ޚަބަރު

3 އަހަރުތެރޭ އިޤްތިޞާދީގޮތުން މުހިއްމު ޤާނޫނުތަކެއް ފާސްކުރެވުނު


ދައުލަތުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށާއި ދައުލަތަށް ލިބޭ ޢާމްދަނީ އިތުރުކުރައްވައި އެކަމުން ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދެއްވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރެވޭނެ ފަސޭހަ މާޙައުލެއް ޤާއިމުކޮށްދެއްވުމަށް މުހިއްމު އަމާޒުތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. އިޤްތިޞާދީ ބިޔަ ބޮޑެތި މަޝްރޫޢުތައް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ފަށްޓަވާފައިވަނީ މި އަމާޒު ޙާޞިލްކުރެއްވުމަށް. އިޤްތިޞާދީ މަޝްރޫޢޫތައް ހިންގެވުމުގައި ދިމާވާ ދަތިތައް ޙާއްލުކުރައްވައި އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމްކުރެއްވުމަށް ރައީސް ޔާމީންގެ ސިޔާސަތުގެ ދަށުން ވަނީ އިޤްތިޞާދާ ގުޅުންހުރި ގިނަ ޤާނޫނުތަކެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައެވެ.

އޭގެތެރޭގައި ރާއްޖެއަށް މުޅިން އަލަށް ވަނީ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކެއް ކަނޑައެޅުމުގެ ބިލް ފާސްކުރައްވައި ޢަމަލްކުރައްވަން ފަށްޓަވާފައެވެ. ރާއްޖޭގައި މި ޤާނޫނުގެ ދަށުން ހިންގާ މަޝްރޫޢެއްގައި، އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނީ ސަތޭކަ ފަންސާސް މިލިއަން ޑޮލަރެއެވެ. އިޤްތިޞާދީ ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައެޅުއްވުމަށްފަހު ސަރުކާރުން ވަނީ އެ ސަރަޙައްދުތަކުގައި މުހިންމު މަޝްރޫޢުތަކެއް ފަށްޓާވާފައެވެ. އެގޮތުން އައިހެވަން މަޝްރޫޢު ފެއްޓެވުމަށްޓަކައި ހައްދަވަންޖެހޭ ސާރވޭތައް މިހާރު ވަނީ ނިންމަވާލައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަނީ އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓެއް ރާއްޖޭގައި ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކޮށްދެވޭ ގޮތަށް ބިމާބެހޭ ޤާނޫނަށް އިޞްލާޙެއް ގެންނަވާފައެވެ. 

މި ޤާނޫނުގައިވާ ގޮތުން ރާއްޖެއިން ބިން ވިއްކާނީ އެއްބިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓެއް ކުރާ ބޭރުގެ ފަރާތްތަކަށެވެ. އެފަރާތްތަކަށް ވިއްކާ ބިމަކީ އެ އިންވެސްޓަރު އަމިއްލައަށް ރާއްޖޭގެ ފަޅުން ބައެއް ހިއްކުމުން އެތަނެއްގައި ކުރާ އިންވެސްޓްމަންޓަކަށް ޔަޤީންކަން ދެއްވުމަށް ވިއްކަވާ ބިމެއްކަމުގައި ޤާނޫނުގައިވެއެވެ.

