ޚަބަރު

"މަސައްކަތްތެރިންގެ ޙައްޤު ރައްކާތެރިކުރުން- ސަރުކާރުގެ އަމާޒެއް"


ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެމީހުންނަށް ޙައްޤުވާ އުޖޫރައާއި ޚިދުމަތްދޭ، ތަހުޒީބް މުޖުތަމަޢުތަކަށް ރާއްޖެ ހައްދަވާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އިންސާނީ ވަގުފާރި ހުއްޓުވުމުގެ ޤާނޫނާބެހޭ މަޢުލޫމާތު ދެއްވުމަށް ބޭއްވެވި މަޝްވަރާ ބައްދަލުވުން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންސާނީ ވަގުފާރި ހުއްޓުވުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލައްވާ ސިޔާސަތާގުޅޭ މަޝްވަރާ ބައްދަލުވުމަކީ އިކޮނޮމިކް މިނިސްޓަރީއާއި، އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަން އަދި ކަމާ ގުޅުންހުރި ބޭރުގެ ފަރާތްތައް ގުޅިވަޑައިގެން ބާއްވަވާ ބައްދަލުވުމެކެވެ.

ހޮޓެލް ޖެންގައި މިއަދު މި ބައްދަލުވުން ފަށްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ވަޒީފާގެ ބާޒާރު މީގެ ކުރިން ދުވަހަކުވެސް ނުދެކޭވަރަށް ތިޔާގިވެފައިވާކަމަށެވެ. 2013 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީން ސަރުކާރާ ޙަވާލުވެވަޑައިގަތީ، ތިން އަސާސެއްގެ ލަނޑުދަނޑިތަކެއް ޙާސިލްކުރެއްވުމަށް ކަމަށާއި، އެއީ ރާއްޖޭގެ އިޤްތިޞާދު މުޅިން ބަދަލުކޮށްލައްވައި ރާއްޖޭގެ އާބަދީގެ ނިސްބަތުން ބޮލަކަށްޖެހޭ މިންވަރު ދެގުނައަށް އިތުރުކުރެއްވުމާއި، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ތިއާގިކަން ގެންނެވުމާއި، އިޤްތިޞާދަށް އަންނަ ތަރައްޤީގެ ތެރެއިން އިޖުތިމާޢީ ހަމަޖެހުމާއި ޢަދާލަތު ޤާއިމްކޮށްދެއްވުންކަން މިނިސްޓަރ ސަޢީދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ވަޒީފާގެ ބާޒާރު ތިޔާގިވާއިރު، އެ ބާޒާރުގައި ދިވެހިންނެކޭ އެއްފަދައިން ބިދޭސީންވެސް އިތުރުވާނެކަމަށެވެ. ނަމަވެސް ސަރުކާރުން ކުރައްވާ މަސައްކަތަކީ ވަޒީފާގެ ބާޒާރަށް އަންނަ ތިޔާގިކަމުގެ ތެރެއިން ދިވެހިން ވަޒީފާއަށް އަހުލުވެރިކުރެއްވުވުންކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. މި ކަމަށްޓަކައި ސަރުކާރުން މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިންގަވާ މަޝްރޫޢުތަކާއި، ޢުމްރާނީ މަޝްރޫޢުތައް ނިންމަވާއިރު، އާބާދީގެ ނިސްބަތުން ބޮލަކަށްޖެހޭ މިންވަރު އިތުވާނެކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

"މި މަސައްކަތް ކުރަމުންދާއިރު ފަންސާއަހަކަށް ރިސޯޓް މިޤައުމުގައި ހެދެމުންދާއިރު، އެތައް އެތައް އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓެއް ހެދެމުންދާއިރު، މިޤައުމު އެބަ ޑިމާންޑްކުރޭ މި ޕްރޮޖެކްޓްތައް ނިންމަން. މި މަސައްކަތް ނިންމާ ބޮލަކަށްޖެހޭ އާމްދަނީގެ ނިސްބަތް އިތުރުކުރުން. ސަބަބަކީ އަޅުގަނޑުމެންގެ ޤައުމު އޮތީ ސާދަ ބިލިއަން ރުފިޔާގެ އާމްދަނީއަކަށް ތައްޔާރުވެފައެއް ނޫން." މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީންނާމެދު ޢަމަލުކުރާ ގޮތް، ނާތަހުޒީބު މުޖުތަމަޢުތަކުގައި ކަންތައްތައް ކުރާގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން ރާއްޖެ އެތެރެވާ ބިދޭސީންނަކީ އެމީހުންގެ ޙައްޤުތައް ރައްކާތެރިވެފައިވާ، އެ މީހުންނަށް ޙައްޤު އުޖޫރައާއި މުސާރަ ދެވޭ، އަދި ތަހުޒީބް މުޖުތަމަޢުތަކުގައި ބިދޭސީންނަށް ދޭ ޚިދުމަތްތަކާއި ވަޞީލަތްތަ ފަހިކުރެވިފައިވާ ބަޔަކަށް ހައްދަވަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ، އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ ރާއްޖޭގެ ލޭބަރ މާރކެޓަކީ ތަހުޒީބު އަދި ތަހުޒީބް ވަމުންދާ ޤައުމުތަކުގައި މިކަން ކުރާ އުޞޫލުން ކުރެވޭނެކަން. އެއީ ހުރި ގޮންޖެހުންތަކާއެކު ވެސް ޔަޤީންކުރުން." މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

އެންޓި-ހިއުމަން ޓެރެފިކިން ޤާނޫނު ނުވަތަ އިންސާނީ ވަގުފާރި ހުއްޓުވުމާބެހޭ ޤާނޫނަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމާއި ޙަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ތަޞްދީޤްކުރެއްވި ޤާނޫނެވެ. މި ޤާނޫނު ތަޞްދީޤްކުރައްވައި ޢަމްލުކުރައްވަން ފަށްޓަވާފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.