ޚަބަރު

"އޭޕްރީލްމަހުގެ ނިޔަލަށް ސަތޭކަހާސް ބިދޭސީން ރާއްޖެ އައިސްފައިވޭ"


މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ސަތޭކަހާހަށްވުރެ ގިނަ ބިދޭސީން އެކިކަހަލަ މަސައްކަތްތައް ކުރުމަށްޓަކައި ރާއްޖެ އައިސްފައިވާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރެޑް ކްރެސެންޓްއިން އިސްނަގައިގެން ދުނިޔޭގެ ހިޖުރަކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ދިވެހި ރެޑްކްރެސެންޓްގެ ފަރާތުން އާރޓިފިޝަލް ބީޗްގައި މިއަދު ހަވީރު ބޭއްވި ޙަރަކާތްތައް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ އިމިގްރޭޝަނުގެ ހިސާބުތަކާ ޙަވާލާދެއްވައި، ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރުވުމުގައި ބޮޑަށް ބަރޯސާވެފައިވަނީ ބިދޭސީންނަށް ކަމަށްވުމާއެކު އެކަމުން އަންގައިދެނީ ބިދޭސީންނަށް ރާއްޖެ އައިސް، އެކި މަސައްކަތްތައް ކުރުމަށް ފުރުޞަތު އޮތް މިންވަރުކަމަށެވެ. އަދި ބިދޭސީ މަސައްކަތު މީހުން ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި އަދާކުރާ ދައުރު މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14818999829329.jpg|ދުނިޔޭގެ ހިޖުރަކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ./ ފޮޓޯ: ޕީއެސްއެމް

ބުނީ މިފަދަ ޙަރަކާތެއް ހިންގުމުގެ ބޭނުމަކީ ބިދޭސީން މަސައްކަތްތައް ކުރުމަށާއި ވަޒީފާއަދާކުރުމަށް އެހެން ޤައުމުތަކަށް ގޮސް އައިސްވުމާއި ހިއުމަން ޓްރެފިކިންގއާ ހުރި ގުޅުމާއި އަދި ދިމާވާ މައްސަލަތަކާމެދު ބިދޭސީންނާއި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި މިގޮތަށް ބިދޭސީ މަސައްކަތު މީހުންނަށް، އެއްޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމާއި ހިޖުރަކުރުމުގެ ތެރެއިން ފެތުރޭ ބަލިތަކުގެ މަޢުލޫމާތު ބިދޭސީ މަސައްކަތު މީހުންނާއި ޢާއްމުންނަށް ދިނުމަކީވެސް މި ޙަރަކާތްތަކުގެ ބޭނުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ފެތުރޭ ބަލިތަކުގެ ތެރޭގައި އެގޮތުން ޓީބީ، ޑެންގޫ އަދި އެޗްއައިވީ ފަދަ ގައިންގަޔަށް އަރާ ބަލިތައް ހިމެނޭތީ މިފަދަ ބަލިތަކުގެ މަޢުލޫމާތު މި ޙަރަކާތުގެ ތެރޭގައި ވަނީ ދީފައެވެ.