ޚަބަރު

ޓެލެމެޑިސިންގެ ޚިދުމަތް ރާއްޖޭގެ 39 ސަރަޙައްދެއްގައި ޤާއިމްކޮށްފި


ޓެލެމެޑިސިންގެ ޚިދުމަތް ރާއްޖޭގެ 39 ސަރަޙައްދެއްގައި ޤާއިމްކުރައްވައި، އެ ޚިދުމަތް ދެއްވަމުން އެބަގެންދަވައެވެ. މި މަސައްކަތުގައި ގިނައިން މަސައްކަތް ކުރަނީ ފަންނުވެރި ދިވެހިންނެވެ.

ޓެލެމެޑިސިންގެ ޚިދުމަތް ނުވަތަ އިންޓަރނެޓާއި ފޯނު ފަދަ މުވާޞަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ޞިއްޙީ މަޢުލޫމާތާއި އިރުޝާދު، އެއްތަނުން އަނެއް ތަނަށް ލިބިދެއްވުމުގެ ޚިދުމަތް ރާއްޖޭގެ 39 ރަށެއްގައި ހެލްތް މިނިސްޓްރީން ދެއްވަމުން ގެންދަވައެވެ. ހެލްތް މިނިސްޓްރީން ވިދާޅުވީ މި ޚިދުމަތް ދެއްވުމަށް ޑޮކްޓަރުންނާއި ނަރުހުން އަދި ކަމާބެހޭ އިތުރު ފަރާތްތައް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަމްރީން ކުރައްވާފައިވާ ކަމަށެވެ. އަދި ޓެލެމެޑިސިން އިތުރަށް ފުޅާކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ޓެލެމެޑިސިން ސިސްޓަމްގެ މެއިންޓިނޭސްގެ ކަންތައްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭފަދަ އިންތިޒާމެއް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.

ޓެލެމެޑިސިންގެ ޚިދުމަތް ދެއްވަމުން ގެންދަވާ 39 ސަރަޙައްދުގެ ތެރެއިން 35 ރަށުގައި މި ޚިދުމަތް ޤާއިމް ކުރައްވާފައިވަނީ ޚަލީފާ ބިން ޒައިދު އަލް ނަހްޔާން ފައުންޑޭޝަންގެ އެހީގައެވެ. އަނެއް 4 ސަރަޙައްދުގައި މި ޚިދުމަތް ޤާއިމް ކުރައްވާފައިވަނީ އިންޓެގްރޭޓެޑް ހިއުމަން ޑިވަލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުންނާއި ދިރާގުގެ އެހީގައެވެ.

ހެލްތް މިނިސްޓްރީގެ ތަފާތު ހިސާބުތައް ދައްކާ ގޮތުން މި ޚިދުމަތް ދެއްވުމަށްޓަކައި އެކި ސަރަޙައްދުތަކުގައި 2،105 މުވައްޒަފުން ޙަރަކާތްތެރި ވަމުންދެއެވެ. އަދި ޓެލަމެޑިސިންގެ ޚިދުމަތް ދިނުމުގައި ގިނައިން މަސައްކަތްކުރަނީ ދިވެހިންކަން ފާހަގަކޮށްލެވެއެވެ. 495 ބިދޭސީން މި ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވަމުންދާއިރު، 1،610 ދިވެހިން މި ޚިދުމަތް ދިނުމުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަސައްކަތްކުރެއެވެ. ހެލްތް މިނިސްޓްރީން ވިދާޅުވާގޮތުގައި ސަރުކާރުގެ އަބަދުވެސް އަމާޒަކީ ދިވެހި މުވައްޒަފުން ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރުން ކަމަށްވާތީ ދިވެހި މުވައްޒަފުން ވަޒީފާތަކަށް ނެންގެވުމަށް އަބަދުވެސް އެ މިނިސްޓްރީން އިސްކަންދެއްވާ ކަމަށް އެފަރާތުން ހާމަކުރެއްވިއެވެ.