ޚަބަރު

ސަރުކާރުގެ އަމާޒު ހުރީ ޞިއްޙީ ނިޒާމްގެ ފެންވަރު ރަނގަޅު ކުރުމަށް


ސަރުކާރުން ފާއިތުވެދިޔަ ތިންއަހަރު ސިއްޙި ދާއިރާގެ ކަންކަން ރަނގަޅުކުރެއްވުމުގައި އެންމެ އިސްކަންދެއްވީ ޚިދުމަތްދެއްވާ ތަންތަން މަރާމާތުކުރައްވައި ޑޮކްޓަރުން ހޯއްދެއްވުމަށް ކަމަށާއި، މިހާރު މިދާއިރާގެ މިސްރާބު ހުރީ، ޞިއްޙީ ނިޒާމްގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ކަމަށް ހެލްތު މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ތިލަދުންމަތީ އިތުރުބުރީ އަތޮޅު ހޮސްޕިޓަލްގައި ބޭއްވެވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތިލަދުންމަތީ އުތުބުރީ އަތޮޅު ހޮސްޕިޓަލްގައި ބައެއް ޚިދުމަތްތައް ފެށްޓެވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދު ﷲ ޔާޡިމް އިބްރާހީމް ވަނީ ވޭތުވެދިޔަ ތިންއަހަރު ސަރުކާރުން ޞިއްޙީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. ހެލްތު މިނިސްޓަރ ވިދާޅުވީ، މިސަރުކާރުން ޞިއްޙީ ނިޒާމްގެ ތެރެއިން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ، ޞިއްޙީ ޚިދުމަތް ފުޅަކުރައްވައި ޞިއްޙީ ނިޒާމް ޢާންމުކުރެއްވުން ކަމަށެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަންތން މަރާމާތުކުރެއްވުމާއި، ހުރިހާ ރަށެއްގައި ބޭސްފިހާރަތައް ހުޅުއްވުމާއި، ޑޮކްޓަރުން ނެތް ތަންތަނަށް ޑޮކްޓަރުން ލެއްވުންކަމަށެވެ. މިކަންތައްތައް ކާމިޔާބުކަމާއެކު ފުރިހަމަ ކުރައްވާފައިވާއިރު، ސަރުކާރުގެ މިހާރު މިސްރާބަކީ ސިއްޙީ ނިޒާމްގެ ފެންވަރު ރަނގަޅުކުރެއްވުމަށްކަމަށް ހެލްތު މިނިސްޓަރ ވިދާޅުވި. އޭގެތެރޭގައި، ޞިއްޙީ ދާއިރާގެ ވަޞީލަތްތައް އިތުރުކުރެއްވުމާއި ޞިއްޙީ ދާއިރާގެ ފަންނުވެރިންނާއި ހިންގުންތެރިންނަށް ތަޖުރިބާއާއި ތަމްރީން ހޯއްދަވައިދެއްވުން ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ނާޘިމްގެ ވާހަކަފުޅުގައި އައިޖީއެމްއެޗަކީ ރައްޔިތުންގެ ޞިއްޙީ ނިޒާމްގެ 80 އިންސައްތައަށްވުރެ ބޮޑު ބައެއް ބަރޯސާވެފައިވާ ތަންކަން ފާހަގަކުރައްވައި 25 ބުރީގެ ޑައިގްނޯސްޓިކް ސެންޓަރެއް އެޅުއްވުމަށް ރައީސް ނިންމެވުމަކީ އެމަނިކުފާނު ރައްޔިތުންގެ ޞިއްޙަތަށް ދެއްވާ އަހަމިއްޔަތުކަން ކަމަށް ވިދާޅުވިއެވެ. ހެލްތު މިނިސްޓަރ ނާޡިމް ވަނީ ޞިއްޙީ ދާއިރާއަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަޞައްވުރު ކާމިޔާބުވާ ދުވަހަކީ ދިވެހި ރައްޔިތުން އެންމެ އުފާވެގެންދާނެ ދުވަސްކަމަށް ސިފަކުރައްވާފައެވެ.

ހެލްތު މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ، ޞިއްޙީ ޚިދުމަތް ހޯދަން އަންނަ ރައްޔިތުންނަށް، އޯގާތެރިކަމާއެކު ބަސްބުނެ، އޯގާތެރިކަމާއެކު ޚިދުމަތްދިނުމަށް ޞިއްޙީ ޚިދުމަތްދޭ ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ. ޞިއްޙީ ވުޒާރާއިން މިހާރު ބާރުއަޅުއްވަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ޞިއްޙީ ޚިދުމަތްދޭ ކޮންމެ ތަނަކީ އޯގާތެރިކަމާއެކު ޚިދުމަތްދޭ ތަނަކަށް ހެއްދެވުން ކަމަށާއި، އެގޮތަށް ޚިދުމަތްދެއްވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ޞިއްޙީ ޚިދުމަތަށް ދެއްވުމުގައި އެއްވެސް ފަރާތަކުން މިދާއިރާއަށް އިޙހުމާލުނުވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

"ސިއްޙީ ޚިދުމަތަށް އެއްއަހަރު ނުވަތަ ދެއަހަރު އަޅާނުލާ އޮވެއްޖެނަމަ އެ ހާލަތު ވަރަށް ނިކަމެތި ހާލަތަކަށް ބަދަލުވެގެންދާނެ. ސިއްޙީ ދާއިރާ ތަރައްޤީކުރުމަކީ ބްރިޖެއް އަޅާފަދައިން ނުވަތަ އިމާރާތެއް އަޅާފަދައިން، ކޮންސްޓަރކްޝަން ކުންފުންޏެއް ގެނެސް ޕައުންޑޭޝަން އަޅާފަދައިން ކުއްލިއަކަށް ކުރާ ޚަރަދަކުން ނިންމާލެވޭނެކަމެއް ނޫން. އެއީ ވަކި ހާލަތްތަކެއް މެދުވެރިވަމުން، ތަރުތީބަކުން ތަރައްޤީކުރަމުން ގެންނަންޖެހޭކަމެއް. ކުއްލިއަކަށް ސިއްޙީ ނިޒާމް ފުޅަލެއް ނުކުރެވޭނެ. ކުއްލިއަކަށް ސިއްޙީ ނިޒާމް ފެވަރު ރަނގަޅެއްވެސް ނުކުރެވޭނެ. އެކަން ކުރަންޖެހޭނީ ދެމެހެއްޓެނިވި ގޮތެއްގައި. އެއަށް އަބަދުމެ އަޅާލަމުން. އެއްވެސް އިރެއްގައި އިޙުމާލުވުމެއްނެތި." މިނިސްޓަރ ނާޡިމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޞިއްޙީ ދާއިރާއަށް އައިސްފައިވާ ބަދަލުތައްތަކާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޙާލަތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވަންވީ ބަޔަކީ ރަށު ކައުންސިލްތަކައި އަތޮޅު ކައުންސިލް މެމްބަރުންނަށް ކަމަށެވެ. އެހެންކަމުން މިކަންކަމުގެ ޙަޤީގަތް ރައްޔިތުންނަށް ކޮންމެހެންވެސް ހާމަކޮށްދެނޭޖެހޭ ބަޔަކީ ކައުންސިލް މެމްބަރުން ކަމަށާއި، ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރައްވަން ތިއްބެވި އެ މެމްބަރުން އެކަންކަން ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް މިނިސްޓަރ ކައުންސިލްތަކަށް އިލްތިމާސްކުރެއްވިއެވެ.