ޚަބަރު

ޢަލީ މޫސާ ދީދީ އަވަހާރަ ވެއްޖެ


ދިވެހި ބަހާއި ތާރީޙަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ހ. ނަވާގަން ޢަލީ މޫސާ ދީދީ އަވަހާރަ ވެއްޖެއެވެ.

ޢަލީ މޫސާ ދީދީ އަވަހާރަވީ މިއަދު އިރުއޮއްސި 6:30 ހާއިރެވެ. ޢަލީ މޫސާ ދީދީ އަކީ ދިވެހީ ބަހާއި ތަރީޙަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މަޝްހޫރު ލިޔުންތެރިޔާ އަދި ތާރީޚީ ޚިދުމަތްތެރިއެއް ކަމަށްވާ ޢަލީ މޫސާ ދީދީ އަވަހާރަވީ ސްރީލަންކާގައި ބޭސްފަރުވާ ކުރައްވަމުން ގެންދަވަނިކޮށެވެ. ޢަލީ މޫސާ ދީދީ އަކީ ނޫސްވެރިއެއްގެ އިތުރުން ރާއްޖޭގެ ތާޜީޚް އެއްކުރައްވަން ގަދައަޅުއްވައި މަސައްކަތްޕުޅު ކުރެއްވި ފާހަގަކޮށްލެވޭ ލިޔުއްވުންތެރިއެކެވެ. ޢަލީ މޫސާ ދީދީ ވަނީ ދިވެހިރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު ސަރުކާރުން ދެއްވި ނޫސްވެރިކަމުގެ ރަން ގަލަންވެސް ޙާސިލް ކުރައްވާފައެވެ.

ޢަލީ މޫސާ ދީދީ އަވަހާރަވިއިރު ގިނަ ޢަދަދެއްގެ ދަރިން ދުނިޔޭގައި އެބަތިއްބެވިއެވެ. މިގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލްގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ޕްރޮގްރާމް މެނޭޖަރެއްގެ މަޤާމުގައި ހުންނެވި މަޙީލް ޢަލީ ޖަލީލްގެ އިތުރުންވެސް ޒިންމާދާރު މަޤާމުތައް އަދާކުރައްވަމުން ގެންދަވާ އެހެން ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. ޢަލީ މޫސާ ދީދީގެ ޙާލުކޮޅު ދެރަވުމުން މިއަދު ހަވީީރުގެ ވަގުތެއްގައި އާއިލާގެ ބައެއް އިތުރު ބޭފުޅުންވެސް ލަންކާއަށް ފުރާވަޑައިގެންނެވި ކަމަށް ޢާއިލާއިން ވިދާޅުވިއެވެ. ޢަލީ މޫސާ ދީދީ އަވަހާރަވިއިރު ބައެއް ބޭފުޅުންނަށް ހޮސްޕިޓަލަށް ވަޑައި ނުގެންނެވޭ ކަމަށް ޢާއިލާއިން ވިދާޅުވިއެވެ. ޢަލީ މޫސާ ދީދީގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަވާނެ ގޮތެއް އަދި ނުނިންމަވާ ކަމަށްވެސް ޢާއިލާއިން ވިދާޅުވިއެވެ.