައެވެ. އެކި ކޯސްތަކަށް ކިޔަވައިދެއްވުމަށް ފުލްޓައިމް 58 ލެކްޗަރާއިން މަސައްކަތްކުރައްވައެވެ.

ނިމުނު އަހަރު އެ ޔުނިވަރސިޓީގެ އެކި ކުއްލިއްޔާތަކުން ދުއިސައްތައަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެ، ސަނަދު ޙާޞިލްކޮށްފައިވެއެވެ. އަދި އަންނައަހަރު އެކި ދާއިރާތަކުން 33 ކޯސް ފެއްޓެވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އޭގެތެރޭގައި ޕީއެޗްޑީގެ ދެ ޕްރޮގްރާމާއި މާސްޓާރސް ފެންވަރުގެ 6 ކޯސް ހިމެނެއެވެ.

އައިޔޫއެމްއަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކުން އެހީތެރިކަން ލެބެމުން އަންނަކަމަށާއި ވަކިން ޚާއްޞަކޮށް ޢަރަބި ދުނިޔެއިން ބޮޑު އެހީތެރިކަމެއް ލިބޭކަމަށް އެ ޔުނިވަރސިޓީގެ ރަޖިސްޓްރާ އަޙްމަދު ރައޫފް ވިދާޅުވިއެވެ. އަދި އެ ޔުނިވަރސިޓިގައި ކިޔަވާ ދަރިވަރުންނަށް އެކަމުގެ ސަބަބުން ފަހި ފުރުޞަތުތަކެއް ލިބޭކަންވެސް ރައޫފް ފާހަގަކުރެއްވިއެވެ.

"މުޅި އިސްލާމީ ދުނިޔެ، އިސްލާމިކް ޔުނިވަރސިޓީ އާއި ވަރަށް ކައިރިކޮށް އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ. ޚާއްޞަކޮށް ޢަރަބިދުނިޔެ. އެގޮތުން މިހާރުވެސް އަޅުގަނޑުމެންނަށް އެބައޮތް މި އަންނަ ޖެނުއަރީމަހުގެ ތެރޭގައިވެސް ޤަތަރުގައި ބޭއްވޭ ޕްރޮގްރާމަކަށްވެސް ދަޢުވަތު ލިބިފައި. މިހާރު އަޅުގަނޑުމެން ބައިވެރިވެފައި. އެއަށްވެސް ޔުނިވަރސިޓީގެ ދަރިވަރުންގެ ޓީމެއް ދާނެ. އޭގެ އިތުރުން މި ޑިސެމްބަރުމަހުވެސް މެލޭޝީޔާގެ އައިޔޫއެމްގައި އޮތް ޕްރޮގްރާމެއްގައި އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވާނެ." ރަޖިސްޓްރާ އަޙްމަދު ރައޫފް ވިދާޅުވިއެވެ.

އަޙްމަދު ރައޫފް ވިދާޅުވީ އެ ޔުނިވަރސިޓީއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޯސްތައް ހިންގުމަށް ބޭނުންވާ ޖާގަ، މިހާރު އެ ޔުނިވަރސިޓީ ހިންގަވާ ޢިމާރާތުން ލިބެން ނެތުންކަމަށެވެ. އެ ޔުނިވަރސިޓީގައި މިވަގުތު ކިޔަވައިދެއްވަނީ ޖުމްލަ 20 ކްލާސް ރޫމްގައެވެ.

"ޔުނިވަރސިޓީއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން. މިފަހަރުވެސް ޖާގައިގެ ދަތިކަމުގެ ސަބަބުން ، އަސްލު ބައެއް ޕްރޮގްރާމްތަކަށް ވަރަށް ތަރުޙީބު ލިބޭ. އަޅުގަނޑުމެން ހަމަ ވަރަށް މަދުން ޖާގަ ހުޅުވާ ލާފަ ހުންނަނީ. ބައެއް ޕްރޮގްރާމްތައް އަޅުގަނޑުމެން ހުންނާނެ 30 ހަށް ވެސް ދަށްކޮށްފައި" ރައޫފް ވިދާޅުވިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް އައިޔޫއެމްގެ ކޯސްތައް ފެއްޓެވުމަށް އެ ޔުނިވަރސިޓީއިން ތައްޔާރުވެވަޑައިގަންނަވަމުން އަންނަކަމަށް އައިޔޫއެމްއިން ހާމަކުރައްވައެވެ. އެގޮތުން އއ. ހިމަންދުއާއި އެ އަތޮޅު ރަސްދޫގައި އެ ޔުނިވަރސިޓީގެ ދެ ޕްރޮގްރާމެއް ހިންގަވާކަމަށް އެ ޔުނިވަރސިޓީއިން ވިދާޅުވެއެވެ. އަދި ރާއްޖޭގެ އެހެން އަތޮޅުތަކުންވެސް އެ ޔުނިވަރސިޓީގެ ކޯސްތައް ފެއްޓެވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އައިޔޫއެމްއިން ވިދާޅުވެއެވެ. އައިޔޫއެމްގައި ހިންގަވާ ކޯސްތަކުގެ ތެރޭގައި ދީނީކޯސްތަކާއި، ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ ކޯސްތަކާއި ޓީޗިންގ ކޯސްތަކާއި އިސްލާމިކް ފައިނޭންސްގެ ކޯސްތައް ހިމެނެއެވެ.