ޚަބަރު

ހިޖުރަކުރުމުގެ ތެރޭގައި ދުވާލަކު 20 މީހުން މަރުވޭ - އައި.އެމް.އޯ


ހިޖުރަކުރުމުގެ ތެރޭގައި ދުވާލަކު 20 މީހުން މަރުވާކަމަށާއި، މިއަހަރުގެ މިހާތަނަށް 7،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަނުން ބުނެފިއެވެ. އައި.އެމް.އޯއިން މިހެން ބުނެފައިވަނީ، މިއަހަރު ފާހަގަކުރަމުންދާ ހިޖުރަކުރާ މީހުންގެ ދުވަހާ ގުޅުވައިގެން ނެރުނު ބަޔާނެއްގައެވެ.

ހިޖުރަކުރާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ، އެއްވެސް ޙާލެއްގައި އެކަމަށް އެދިގެން އެކަން ކުރާ މީހުންކަމަށް ކަނޑައެޅޭކަން ނޯވެއެވެ. ގިނަފަހަރު އަމިއްލަ ޢާއިލާއާއި، އެވަގުތު ގައިގައި ހުންނަ އަންނައުނު ފިޔަވައި އެއްވެސް އެއްޗެއް ނުލައި ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރާ މީހާ އެނިންމުން ނިންމަނީ، އަމިއްލަ ފުރާނައާއި، ޢާއިލާގެ އެހެން މެމްބަރުންގެ ފުރާނަ ސަލާމަތްކުރެވެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށްވާތީކަމަށް ބެލެވެއެވެ. އަމިއްލަ ގެދޮރާއި، ޤައުމު ދޫކޮށް މީހަކު އެތައްހާސް މޭލެއް ދުރަށް، ކަނޑު މަގުންނާއި އެހެން ގޮތްގޮތުން ދަތުރުކުރާނީ އެހެން އެއްވެސް ގޮތެއް ނެތުމުންކަމަށް ބައިނަލްއަޤުވާމީ އުޞޫލުތައް ބަލައިގަނެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ހިނގާ ހަމަނުޖެހުންތަކާއި، ހަނގުރާމަ އަދި އިޤްތިޞާދީ މައްސަލަތަކުން ސަލާމަތްވުމަށް ހިޖުރަކުރާ މީހުންގެ ޢަދަދު އަހަރުން އަހަރަށް އެތައް ގުނައެއް އިތުރުވަމުންދާ ކަމަށް އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަނުން އައި.އެމް.އޯއިން ބުނެއެވެ. އެޖަމްޢިއްޔާއިން ބުނީ މިއަހަރު ހިމެނިފައިވަނީ ހިޖުރަކުރާ މީހުންގެ ޢަދަދު ރެކޯޑް މިންވަރަކަށް އިތުރުވި އަހަރަކަށް ކަމަށާއި، ހިޖުރަކުރުމުގެ ތެރޭގައި މަރުވި މީހުންގެ ޢަދަދުވެސް މިއަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ހިޖުރަކުރުމުގެ ތެރޭގައި 7،180 މީހުން މަރުވެފައިވާ ކަމަށް އައި.އެމްއޯއިން ބުނެއެވެ. އެ ޖަމްޢިއްޔާއިން ބުނީ ހިޖުރަކުރުމުގެ ތެރޭގައި މަރުވެފައިވާ މީހުންގެ 60 އިންސައްތަ މީހުން މަރުވެފައިވަނީ މެޑިޓަރޭނިއަން ކަނޑު ހުރަސްކުރުމުގެ ތެރޭގައި ކަމަށެވެ.

އައި.އެމް.އޯގެ ޑިރެކްޓަރ ޖެނެރަލް ވިލިއަމް ލޭސީ ސްވިންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ހިޖުރަކުރާ މީހުންގެ ޙާލަތު، ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމަށާއި، މިކަން ޙައްލުކުރުމަށް ހުރިހާ ފަރާތެއް އެކުގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހިޖުރަކުރާ މީހުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ޢަދަދު 7،000 އަށްވުރެ މަތިކަމުގައި ރިކޯޑް ކޮށްފައިވީނަމަވެސް، މިޢަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ.

އދގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ހިޖުރަވެރީންގެ މައްސަލަ ޙައްލުކުރުމަށް ދުނިޔޭގެ ޤައުމުތަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ، އިޖްތިމާޢީ މައްސަލަތައް ޙައްލުކުރަންޖެހޭ ކަމަށެވެ. މިގޮތުން ހަނގުރާމައާއި، ހަމަނުޖެހުންތައް ހުއްޓުވައި، ބަނގުރޫޓުވެފައިވަ އިޤްތިޞާދުތައް އަލުން އާލާކޮށް، ޤައުމުގައި ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކުރަން ޖެހޭ ކަމަށެވެ. އަދި ޙާލަތު ނިޔާކުރާގޮތުން ހިޖުރަކުރަން ކޮންމެހެންޖެހޭ މީހުންގެ ޙައްޤުތައް ޔަޤީންކޮށް، އެފަދަ ފަރާތްތަކަށް ބޯހިޔާވަހި ކަމާއި، ދިރިއުޅުމުގެ ޙައްޤުތައް ލިއްބައިދިނުމަކީ ހުރިހާ ފަރާތެއްގެވެސް ޒިންމާއެއް ކަމަށް ބަންކީމޫން ވިދާޅުވިއެވެ. ބަންކީމޫން ވިދާޅުވީ އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަޑިތައް އެކުލަވާލުމުގައިވެސް ހިޖުރަވެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާ ކަމަށެވެ. އަދި މިލަނޑުދަޑިތައް ޙާޞިލްކޮށްފިނަމަ، ހިޖުރަކުރާ މީހުންގެ މައްސަލަ ޙައްލުވާނެކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

އދ.ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 2،000 ވަނަ އަހަރު ހިޖުރަކުރި މީހުންގެ ޢަދަދު ހުރީ 170 މިލިއަނުގައެވެ. އަދި މި ޢަދަދު 2015 ވަނަ އަހަރު ވަނީ 244 މިލިއަނަށް އަރާފައެވެ. މީގެތެރެއިން 76 މިލިއަން ހިޖުރަވެރިން އުޅެނީ ޔޫރަޕްގެ ޤައުމުތަކުގައެވެ. 75 މިލިއަން މީހުން އުޅެނީ އޭޝިއާގެ ޤައުމުތަކުގައެވެ.

އދ.ގެ ހިސާބުތަކުން ދައްކާގޮތުގައި ހިޖުރަކުރާ ކޮންމެ 10 މީހެއްގެ ތެރެއިން އެކަކަކީ 15 އަހަރުން ދަށުގެ ކުޑަކުޖެކެވެ. ހިޖުރަކުރާ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު މަސައްލަތަކަކީ އިންސާނީ ވަގުފާރިކުރާ މީހުންގެ ޝީކާރައަކަށްވުން ކަމަށް އދ. ން ބުނެއެވެ. މި މައްސަލަ ހުއްޓުވުމަށް ހުރިހާ ޤައުމަކުން އެއްބާރުލުން ދިނުމަށް އދ.ން އިލްތިމާސްކުރެއެވެ.