ޚަބަރު

90 އިންސައްތަ މަސް ބާނަނީ ކަނދުފަތިތައް ކައިރިން - މިނިސްޓްރީ


ރާއްޖޭގެ މަސްވެރިންނާއި މަސްވެރިކަމުގެ ފައިދާއަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރުން 1981 ވަނަ އަހަރުން ފެށިގެން ހިންގަވަމުން ގެންދަވާ އޮއިވާލި ކަނދުފަތި ހަރުކުރެއްވުމުގެ މަޝްރޫޢަކީ ކާމިޔާބު މަޝްރޫޢެކެވެ. ރާއްޖޭގެ ދޮށީގެ މަސްވެރިކަން ތަރައްޤީކުރައްވައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް މަގުފަހިކޮށްދެއްވުމަށް ރާއްޖޭގެ މަސްކަނޑުތަކުގައި ޤާއިމުކުރާ އޮއިވާލި ކަނދުފަތިތަކަކީ އޭގެ ސަބަބުން ޚާއްޞަކޮށް މަސްވެރިންނަށާއި މަސްވެރި މުޖުތަމަޢުތަކަށް އަދި ޖުމްލަކޮށް ޤައުމުގެ އިޤްތިޞާދަށް ގިނަގުނަ ފާއިދާތަކެއް ލިބޭ ވަޞީލަތެއްކަން ފިޝަރީޒް މިނިސްޓްރީން ފާހަގަކުރައްވައެވެ.

ކަނދުފަތި ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ 54 ސަރަޙައްދެއްގައި ކަނދުފަތި ބޭއްވެވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހަމަޖައްސަވައި، އެ ސަރަޙައްދުތަކުގައި ކަނދުފަތި ޤާއިމްކުރައްވާފައިވާއިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މަސްވެރިންނަށް މަސްވެރިކަން ކުރުމުގެ ފުރުޞަތު މިކަނދުފަތިތަކުން ލިއްބައިދެއެވެ. ކަނޑައިގެންދާ ކަނދުފަތީގެ ބަދަލުގައި ކަނދުފަތި ހަކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިހާތަނަށް 464 ކަނދުފަތި ހަރުކުރެއްވިއްޖެކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.

img:http://s1.psmnews.mv/images/660x400/5112.jpg|ރާއްޖޭގައި ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތިތަކުގެ ތެރެއިން ކަނދުފައްޗެއް: ފޮޓޯ:ފިޝަރީޒް މިނިސްޓްރީ

އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަޝްރޫޢަކީ ޚަރަދުބޮޑު މަޝްރޫޢަކަށްވެފައި، ކަނދުފަތި ކަނޑައިގެން ދިއުމުން އެސަރަޙައްދެއްގެ މަސްވެރިކަން ގެއްލިގެންދާގޮތް ދިމާވާތީ ކަނދުފަތި ގިނަދުވަހަށް ބޭއްވެވުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން އަބަދުވެސް ގެންދަނީ  މަސައްކަތްކުރައްވަމުންނެވެ.

ކަނދުފަތި ގިނަދުވަހަށް ބޭއްވުމަށްޓަކައި ވޭތުވިދިޔަ 35 އަހަރު ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ. މިގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ކަނދުފަތީގެބޮއިގެ ފަރުމާއަށް ތަފާތު ބަދަލުތައް ގެންނަވައި ބޮއި ވަރުގަދަ ކުރެއްވުމަށްޓަކައި ކުރިން ބޮއިގެ ބޭރުން ފައިބަރުން ލެމިނޭޓްކުރެއްވި ނަމަވެސް މިހާރު ބޮއި ތައްޔާރުކުރައްވަނީ މޯލްޑެއް ފަރުމާކުރައްވައި އެ މޯލްޑްގައެވެ. އަދި ބޮއިގެ މޫރިންގްއަށް ތަފާތު ބަދަލުތަކެއް ގެންނަވާފައިވާއިރު އެންމެ ޚާއްޞަ ބަދަލަކީ ބޮއިގައި ބޭނުންކުރާ ވާތަކަށް ގެންނެވި ބަދަލުކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ. މިހާރުވެސް ސައިޒްގެ ގޮތުން ބޮޑު ބޮޔެއް ފަރުމާކުރެއްވުގެ މަސައްކަތް ކުރިއަށް ގެންފދަވާކަމަށާއި އަދި އެބޮޔަށް ބޭނުންވާ ސާމާނު މިހާރު އޯޑަރ ކުރައްވާފައިވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރަށް ކަނދުފަތީގެ ފަރުމާއާބެހޭ ކަންކަން އަލުން ބެއްލެވުމާއި ކަނދުފަތި ހަރުކުރާ ސަރަޙައްދުތަކުގެ ޓޮޕޯގްރަފިކް ސަރވޭ ކުރެއްވުމުގެ މަސައްކަތްކުރައްވަމުން އެބަގެންދަވައެވެ. ކަނދުފަތި ހަރުކުރާ އެސަރަޙައްދުގެ ސީދާ ފުންމިނާއި ބިންގަނޑު އުފެދިފައިވާ ގޮތް ދެނެގަތުމަށް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. މިކަމުގެ ސަބަބުން ކަނދުފަތީގެ ނަގިލި ވާ ތައްޔާރުކުރުމަށާއި ނަގިލި ޖައްސާނެ ރައްކާތެރި ސަރަޙައްދުތައް ދެނެގަތުމަށް ބޮޑު އެހީއަކަށް ވާނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.