ޚަބަރު

"ތެޔޮ ނެގުން މަޑުޖައްސާލީ އެކަށޭނަ ގޮތެއްގައި އެކަން ކުރުމަށް"


ރާއްޖޭގައި ތެޔޮ ހުރިކަން މިހާރު ޔަޤީންވެފައިވީނަމަވެސް ރާއްޖޭގެ ސަރަޙައްދަކުން ތެޔޮ ނެގުމުގެ މަސައްކަތް މަޑުޖައްސަވާލައްވާފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރަށް ބަލާއިރު މިކަމަށް އެންމެ ރަނގަޅު ކޮންޓްރެކްޓަރަކު ކުރިމަތިލާނެކަމުގެ ޔަޤީންކަން ނެތުމުންކަމުގައި ފިޝަރީޒް މިނިސްޓަރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. ފިޝަރީޒް މިނިސްޓަރ ވިދާޅުވީ މިކަމަށް އެދި މިހާރުވެސް ދުނިޔޭގެ ބައެއް ކުންފުނިތަކުން ސަރުކާރާ ވާހަކަދައްކަމުން އަންނަކަމުގައެވެ.

ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް ރާއްޖޭގައި ހިނގަމުންދާ އިޤްތިޞާދީ މަސައްކަތްތައް އެހެން ލެވެލަކަށް ގެންގޮސް ދުވަހަކުވެސް ރާއްޖެ ނުދެކޭފަދަ ފުދިފައި އޮތް އިޤްތިޞާދެއް ރާއްޖޭގައި ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުން ފެއްޓެވި އެއް މަޝްރޫޢަކީ ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރުމައްޓަކައި ސަރުކާރުން ވަނީ ޖަރުމަނުގެ ހެމްބަރގް ޔުނިވަރސިޓީގެ އެހީގައި ދިރާސާއެއް ކުރައްވާފައެވެ. މި ދިރާސާއިން ދައްކާގޮތުން ތެޔޮ ހުންނަ ސަރަޙައްދުތަކުގައި އުފެދޭ ކަހަލަ ކޯލްޑް ވޯޓާ ކޮރަލްސް ރާއްޖެއިން ފެނިފައިވެއެވެ. މި މުރަކަތައް ފެނިފައި ވަނީ މާލޭ އެނބޫދޫ ފަރާއި ތ. އަތޮޅުގެ ސަރަޙައްދަކުންނެވެ.

މީގެ އިތުރުން 'ކޮންޓިނެންޓަލް ކްރަސްޓެއް' ވެސް ރާއްޖޭގެ ކަނޑުގެ އަޑިން ފެނިފައިވާ ކަމަށާއި އެއީވެސް ރާއްޖޭގައި ތެޔޮ ހުރިކަމުގެ ނިޝާނެއް ކަމަށް ޖަރުމަނުގެ ހެމްބާގް ޔުނިވަރސިޓީ ދިރާސާގައި ބަޔާންކޮށްފައިވެއެވެ. ރާއްޖޭގައި ތެޔޮ ހުރިކަން ޔަޤީންވި ނަމަވެސް ތެޔޮ ނެގުމަށާއި އަދި ތެޔޮ ނައިގައިގެން ދެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ސަރވޭތަކެއް ހަދަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވިއެވެ. އެގޮތުން އެންމެ ރަނގަޅު ރިޒާވެއް ހުރީ ރާއްޖޭގެ ކޮން ސަރަޙައްދެއްގައިތޯ ބެލުމާއި ހުރީ ކޮންބާތެއްގެ ތެލެއްތޯ ޔަޤީންކޮށް ހުރި ޢަދަދެއް ޔަޤީންކުރަންޖެހޭ ކަމަށް ޝައިނީ ވިދާޅުވިއެވެ. އަދި މިވަގުތު މި ޕްރޮޖެކްޓް މަޑުޖައްސާލާފައި އޮތީ ދުނިޔޭގެ ތެލުގެ ބާޒާރަށް ބަލާއިރު އެންމެ އެކަށޭނަ ބަޔަކު މިކަމަށް ކުރިމަތިލާފާނެ ކަމަށް ނުބެއްލެވެތީ ކަމަށް ޝައިނީ ވިދާޅުވިއެވެ. އެހެންނަމަވެސް ތެލުގެ ބާޒާރު ރަނގަޅުވެ، ރަނގަޅު ބަޔަކު މި ޕްރޮޖެކްޓާ ޙަވާލުވާނެ ކަމުގެ ޔަޤީން ލިބުމުން ކޮންޓްރެކްޓަރެއް ހޯއްދަވަން ހުޅުއްވާލައްވައި މި ޕްރޮޖެކްޓްގެ 2 ވަނަ ސްޓޭޖަށް ވަޑައިގަންނަވާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އެންމެ އެކަށޭނެ ބަޔަކާ މިކަން ޙަވާލުކުރައްވައިގެން ކުރިއަށް ގެންދެވުމަށް ކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓް ރަނގަޅު ބަޔަކާ ޙަވާލު ނުކުރައްވައިފިނަމަ މިކަމުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށާއި ރާއްޖޭގެ ޓޫރިޒަމަށް ގެއްލުން ލިބޭ އެއްވެސް ގޮތަކަށް އެއްވެސް ކަމެއް މި ސަރުކާރުން ނުކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ މީގެ އެތައް މިލިއަން އަހަރު ކުރީގައި ރާއްޖޭ ބިމުގައި މީރު ފެނުގެ ކޯރެއް އޮތް ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. އެހެންނަމަވެސް މިހާރު އެކޯރު އަޑިއަށް ގޮސްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަޙައްދުގައި ތެޔޮ ހުރި ކަމަށް ބެލެވުނީ ރާއްޖޭގެ ސަރަޙައްދުގެ ބިމުގެ އަޑީގައި އެފަދަ މީރު ފެނުގެ ކޯރެއް ހުރިކަން ހާމަވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތެޔޮ އުފެދެން ބޭނުންވާ ބަޔޮލޮޖިކަލް މާއްދާތައް ހިމެނެނީ އެފަދަ ކޯރުތަކުގައި ކަމަށްވެސް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.