ޚަބަރު

ބީއެމްއެލްގެ އެގްޒެކްޓިވް ޓީމަށް ބަދަލު ގެންނަން ނިންމައިފި


އަންނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ވިޔަފާރި އިތުރަށް ފުޅާކުރެއްވުމަށް އެކުލަވާލައްވާފައިވާ ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ބޭންކުގެ އެގްޒެކްޓިވް ޓީމަށް ބަދަލު ގެނައުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

ބޭންކްގެ އެގްޒެކްޓިވް ޓީމަށް ބަދަލު ގެނައުމަށް ނިންމާފައިވާކަން ހާމަކުރެއްވީ ބޭންކުގެ ސަތޭކައަށްވުރެ ގިނަ އިސް މުވައްޒަފުންނާއެކު ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. އަލަށް ގެންނަ ބަދަލާއެކު މިހާރުގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަރީފް ޢައްޔަން ކުރުމަށް ހަމަޖެހިފައިވަނީ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަޤާމަށެވެ. މިބަދަލާއެކު ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޝަރީފް ޢައްޔަންކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި ވަގުތު ޑައިރެކްޓަރ އޮފް ކޯޕްރޭޓް ބޭންކިންގެ މަޤާމުގައި ހުންނެވި ކުލްދީޕް ޕަލިވާލް ހަމަޖެހިގެންދާނީ، ބޭންކްގެ ރީޓެއިލް އަދި ކޯޕްރޭޓް ބޭންކިންގ ޒިންމާ ހިމެނޭ ގޮތަށް ޑައިރެކްޓަރ އޮފް ބިޒްނަސް އަށެވެ. އަލަށް އުފައްދާ ޑައިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކްގެ މަޤާމަށް ޢައްޔަންކުރުމަށް ހަމަޖައްސަވާފައިވަނީ، އިސްލާމިކް ބޭންކިންގ ޚިދުމަތުގެ ދާއިރާގައި ބައިނަލްއަޤްވާމީ ތަޖުރިބާ ހޯއްދަވާފައިވާ މާހިރެއްކަމަށްވާ ޒުލްކަރްނައިން ޓަމަންއެވެ. މި ހުރިހާ ބޭފުޅުންވެސް މަޤާމުތަކުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފެއްޓެވުމަށް ހަމަޖެހިފައިވަނީ، އަންނަ ޖެނުއަރީމަހުގެ 2 ވަނަ ދުވަހުއެވެ.

މިކަމާ ބެހޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މި ބަދަލާއެކު ބޭންކުގެ ވިޔަފާރި އިތުރަށް ފުޅާކޮށް މުސްތަޤްބަލުގައި ކަސްޓަމަރުންނަށް ދޭ ޚިދުމަތް އިތުރަށް ރަނގަޅު ކުރެވިގެންދާނޭ ކަމަށެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލްއިން ދަނީ މާލޭގެ އިތުރުން، 20 އަތޮޅެއްގައި ބޭންކިންގގެ ޚިދުމަތްތައް ދެމުންނެވެ.