ކުޅިވަރު

16 އަހަރުގެ ތީބާގެ ގޯލުން ރާއްޖެ މޮޅުވެއްޖެ


ރަޙްމަތްތެރިކަމުގެ މެޗެއްގައި ޔޫއޭއީ އަތުން ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު މޮޅުވެއްޖެއެވެ.

މި މަހު އިންޑިޔާގައި ބާއްވާ ސާފް ވުމެންސް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް މިހާރު ޔޫއޭއީގައި ތަމްރީން ހަދަމުންދާ ރާއްޖޭގެ އަންހެން ޓީމު އެ ޤައުމުގެ އަންހެން ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. މި މެޗްގައި ރާއްޖޭގެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ރާއްޖެ ޓީމުގެ އެންމެ ޒުވާން ކުޅުންތެރިއާ އުމުރުން ސޯޅަ އަހަރުގެ ފާތިމަތު ތީބާއެވެ.

22 ކުޅުންތެރިންނާއެކު މިވަގުތު ޔޫއޭއީގައި ތަމްރީން ހަދަމުންދާ އަންހެން ޓީމު މި ޓްރޭނިންގ ކޭމްޕް ނިންމާލުމަށްފަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ ބާވީސްވަނަ ދުވަހުއެވެ. މިމަހުގެ ސައްބީހުން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އިންޑިޔާގައި ކުރިއަށްދާ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނެނީ ނޭޕާލްއާ، ބޫޓާންއާ، ސްރީލަންކާއާއެކު ގްރޫޕް އޭގައެވެ. ގްރޫޕް ބީގައި ހިމެނެނީ އިންޑިޔާ ބަންގްލަދޭޝް އަދި އަފްޤާނިސްތާންއެވެ.

 މުބާރާތުގައި ރާއްޖެ މިމަހުގެ 26 ވަނަ ދުވަހު ފުރަތަމަ ނުކުންނަން ޖެހެނީ ސްރީލަންކާއާ ދެކޮޅަށެވެ.