ޚަބަރު

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަންޖެހޭ


މާލޭގައި އަލިފާނުގެ ޙާދިސާތައް ހިނގުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި މާލޭގެ ގުދަން، ވަރކްޝޮޕް އަދި ހޮޓާ ރެސްޓޯރެންޓްތައް ބަލާ ފާސްކުރުމުގެ މަސައްކަތް އެމް.އެން.ޑީ.އެފުން ކުރައްވަމުން ގެންދަވާއިރު، މިހާތަނަށް ބަލައި ފާސްކުރެއްވި ގިނަ ތަންތަނުގައި އަލިފާން ނިއްވާނެ އެންމެ އަސާސީ ވަސީލަތްތައް ޤާއިމުކޮށްފައި ނުވާކަން އެމް.އެން.ޑީ.އެފުން ހާމަކޮށްފިއެވެ. އޮޕަރޭޝަން ހިރާސް ފާސްގެ ނަމުގައި އެމް.އެން.ޑީ.އެފުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ބުދަ ދުވަހުގެ ނިޔަލަށް 229 ތަނެއް ބަލާ ފާސްކޮށްފައިވެއެވެ. 

އަލިފާނުގެ ޙާދިސާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، އެފަދަ ޙާދިސާތައް މަދުކުރުމަށް އެމް.އެން.ޑީ.އެފުން މިހާރު ކުރިއަށްގެންދަވާ ހިރާސް ފާސް އޮޕަރޭޝަނަކީ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް އެފަރާތުން ކުރިއަށްގެންދަވަން ރާއްވަވާފައިވާ މަސައްކަތްތަކުގެ ފުރަތަމަ ފިޔަވައްސެވެ. މި އޮޕަރޭޝަންގެ ދަށުން މާލޭގެ ގުދަންތަކާއި، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުގައި އަލިފާން ނިއްވުމުގެ އިންތިޒާމް ހަމަޖައްސާފައި ހުރި ގޮތް އެމް.އެން.ޑީ.އެފުން ގެންދަވަނީ ބައްލަވަމުންނެވެ. މި ފިޔަވަހީގައި އެމް.އެން.ޑީ.އެފުން ކުރައްވަމުން ގެންދަވަނީ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތެވެ.

އޮޕަރޭޝަން ހިރާސް ފާސްގެ ދަށުން މިހާތަނަށް މާލޭގެ 200 އަށްވުރެ ގިނަ ގުދަން ބަލައި ފާސްކޮށްފައިވާއިރު މީގެ ތެރެއިން ގިނަ ތަންތަނުގައި އަލިފާން ނިއްވާނެ އެންމެ އެކަށީގެންވާ އިންތިޒާމް ހަމަޖެހިފައި ނެތްކަމަށް އެމް.އެން.ޑީ.އެފުން ފާހަގަކުރައްވައެވެ. އެގޮތުން މިހާތަނަށް ބަލައި ފާސްކުރި ތަންތަނުގެ ތެރެއިން 55 އިންސައްތަ ތަންތަނުގައި އަލިފާން ނިއްވާނެ އެކަށީގެންވާ އިންތިޒާމެއް ހަމަޖައްސާފައި ނެތްކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. އަދި އަލިފާން ނިއްވާ އާލާތްތައް ހަރުކޮށްފައިވާ ބައެއް ތަންތަނުގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ޙާލަތުގައި ހުރިކަން އެމް.އެން.ޑީ.އެފުން ފާހަގަކުރައްވައެވެ.

މާލޭގައި ފަހުގެ ތާރީޚްތަކުގައި ހިނގާފައިވާ އަލިފާނުގެ ޙާދިސާތަކަށް ބަލާލާއިރު އެފަދަ ޙާދިސާތައް ގިނައިން ހިނގާފައިވަނީ ގުދަންތަކާއި ވަރކްޝޮފް ފަދަ ތަންތަނުގައި ކަމުން، މައުލޫމާތު އެއްކުރެއްވުމަށް ސަލާމަތީ ބާރުން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި އެފަރާތްތަކާމެދު ފިޔަވަޅު ނޭޅުއްވި ކަމުގައިވިޔަސް، އެއްކުރެވޭ މައުލޫމާތަށް ބައްލަވައި، ކުރިއަށްއޮތްތަނުގައި ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން އަލިފާން ނިންވުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ޤާއިމުކޮށްފައި ނުވާތަންތަނާ މެދު ފިޔަވަޅު އަޅުއްވާނެކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތުދެއްވައެވެ.

ގުދަންތަކާއި ވަރކްޝޮޕްތައް، އަދި ކެފޭ ރެސްޓޯރެންޓްތަކާއި މީހުން ދިރިއުޅޭ ތަންތަނުގައި އަލިފާން ނިއްވާނެ ޢާލާތްތައް ހަމަޖެހިފައި ހުންނަންޖެހޭ ގޮތް ކަނޑައަޅުއްވައި ހައުސިންގ މިނިސްޓްރީން ވަނީ ފަޔަރ ކޯޑެއް އެކުލަވާލައްވާފައެވެ. އެހެން ނަމަވެސް މި ފަޔަރކޯޑަށް ޢާންމުން ޢަމަލުކުރަމުން ނުދާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އެހެންކަމުން އައު ފަޔަރ ކޯޑެއް އެކުލަވާލައްވައި، މިހާރަށްވުރެ ބޮޑަށް ތަންތަން މޮނިޓަރކޮށް ފަޔަރ ކޯޑަށް ޢަމަލުކުރާކަން ކަށަވަރު ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މާލޭގައި ހިނގާފައިވާ އަލިފާނުގެ އެކި ޙާދިސާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވަނީ އަލިފާން ހިފައި ފެތުރުމުގެ ކުރިން ކޮންޓްރޯލް ކުރެވޭނެ އާލާތްތައް ޤާއިމުވެފައި ނެތުމުގެ ސަބަބުން ކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. އެހެންކަމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މޮނިޓަރ ކުރައްވައި، ސަލާމަތީ ބާރުތަކުގެ އިރުޝާދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވަމުން ގެންދަވާނެއެވެ. މިއީ މުޅި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ޒިންމާ އަލާކުރައްވާ ސަލާމަތީ ބާރުތަކުން އަދާކުރައްވަންޖެހޭ ޒިންމާއެކެވެ.