ޚަބަރު

ޕެންޝަން ޤަވާއިދާ ޙިލާފުވާ ފަރާތްތައް ދަނީ އިތުރުވަމުން!


މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ޤަވާޢިދާ އެއްގޮތަށް ޢަމަލުނުކުރާ ފަރާތްތައް އިތުރުވަމުންދާ ކަމަށް ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޕެންޝަން އޮފީހުން ޢާއްމުކުރައްވާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ސްކީމްގެ ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރަމުން ނުދާ ފަރާތްތަކުގެ އަދަދު ހުރީ، ފައްސަތޭ އަށްވުރެ މަތީގައެވެ.

ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ މިހާތަނަށް ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ޤަވާޢިދާ އެއްގޮތަށް ޢަމަލުނުކޮށްގެން 555 ކުންފުންޏެއްގެ ނަން ވަނީ އެއޮފީހުގެ ވެބްސައިޓްގައި ޢާއްމުކުރައްވާފައެވެ. ޕެންޝަން އޮފީހުގެ ވެބްސައިޓްގައި ޢާއްމުކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ލިސްޓްގައި އެކިއެކި ދާއިރާގައި ޙަރަކާތްތެރިވާ ބައެއް މަޝްހޫރު ކުންފުނިތަކުގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނެއެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ، ވެބްސައިޓްގައި އެފަދަ ފަރާތްތަކުގެ ނަންތައް ޢާއްމުކުރިނަމަވެސް، ސްކީމަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއެކު އެފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނެއެވެ. ޕެންޝަން އޮފީހުން ގެންދަވަނީ، ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރަމުން ނުދާ ފަރާތްތަކާމެދު ހަމަޖެހިފައިވާ އުޞޫލްގެ މަތިން ޢަމަލު ކުރަމުންނެވެ.

ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރަމުން ނުދާ ފަރާތްތަކާ ދޭތެރޭގައި ހަމަޖެހިފައިވާ އުޞޫލުން ފިޔަވަޅު އަޅަމުންދާ ކަމަށް ޕެންޝަން އޮފީހުން ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ ވަޒީފާ އަދާކުރާ ފަރާތްތައް ރަޖިސްޓްރީނުކުރާ ފަރާތްތަކާއި، ރަޖިސްޓަރކޮށް، މުއައްޒަފުން ޕެންޝަން ސްކީމްގައި ބައިވެރިނުކުރާ ފަރާތްތަކުގެ އިތުރަށް ކުންފުނި ރަޖިސްޓަރކޮށް، މުއައްޒަފުންވެސް ބައިވެރިކޮށް މަހުންމަހަށް ފައިސާ ޖަމާނުކުރާ ފަރާތްތަކެވެ. ޕެންޝަން އޮފީހުން ގެންދަވަނީ ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރަމުން ނުދާ ފަރާތްތަކުގެ މައްސަލަތައް ކޯޓަށްވެސް ހުށަހަޅުއްވަމުންނެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި، އަމިއްލަ މަސައްކަތްކުރާ މީހުންނަށް، ވަޒީފާއިން މުސްކުޅި ކުރުމުގެ ޕެންޝަން ލިބިދިނުމަށްޓަކައި ޤާއިމްކޮށްފައިވާ ފަންޑެކެވެ. 2010 ވަނަ އަހަރު ޤާއިމްކުރި މި ސްކީމް ހިންގަނީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ މީހުންގެ ފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ނަގާ ފައިސާއާއި އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާއިންނެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގެ ހ. ގައި ވާގޮތުން ޕެންޝަން ސްކީމްގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންޝަނަށް ބަލައި، މުސާރައިގެ މަދުވެގެން 7 އިންސައްތަ އެ މުއައްޒަފަކު، އަދި މުސާރައިގެ މަދުވެގެން 7 އިންސައްތަ އެ މުއައްޒަފަކަށް ވަޒީފާ ދީފައިވާ ފަރާތުން ސްކީމަށް ދައްކަންޖެހެއެވެ. މިގޮތުން މި ސްކީމަށް ފައިސާ ދައްކަންޖެހެނީ ވަޒީފާއަދާކުރާ މީހުންގެ ތެރެއިން ޢުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ މުއައްޒަފުންނެވެ. 65 އަހަރުން މަތީގެ މީހުންގެ މައްޗަށް ސްކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައެއް ނުވެއެވެ.