ޚަބަރު

3 ވަނަ ކުއާޓަރގައި ދައުވާ ކުރުމަށް ފޮނުވާފައިވާ މައްސަލަތައް


މިއަހަރުގެ 3 ވަނަ ކުއާޓަރގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޝަރުޢީ ކޯޓްތަކަށް ދައުވާ ކުރެއްވުމަށް ހުށައަޅުއްވާފައިވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި ކަމަށް އެ އޮފީހުން ހާމަކުރައްވައިފިއެވެ. މިއަހަރުގެ 3 ވަނަ ކުއާޓަރގެ ތެރޭގައި ޕީޖީ އޮފީހުން 954 މައްސަލަ ޖިނާޢީ ދަޢުވާ ކުރެއްވުމަށް ހުށަހަޅުއްވާފައިވާއިރު މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ދަޢުވާ ކުރައްވާފައިވަނީ މަސްތުވާ ތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައެވެ.

ޖިނާއީ މައްސަލަތަކުގައި ޝަރުޢީ ކޯޓްތަކުގައި ދައުވާ ކުރެއްވުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ. ދައުލަތުގެ ތަޙްޤީޤީ އިދާރާތަކުން ތަޙްޤީޤުކޮށް ނިންމަވާ މައްސަލަތައް ދައުލަތުގެ ފަރާތުން ޝަރުޢީ ކޯޓްތަކަށް ހުށައަޅުއްވައި، އެ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ. ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ކުރާނީ ކޮން ދައުވާއެއް ކަމާއި، އެމީހެއްގެ މައްޗަށް ދައުވާ ކުރެއްވުމަށް ނިންމެވުމާއި، ދައުވާ ނުކުރައްވާ ދޫކޮށްލެއްވުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިވަޑައިގެންފައިވެއެވެ.

ދައުލަތުގެ ތަޙްޤީޤީ އިދާރާތަކުން ތަޙްޤީޤްކުރައްވައި ނިންމަވައި ދައުވާ ކުރެއްވުމަށް މިއަހަރުގެ މިހާތަނަށް 2295 މައްސަލަ ހުށައަޅުއްވާފައިވެއެވެ. މީގެތެރެއިން 431 މައްސަލައަކީ މިއަހަރުގެ 3 ވަނަ ކުއާޓަރގެ ތެރޭގައި ހުށައެޅުނު މައްސަލަތަކެވެ. މި މައްސަލަތަކުގެ ތެރެއިން 2 މައްސަލައެއް ފިޔަވައި ހުރިހާ މައްސަލަތަކަކީ ފުލުހުން ހުށައަޅުއްވާފައިވާ މައްސަލަތަކެވެ.

ޕްރޮސިކިއުޓަރގެ ޖެނެރަލްގެ އޮފީހުން ވަނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 954 މައްސަލަ، ދައުވާ ކުރެއްވުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށައަޅުއްވާފައިވެއެވެ. މީގެ ތެރެއިން 465 މައްސަލައަކީ މަސްތުވާ ތަކެއްޗާ ގުޅުން ހުރި މައްސަލަތަކެވެ. މަސްތުވާތަކެޗާއި ގުޅުން ހުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ދައުވާ ކުރެއްވުމަށް ހުށައަޅުއްވާފައިވަނީ ކެނެބިސް ބޭނުން ކުރުމުގެ ކުށުގައެވެ. ދެން އެންމެ ގިނައިން ދައުވާ ކުރެއްވުމަށް ހުށައަޅުއްވާފައިވަނީ ވައްކަމާއި ފޭރުގެމުގެ މައްސަލަތަކުގައެވެ.

މި އަހަރުގެ 3 ވަނަ ކުއާޓަރގެ ނިޔަލަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި، ދައުވާ ކުރުމާމެދު ގޮތެއް ކަނޑަނާޅައި ހުރި މައްސަލަތަކުގެ ޖުމްލަ ޢަދަދަކީ 1151 އެވެ.