ޚަބަރު

2017ވަނަ އަހަރަކީ ގިނަ މަޝްރޫޢުތަކެއް ނިމިގެންދާނެ އަހަރެއް!


2017 ވަނަ އަހަރު ވެގެންދާނީ މިހާރު ސަރުކާރުން ފަށްޓަވާފައިވާ ތަރައްޤީއާ ގުޅުންހުރި މަޝްރޫޢުތައް ނިމިގެންދާ އަހަރަކަށް ކަމަށް ހައުސިން މިނިސްޓަރ ހާމަކުރައްވައިފިއެވެ. ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި ކުދި އާބާދީ ތަކާއި ބޮޑު އާބާދީއަށް ތަފާތު ނުކުރައްވާނެ ކަމަށެވެ. img:http://s2.psmnews.mv/images/660x400/6042.jpg|ޅައިމަގު ފަޅު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން - ފައިލް ފޮޓޯ: ޕީއެސްއެމް

ފާއިތުވި 3 އަހަރަކީވެސް ރާއްޖޭގެ ތަރައްޤީގެ ދުވެލި ބާރު ސްޕިޑްގައި ކުރިއަށްދިޔަ 3 އަހަރުއެވެ. އަދި 2016 ވަނަ އަހަރަކީ އެހެން އަހަރުތަކާއި ޚިލާފަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ފަށްޓަވައި، ގިނަ މަޝްރޫޢުތަކެއް ނިންމެވި އަހަރެއްވެސްމެއެވެ. 2017 ވަނަ އަހަރަށް ޕްލޭންކުރައްވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 2017 ވަނަ އަހަރު ވެގެންދާނީ މިހާރު ސަރުކާރުން ފަށްޓަވާފައިވާ ތަރައްޤީއާ ގުޅުންހުރި މަޝްރޫޢުތައް ނިމިގެންދާ އަހަރަކަށް ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ބަޖެޓުގައިވެސް އިސްކަންދެއްވާފައިވާނީ، މިހާރު ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުތައް ނިންމުމަށް ކަމަށެވެ.

އަންނަ އަހަރުގެ ތެރޭގައި ލަފާފުރުމުގެ ދަތިކަން ހައްލު ކުރުމަށް ރައީސް ޔާމިންގެ މެނިފެސްޓޯގައި ކަނޑައާޅުއްވާފައިވާ ވައުދު ފުއްދުމަށްޓަކައި، ކުދި އާބާދީތަކުގައި މިހާރު ލާފާފުރުމުގެ ދަތިކަން ހައްލު ނުވެ ހުރި ރަށްރަށަށް ހައްލުތަކެއް ގެނެސްދެއްވުމަކީ އަންނަ އަހަރުގެ އެންމެ ބޮޑުއެއް އަމާޒުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މ އެގޮތުން ކުދިކުދި އާބާދީ ހުރި ހަތަރު ފަސް ރަށެއްގެ ޖެޓީ ހެދުމަށް ހިމަނާފައިވާނެ. އަދި ބޭސިކް އެކްސެސް ދިނުމަށް ހިމަނާފައިވާނެ މި ރަށްރަށުގައި. ރަށްރަށުގައި ހުރި ޖެޓީތައް، ގިނަ ރަށްރަށުގައި ހުރީ ނޭރޭވަރަށް ހަލާކުވެފައި. ވަރަށް ގެއްލުންވޭ ގިނަ މީހުންނަށް. އެ ރަށެއް2017 ގައި މީހުން އުޅެންޏާ އަރާ ފޭބެން ޖެހޭ ކަމަށް ސަރުކާރުން ޤަބޫލުކުރަނީ." ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14637636529054.jpg|މާލޭ ޖެޓީ ސަރަހައްދު - ފައިލް ފޮޓޯ: ޕީއެސްއެމް

2017 އަހަރުގެ ބަޖެޓުގައި ލަފާފުރުމުގެ ދަތިކަން ހައްލު ކުރެއްވުމަށް 60 މަޝްރޫޢު ހިމަނުއްވާފައިވެއެވެ. މީގެތެރެއިންވެސް އެންމެ ބޮޑު ހޭދައެއް ކުރެއްވުމަށް ނިންމަވާފައިވަނީ، ވައިގެ ބަނދަރު ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢުތަކަށެވެ. ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ގދ. ފަރެސްމާތޮޑާ، އަދި ފ. ނިލަންދޫ އެއާޕޯރޓް ތަރައްޤީ ކުރުއްވުމުގެ މަޝްރޫޢު ފާހަގަ ކޮށްލެވެއެވެ.

ބަނދަރު ހެއްދެވުމުގެ އިތުރުން މަގު ހެއްދެވުންވެސް އެއީ އިސްކަންދެއްވާ ކަމެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ކުރިން މަގު ހެދުމުގެ ތެރޭގައި ނުހިމެނޭ މަގުބައްތިޖެހުން ފަދަ ކަންކަން މި އަންނަ އަހަރު ބަޖެޓުގައި ހިމަނުއްވާފައިވާނެ ކަމަށެވެ.

މާލޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައްވެސް އަންނަ އަހަރަށް ޕްލޭން ކުރެވިފައިވެއެވެ. މިގޮތުން މާލޭގެ އިރުމަތީ ފަރާތް އިތުރަށް ތަރައްޤީ ކުރުމަށްވެސް 2017 ވަނަ އަހަރަށް ބަޖެޓް ކުރައްވާފައިވެއެވެ.