ޚަބަރު

ހއ.އަތޮޅު ހޮސްޕިޓަލުގައި އައި.ސީ.ޔޫގެ ޚިދުމަތް ފަށައިފި


ހއ.އަތޮޅު ހޮސްޕިޓަލަކީ 19 އެނދުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލްގައި މިވަގުތު 8 ޑޮކްޓަރުން ތިއްބަވާ. އެއީ އަންހެނުންގެ ޚާއްސަ ބަލިތަކުގެ 2 ޑޮކްޓަރުންނާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި، ކަށީގެ ޑޮކްޓަރަކާއި، އޮޕަރޭޝަން ޑޮކްޓަރެއްގެ އިތުރުން ހޭނައްތާ ޑޮކްޓަރަކާއި ދެ މެޑިކަލް އޮފިޝަލުންނެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ދެމުން އަންނަތާ މިއަހަރު ވަނީ 49 އަހަރު ފުރިފައެވެ. އެގޮތުން ފުރަތަމަ ޞިއްޙީ މަރުކަޒެއްގެ ގޮތުގައި ޚިދުމަތް ފެއްޓެވީ 1967 ގައި އަދި އޭގެ ފަހުން 2005ގައި ހއ އަތޮޅު ހޮސްޕިޓަލަކަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. އެ ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ސަތޭކައެއްހާ ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދެއެވެ. ހއ. އަތޮޅުގެ ރައްޔިތުންގެ އިތުރުން ހދ.އަތޮޅުގެ ބައެއް ރަށްތަކުގެ ރައްޔިތުންވެސް އެ ހޮސްޕިޓަލުން އަންނަނީ ޚިދުމަތް ހޯދަމުންނެވެ.

ހއ.އަތޮޅު ހޮސްޕިޓަލްގައި ޤާއިމްކުރެއްވި އައި.ސީ.ޔޫ އާއި، އައު ޢިމާރާތުގައި ޤާއިމްކުރެއްވި ބައެއް ޚިދުމަތްތައް ހުޅުއްވައިދެއްވީ ރޭ އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޘިމް އިބްރާހީމްއެވެ. 

img:http://s3.psmnews.mv/images/660x400/14820488929826.jpg|ދިއްދޫ އައިސީޔޫ މިނިސްޓަރ ނާޒިމް ހުޅުވައިދެއްވަނީ

މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، މި ސަރުކާރު އާއިރު، ރާއްޖޭގެ އަތޮޅުތަކުގެ ސިއްޙީ ޚިދުމަތްދޭ ގިނަ ތަންތަން ހުރީ ވަރަށް ބޮޑަށް ބާވެ، ވީރާނާވެފައިކަމަށެވެ. 

ނަމަވެސް ރައީސް ޢަބްދުﷲ ޔާމީންގެ ސިއްޙީ ތަސައްވުރުގެ ތެރެއިން އަތޮޅުތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އާބާތުރަ ފިލުވާ، ކުރިން ލިބެން ނެތް އައު ޚިދުމަތްތައް ފަށްޓަވާފައިވާކަމަށެވެ. ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވީ އަތޮޅުތަކުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު އަދިވެސް ރަނގަޅުކުރަން ޖެހޭކަމަށެވެ. އަދި ހއއަތޮޅުގައި ޑައިލިސިސް ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު ވަނީ އެ ހޮސްޕިޓަލަށް ވިޓްރޯ 250 ލެބޯޓްރީ މެޝިނެއް ހަދިޔާކޮށްދެއްވާފައެވެ. ދިއްދޫ ދާއިރާގެ މެމްބަރު މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ހޮސްޕިޓަލަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް މިހާރު ފަށްޓަވާފައިވާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މިއަށްވުރެ ގިނަ ޚިދުމަތްތަކެއް ދެއްވަން ފެށޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14820490695276.jpg|ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވާހަކަފުޅުދައްކަވަނީ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ މުޙައްމަދު ޙަސަން ވިދާޅުވީ، ޑައިލިސިސްގެ ޚިދުމަތް އަންނަ އަހަރުގެ މާރޗް މަހުގެ ކުރިން ފެށޭކަމުގެ އުއްމީދު އެބައޮތްކަމަށެވެ. މުޙައްމަދު ޙަސަން ވަނީ އަތޮޅުގެ ސިއްޙީ ޚިދުމަތް ތަރައްޤީވެފައިވާ މިންވަރު ތަފްޞީލް ކޮށްދެއްވާފައެވެ.

ހއ.އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތް ގިނަ ދުވަސްތަކަކަށްފަހު ބޭނުން ނުކުރައްވާ ހުރުމަށްފަހު އެ ޢިމާރާތުގައި މިހާރު ވަނީ ގިނަ ޚިދުމަތްތަކެއް ދެއްވަން ފަށްޓަވާފައިވާކަން ފާހަގަކޮށްލެވެއެވެ. ތިން ބުރީގެ އައު ޢިމާރާތަކީ 8.5 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ޤާއިމްކޮށްފައިވާ ޢިމާރާތެކެވެ.