މުނިފޫހިފިލުވުން

"ލައިޝާގެ ފޮޓޯޖެހި އެކްސްއެލް ދަޅު ފެބްރުއަރީމަހު ބާޒާރަށް"


ލައިޝާ ޖުނައިދޭ ބުނުމުން އެއީ ކޮން ފަންނާނެއްކަން ނޭންގޭނެ މީހެއް މިހާރު ރާއްޖޭގައި މަދުވާނެއެވެ.

ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި ބޭއްވި އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ސީޒަން އެކެއްގެ އޮޑިޝަންތައް ޓީވީއިން ދައްކަން ފެށި ހިސާބުން، "ލައިޝާ" މި ނަން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމު ނަމަކަށް ވެގެންދިޔައެވެ. ވަކިން ޚާއްޞަގޮތެއްގައި ލައިޝާގެ ލަވަކިޔުމުގެ ހުނަރުވެރިކަމާއި، ޝޯވއަކަށްފަހު، ޝޯވއެއްގައި އޭނާގެ ފަރާތުން ފެންނަމުންދިޔަ ފޯރިގަދަ ހުށައެޅުންތަކަށް ޢާއްމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން، އައިޑަލްގެ ފުރަތަމަ ސީޒަންގެ ފައިނަލްގައި ފިރިހެން 2 ބައިވެރިންނާ ވާދަކުރުމަށްފަހު، ފުރަތަމަ މޯލްޑިވިއަން އައިޑަލްގެ ތަށި ލައިޝާ އުފުލާލިއެވެ. މިއީ އައިޑަލް ފްރެންޗައިޒްގެ ދެކުނު އޭޝިއާގެ ތާރީޚްގައިވެސް އަންހެން ބައިވެރިއަކު، އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފްރެމެންޓަލް މީޑިއާއިންވެސް ވަނީ ފާހަގަކޮށްފައެވެ.

ސީޒަން އެކެއްގެ ކާމިޔާބު ޝޯވތަކަށްފަހު، އައިޑަލްގެ ސީޒަން ދޭއް ޢާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ޕީ.އެސް.އެމްގެ އައިޑަލް ޓީމުން މިހާރު ތައްޔާރުވަމުން އަންނައިރު، އަނެއްކާވެސް މިއޮތީ ލައިޝާއާ ގުޅުހުން ހުރި ތަފާތު ވާހަކައެކެވެ. މިފަހަރު، ލައިޝާގެ ނަން އަނެއްކާވެސް އާންމުވެގެން މިދަނީ މި ޝޯވގެ ބެވަރެޖް ޕާޓްނަރކަމުގައިވާ އެކްސެލް އެނަރޖީ ޑްރިންކާ ގުޅުވާލެވިގެންނެވެ.

ލައިޝާއަށް ޚާއްޞަކޮށްގެން އޭނާގެ ފޮޓޯ ހިމަނައިގެން އެކްސް.އެލްގެ ސްޕެޝަލް އެޑިޝަނެއް ނެރުމަށް ނިންމައި، މިހާރު މިވަނީ އެދަޅުތައް ޢާއްމުންނަށް ދައްކާލާފައެވެ. ބައެއް ޚާއްޞަ މުނާސަބަތުތަކާއި، އެކުންފުނިން ސްޕޮންސަރކުރާ އިވެންޓްތަކަށް ޚާއްޞަކޮށްގެން، އެކްސް.އެލްއިން މިފަދަ އެޑިޝަންތައް ނެރެމުންދާއިރު، މިއީ ދިވެއްސެއްގެ ފޮޓޯ ހިމަނައިގެން މިފަދަ ޕްރޮޑަކްޓެއް ނެރޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

"ވަރަށް އުފާވޭ މިކަހަލަ ކަމެއް އަސްލު ވާތީ. މިފުރުޞަތު ލައިއަށް ހޯދައިދިނީތީ، ޕީ.އެސް.އެމްއަށް ޝުކުރު އަދާކުރަން ބޭނުން، ދަޅުގެ ޑިޒައިނާއެއްވަރަށް ރަހަވެސް ތަފާތުވާނެކަމަށް، މީރު ވާނެކަމަށް އުއްމީދު މިކުރަނީ"- ލައިޝާ

ލައިޝާގެ ޝުޢޫރުތައް މިގޮތަށް ހުރިއިރު، އެކްސެލްއިން މިހާރު އަންނަނީ ރާއްޖޭގެ ބާޒާރަށް، ލައިޝާގެ ސްޕެޝަލް އެޑިޝަން ނެރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި، ރާއްޖޭގެ ބާޒާރަށް މި ދަޅުތައް ނެރުމަށް ނިންމާފައިވާކަމަށް އެކްސް.އެލްގެ ސްލޭސް އެގްޒެކެޓިވް މާސިން ޑިކްސާ ވަނީ ވިދާޅުވެފައެވެ.

ކޮންމެއަކަސް އެކްސެލްގެ ފަރާތުން ރާއްޖޭގެ ބާޒަރަށް، ލައިޝާގެ ފޮޓޯއާއެކު ނެރޭ އެކްސް.އެލްގެ ސްޕެޝަލް އެޑިޝަން ވެގެންދާނީ، ލައިޝާގެ އިތުރުން، އޭނާއަށް ސަޕޯޓްކުރާ ފަރާތްތަކަށްވެސް ލިބިގެންދާނެ އިތުރު ހިތްހަމަޖެހުމަކަށެވެ.