ކުޅިވަރު

ޤައުމީ ވޮލީ ޓީމް ރަން މެޑެއްޔަކަށް


ރާއްޖޭގެ ޓީމް ސެންޓަރަލް ޒޯން ވޮލީ މުބާރާތަށް ވީތައްޔާރީތަކަށް ބަލާފަ، މިފަހަރު ރަން މެޑަލަކަށް ވަރަށް ބޮޑަށް އުއްމީދު ކުރެވޭކަމަށް ގައުމީ ސީނިއާރ ވޮލީ ޓީމްގެ ކޯޗް ސްރީލަންކާގެ ވެންޑާރ ކޫން ބުނެފިއެވެ. 

މިއަންނަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓަރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ވެންޑަކޫން ބުނީ ލަންކާގައި ކުރެވުނު ތަމްރީންތަކަށް ބަލާފަ، އަދި ޓީމް މިވަގުތު އޮތް ފޯމަށް ބާލާފަ، ރާއްޖެއަށް ރަން މެޑަލެއް ނުލިބެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. މިއަދު ރާއްޖޭގެ ޓީމްވަނީ ބަންގްލަދޭޝްގައި ފުރަތަމަ ތަމްރީންތަށް ކުރިއަށް ގެންގޮސްފައެވެ. 

"  ޓީމަށް ވަރަށް ބޮޑު ބަދަލްތަކެއް އައިސްފައި މިވަނީ. ރާއްޖޭގެ ޓީމް މީގެ ކުރިން ޑިފެންސަށް ދަށް ނަމަވެސް މިހާރު ރާއްޖޭގެ ޓީމްގެ ހުރިހާ ޓިޕާޑްމަންޓްތަކެއް ވަރަށް ފުރިހަމަ" ސީނިއާ ޓީމްގެ ކޯޗް ވެންޑަކޫން ބުންޏެވެ.

img:http://s1.psmnews.mv/images/660x400/14822455352754.jpg|ޓީމްގެ ކެޕްޓަން އިޝާން މުހައްމަދު

ޓީމްގެ ކެޕްޓަން އަދި އެންމެ ތަޖްރިބާކާރު އެއް ކުޅުންތެރިޔާ އިޝާން މުހައްމަދު ބުނީ އެންމެ ފަހު ސެންޓަރަލް ޒޯންގެ ވޮލީ މުބާރާތުގެ ފައިނަލްގައި ރާއްޖެ ބަލިވީކަމުގައިވީ ނަމަވެސް މިއީ ތަފާތު ފަހަރެއްކަމަށެވެ. މީގެ ކުރިން ދުވަހަކުވެސް ރާއްޖެއިން މުބާރާތަކަށް ތައްޔާރުނުވާ ވަރަށް މިފަހަރުގެ މުބާރާތަށް ތައްޔާރުވެފައިވާކަމަށް އިޝާން ބުންޏެވެ.

" މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމްތަކަކީ ރާއްޖެއިން މީގެ ކުރިން ބަލިކޮށްފައިވާ ޓީމްތަކެއް، އެހެންކަމުން މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމްގެ ކުޅުންތެރިންގެ ހިއްވަރުވެސް ކުރިއަށްވުރެ ވަރުގަދަވާނެ " އިޝާން ބުންޏެވެ.

މިފަހަރުގެ ސެންޓަރަލް ޒޯން ވޮލީ މުބާރާތުގައި ބައިވެރިވެފައިވަނީ ރާއްޖެއާއެކު ފަސް ޓީމެވެ. އެއީ ކިރިގިސްތާން، ނޭޕާލް، އަފްގާނިސްތާން އަދި މުބާރާތް ބައްވާގައުމް ބަންގްލަދޭޝްއެވެ.