ޚަބަރު

ޤައުމީ އިނާމަށް ނިސްބަތްނުވާގޮތަށް އިނާމް ދެއްވުމަށް އަންގަވައިފި


ދައުލަތުގެ އެކި މުއައްސަސާތަކުން އިނާމު ދެއްވުމުގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމަށާއި ހިތްވަރުދިނުމުގެ ޤައުމީ އިނާމަށް ނިސްބަތްނުވާ ގޮތަށް، އިނާމު ދެއްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުރިހާ މުއައްސަސާތަކަށް މިއަދު އަންގަވައިފިއެވެ.

މިކަން އަންގަވައި އެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ފިޔަވައި، ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ދެއްވާ އެކިއެކި އިނާމު، ޤައުމީ އިނާމުގެ ނަމުގައި ދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެހެނިހެން މުއައްސަސާތަކުން ދެއްވާ އިނާމު މިގޮތަށް ދަރަޖަކުރެއްވުމުން، ސަރުކާރުން ކޮންމެ އަހަރަކު ދެއްވާ ޤައުމީ އިނާމަށް ދެވޭ ޤަދަރާއި އިޙްތިރާމް ކުޑަވެ، ކަމުގެ ހައިބަތަށް އުނިކަން އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ސަރުކާރުން ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރުދިނުމުގެ ޤައުމީ އިނާމަކީ، ޤައުމާއި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި ވަކިވަކި މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ކުރާ މަސައްކަތްތަކާއި، ދޭ ޚިދުމަތްތަކާއި، ހޯދާ ކާމިޔާބީތަކުގެ އަގު، ޤައުމީ ފެންވަރުގައި ވަޒަން ކުރެއްވުމުގެ ގޮތުން ޚާއްޞަ ގޮތެއްގައި ދެއްވަމުން ގެންދަވާ ޤައުމީ އިނާމެކެވެ.