ޚަބަރު

ފައިމަގުގައި އުޅޭ ގޯޅިތައް އިތުރަށް ތަރައްޤީކުރައްވަނީ


މާލޭގައި ފައިމަގުގައި އުޅޭ ގޯޅިތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ތަންތަން، އިތުރަށް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ފެށުމަށްވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ހައުސިން މިނިސްޓްރީން ފަށްޓަވައިފިއެވެ. 

ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ހަބީބު ވިދާޅުވީ، މަގުތަކަށް އެކަށީގެންވާ ޑިޒައިންތައް ހައްދަވާ އެފަދަ ގޯޅިތަކުގައި ދިރިއުޅެމުންދާ ފަރާތްތަކާ ޙިއްސާކުރައްވާފައިވާކަމަށެވެ. އަދި މިކަން ކުރައްވަނީ ހައުސިންގ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމެންޓުން ކަމަށްވާތީ، މަސައްކަތަށް ބޭނުންވާ ސާމާނާއި މީހުންގެ އެވެއިލަބިލިޓީ މިހާރު ބައްލަވަމުންދާކަމަށް ވިދާޅުވިއެވެ. 

އެހެންކަމުން އެ މަސައްކަތް ލަސްތަކެއްނުވެ ފެއްޓެވޭވަރުވާނެކަމަށް ހަބީބް ވިދާޅުވިއެވެ. މި ގޯޅިތައް ތަރައްޤީކުރެއްވުމަށް 7 މިލިއަން ރުފިޔާގެ އެހީއެއް ޗައިނާ އެމްބަސީން ހައުސިންގ މިނިސްޓްރީއަށް ވަނީ ދީފައެވެ. މި އެހީގެ ދަށުން ފައިމަގުގައި އުޅޭ ގޯޅިތައް ތަރައްޤީ ކުރެއްވުމާއި، ވިލިމާލޭގައި ޕާކެއް ތަރައްޤީ ކުރެއްވުމަށްވަނީ ނިންމަވާފައެވެ. މާލޭގައި ފައިމަގުގައި އުޅޭ ގޯޅިތަކުގެ ގޮތުގައި 7 ގޯޅިއެއް ކަނޑައަޅުއްވާފައިވެއެވެ.