މީގެ އިތުރުން ޓޫރިޒަމާބެހޭ ޤާނޫނަށްވެސް މުހިންމު އިޞްލާޙުތަކެއް ގެންނަވާފައިވެއެވެ. އޭގެތެރޭގައި، ރިސޯޓް ހެދުމަށް ދޫކުރައްވާ ރަށްރަށާއި ބިން ފަންސާސް އަހަރަށް ކުށްޔަށްދެވޭ ގޮތަށް ޤާނޫނަށް އިޞްލާޙު ގެންނެވުމާއި، ރާއްޖޭގެ ޓޫރިސްޓު ރިސޯޓްތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ޓެކްސް ނެގޭނެގޮތަށް ވަނީ ޤާނޫނުނަށް ބަދަލުގެންނަވާފައެވެ. ހަމަ އެހެންމެ ޓޫރިޒަމް މިނިސްޓްރީން ޢާންމުކޮށް އިޢުލާންކުރައްވައިގެން، ކަނޑައެޅޭ ވަކި އުޞޫލެއްގެ ދަށުން އެކަށީގެންވާ އެންމެ ރަނގަޅު ހުށައެޅުމެއް ހުށައަޅާ ފަރާތްކަށް ރިސޯޓް ތަރައްޤީކުރުމަށް ކުއްޔަށް ދެވޭނެ އިޞްލާޙު ފާހަގަކޮށްލެވެއެވެ. މީގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ރިސޯޓްތައް ތަރައްޤީކުރެވި، އޭގެ މަންފާ އިޤްތިޞާދަށް ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އިޤްތިޞާދީ ތަރައްޤީއަށްޓަކައި ބިމާބެހޭ ޤާނޫނަށް ގެންނަވާފައިވާ ބައެއް އިޞްލާޙުތަކުގެ ތެރޭގައި، އެއްމެދު ޢިމާރާތެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓު ގަންނަ ފަރާތަކީ ދިވެހި ރައްޔިތަކަށްވާންޖެހެއެވެ. ނުވަތަ ރަޖިސްޓުރީކޮށްފައިވާ ކުންފުންޏެއްގެ ސައްތަ އިންސައްތަ ޙިއްޞާދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ރާއްޖޭގައި ރަޖިސްޓުރީ ކޮށްފައިވާ ސައްތަ އިންސައްތަ ދިވެހި ޖަމިއްޔާޢެއް ނުވަތަ ޖަމާޢަތަކަށްވާންޖެހޭ އިޞްލާޙު ހިމެނެއެވެ.

މީގެ އިތުރުން އޭޝިއާ އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކް އޭއައިއައިބީގެ ފައުންޑީންގ މެމްބަރެއްގެ ގޮތުގައި ރާއްޖެ ވުމަށްޓަކައި ޤާނޫނެއް ވަނީ ފާސްކުރައްވާފައެވެ. މި ޤާނޫނުގެ ދަށުން ރާއްޖޭގައި ހިންގާ ބޮޑެތި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން އިޤްތިޞާދު ހަރުދަނާކުރެއްވުމުގެ ގޮތުން އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެންނެވި އިޞްލާޙުތަކާއި ޓެކްސްގެ ނިޒާމް ހަރުދަނާކުރައްވާ ރާއްޖެށް މުޅިން އައު ޓެކްސް ނެގުމުގެ އިޞްލާޙްތަކެއްވެސް ގެންނަވާފައިވެެއެވެ. އެގޮތުން ރާއްޖޭގެ ތިމާވެށި ޙިމާއަތްކޮށް ކުނި މެނޭޖުކުރުމަށް ގްރީން ޓެކްސް ނެގޭނެ ޤާނޫނާއި، އެއަރޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާރޖް ނުވަތަ އެއަރޕޯޓް ތަރައްޤީކުރުމަށް ފީނެގޭ އިޞްލާހާއި، ޕާޓްނާޝިޕްގެ ޤާނޫނަށް ގެންނެވި އިޞްލާޙާއި، ދައުލަތުގެ މުސާރާއިގެ ސިޔާސަތުގެ ބިލް އަދި މަރުކަޒީ ބޭންކް އެމްއެމްއޭގެ ޤާނޫނަށް ގެންނެވި އިޞްލާހަކީވެސް އިޤްތިޞާދީ ގޮތުން ފާސްކުރައްވާފައިވާ މުހިންމު ޤާނޫނުތަކެކެވެ. 

މީނޫނަސް އިޤްތިޞާދާ ގުޅުންހުރި އެތައް ޤާނޫނުތަކެއް ވަނީ ފާސްކުރައްވާފައެވެ. މި ޤާނޫނުތަކުގެ ސަބަބުން އިޤްތިޞާދު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި އެހެން ދާއިރާތަކުން އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ފަހި މާޙައުލެއް ޤާއިމްކުރެވިފައިވާކަމަށް ސަރުކާރުން ޤަބޫލްކުރައްވައެވެ. އަދި މި މަސައްކަތްތަކުގެ މުހިންމު އެއް އަމާޒަކީ ދައުލަތުގެ ދަރަނި އަދާކުރައްވަމުން، ތަރައްޤީގެ ދުވެލި އަވަސްކުރައްވައި ރައްޔިތުންގެ ފުދުންތެރިކަން އިތުރިކުރެއްވުމެވެ.