ޚަބަރު

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލަނީ


ކާރިސާތަކުން ލިބޭ ގެއްލުންކުޑަކޮށް ދުރާލާ ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ކަނޑައަޅުމުގެ ގޮތުން 5 އަހަރު ދުވަހުގެ ޤައުމީ ޕްލޭނެއް އެކުލަވާލުމަށް ކަމާ ބެހޭ ދާއިރާތަކާއި އެކު ބައްދަލުވުމެއް ފަށައިފިއެވެ. 

ބަނޑޮސް އައިލެންޑް ރިސޯޓުގައިފެށި މި ބައްދަލުވުން ނިމޭއިރު ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ މަޢުލޫމާތު އެއްކުރެވި މިކަމުގައި އެކި އިދާރާތަކުގެ ދައުރާއި ގުޅޭގޮތުން މަޝްވާރާކުރެވި މިކަމަަށް ބޭނުންވާ ޤައުމީ ޕްލޭންގެ ދެލިކޮޕީ އެކުލަވާލެވިގެންދާނެކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއެވެ. 

ބަނޑޮސް މޯލްޑިވްސްގައި ކުރިއަށްދާ މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރެވެ. 

މި ބައްދަލުވުން ފައްޓަވައިދެއްވުމަށްފަހު، ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވިދާޅުވީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕުލޭން އެކުލަވާލުމަށް ބޭއްވޭ ބައްދަލުވުމަކީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ވަރަށް މުހިންމު ބައްދަލުވުމެއްކަމަށެވެ. އަދި މިބައްދަލުވުމުގައި އެކުލަވާލަން މަސައްކަތްކުރާ  ޕުލޭންގެ ސަބަބުން ކުރިއަށް އޮތްތަނުގައި ދިމާވާ އެކި ކަހަލަ ކާރިސާތަކުން އަރައިގަތުމަށާއި، ރައްކާތެރިވެ ތިބުމަށް މުހިންމު ކަންތައްތަކެއް ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރުގެ ނައިބް ފާތިމަތު ތަސްނީމް ވިދާޅުވީ މި ބައްދަލުވުމުގައި މަޝްވަރާކުރެވޭ ކަންތައްތައް އެކުލަވާލާ، ޑިޒާސްޓަރ މެނޭޖްމަންޓް ޕުލޭނުގެ ދެލިކޮޕީއެއް އަންނަ އަހަރުގެ ޖަނަވަރީ މަހުގައި އެކުލަވާލާނެކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މި ޕްލޭން ތަންފީޒުކުރައްވަން ފައްޓަވާނެކަމަށް ތަސްނީމް ވިދާޅުވިއެވެ. 

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން އިންތިޒާމްކޮށްގެން ޔޫ.އެން. އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ ޕެސިފިކް(އެސްކަޕް) ގެ އެހީތެރިކަމާއެކު ކުރިޔަށްދާ މި ބައްދަލުވުމުގައި، ކާރިސާތަކާ ގުޅުންހުރި ހުރިހާ ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. މި ޕުލޭން އެކުލަވާލުމުގައި އެހީތެރިވެ ދެއްވަނީ ތިމާވެއްޓާ ބެހޭ ދާއިރާގެ ތަޖްރިބާ ކާރެއްކަމަށްވާ ޑރ އަންޝޫ ޝަރުމާ. މިއީ ދެ ދުވަހުގެ ބައްދަލުވުމެކެވެ.