ޚަބަރު

ހިމާޔަތްކޮށްފައިވާ އިތުރު ސަރަހައްދުތައް މެނޭޖްކުރަން ފަށަނީ


ބ.އަތޮޅުގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން، މެނޭޖްމަންޓް ޕްލޭން ނުހަދާ ހުރި ތަންތަން ބެލެހެއްޓުމަށް ބޭނުންވާ ޕްލޭންތައް ނިންމާ އަންނަ އަހަރު ޢަމަލުކުރައްވަން ފަށްޓަވާނެ ކަމަށް ބ.އަތޮޅު ބަޔޮސްފިއަރ ރިޒާރވް އޮފީހުން ވިދާޅުވެއްޖެއެވެ. ބ.އަތޮޅުގައި މިވަގުތު މެނޭޖްމަންޓް ޕްލޭން ހައްދަވައި ބަލަހައްޓަަވަމުން ގެންދަަވަނީ ހަނިފަރު ސަރަޙައްދު އެކަންޏެވެ.

ޔުނެސްކޯއިން ބ.އަތޮޅުގެ 10 ސަރަޙައްދެއް ބަޔޮސްފިއަރ ރިޒަރވްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2011 ވަނަ އަހަރުއެވެ. އޭގެތެރޭގައި ހިމެނެނީ އޮޅަގިރި، ދިލިހާ، މެންދޫ ރީޖަން، ހަނިފަރު، އަނގަފަރު، މަތިފަރުހުރާ، ބަތަލާ ރީޖަން، އަދި ގޮއިދޫ ރީޖަން ހިމެނެއެވެ.

ބ.އަތޮޅުގައި މިހާރު މެނޭޖްމަންޓް ޕްލޭންގެ ދަށުން ބަލަހައްޓަވަމުން ގެންދަވަނީ ބ.އަތޮޅު ހަނިފަރު ސަރަޙައްދު އެކަންޏެވެ. ބަޔޮސްފިޔަ ރިޒަރވް އޮފީހުގެ އައުޓްރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވީ، ޙިމާޔަތްކޮށްފައިވާ ސަަރަޙައްދުތަކުން މެނޭޖްމަންޓް ޕްލޭން ނުހެދި ހުރި ސަރަަޙައްދުތަައް ބެލެހެއްޓުމަށް ހަދަންޖެހޭ ޕެލޭން އެކުލަވަލާ ނިމިފައިވާ ކަަމަށެވެ. މިހާރު ކުރިއަށްދަނީ އެއަށް ބޭނުންވާ ޤާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާފީ ވިދާޅުވީ، މި ޕްލޭނާ އެއްގޮތަށް ޢަމަލުކުރަން ފެށުމުން އެސަަރަޙައްދުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބ.އަތޮޅަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޝާފީ ވިދާޅުވިއެވެ.

ބ. އޭދަފުށިން ފުރައިގެން ދިހަވަރަކަށް މިނިޓުތެރޭގައި ދެވޭ ހަނިފަރަކީ، ދުނިޔޭގެ އެންމެ ގިނަ ފަތުރުވެރިން މަންޓާރޭ ނުވަތަ އެއްމަޑި ބަލާލުމަށް ޒިޔާރަތްކުރާ އެއް ސަރަޙައްދެވެ.

ހަނިފަރު ސަރަޙައްދަށް ޒިޔާރަތްކުރާ ދިވެހިންވެސް އިތުރުވަމުން އަންނަ ކަމަށް ބަޔޮސްފިއަރ ރިޒާރވް އޮފީހުން ފާހަގަކުރައްވައެވެ.

ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ބ. އަތޮޅު ހެދުމުން، އެއަތޮޅަށް ޒިޔާރަތް ކުރަމުންދާ ފަތުރުވެރިންގެ ޢަދަދާއި، އެކިއެކި ރިސަރޗް ހެދުމަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދު އިތުރުވެ، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ތަރައްޤީ ލިބެމުން އަންނަ ކަމަށް ބަޔޮސްފިޔަ ރިޒަރވް އޮފީހުން ފާހަގަކުރައްވައެވެ. އެއޮފީހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2014 ވަނަ އަހަރު 2100 މީހުން ޒިޔާރަތްކޮށްފައިވާއިރު، 2015 ވަނަ އަހަރު 3700 މީހުން ހަނިފަރު ސަަރަޙައްދަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރު ނިމޭއިރު މިއަދަދު 4000 އަރާނެ ކަމަށް ބަޔޮސްފިއަރ އޮފީހުން ލަފާކުރައްވައެވެ.