ޚަބަރު

"އެކްސަސައިޒް އެކުވެރިން 2016" ކައްދޫގައި ފަށައިފި


ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެންް ހިންގާ އަސްކަރީ ތަމްރީނު "އެކްސަސައިޒް އެކުވެރިން 2016" މިއަދު ފަށައިފިއެވެ.

މިމަހުގެ 15 އިން 29 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ތަމްރީނުތައް ކުރިއަށްދަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ.ކައްދޫގައެވެ. މި އެކްސަސައިޒް ފެށުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ.ކައްދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިންކޯގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރެވެ. މި ރަސްމިއްޔާތުގައި އެކްސަސައިޒްގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހުމާނު ވަނީ، ދެ ޤައުމުން ގުޅިގެން ހިންގާ މި ތަމްރީނުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، މި ތަމްރީނު ތަކުގެ ސަބަބުން ދެ ޤައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިވަމުންދާނެކަން ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14817948378646.jpg|"އެކްސަސައިޒް އެކުވެރިން 2016" ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

"އެކްސަސައިޒް އެކުވެރިން" އަކީ ދިވެހިރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ ދެމެދުގައި އުފެދިފައިވާ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސަސައިޒެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ތަމްރީނުތަކުގައި މައިގަނޑުގޮތެއްގައި އުގަންނައިދެވޭނީ ރާއްޖޭގައި ވޯޓަރ ބޯން އޮޕަރޭޝަންތަކާއި އެއާ ގުޅުންހުރި އިތުރު އަސްކަރީ ތަމްރީނުތައްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި އެކްސަސައިޒްގެ ތަމްރީނުތައް ލ.އަތޮޅުގެ ގުޅިފައިވާ ހަތަރު ރަށެއްގެ އިތުރުން އެ އަތޮޅުގެ އެއްގަމާއި ކަނޑާއި އަދި ވައިގެ މަގުން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، އެ އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައި ވެސް ތަމްރީނުތަކުގެ ބައިތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

img:http://s2.psmnews.mv/images/660x400/14817948754666.jpg|"އެކްސަސައިޒް އެކުވެރިން 2016" ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިފަހަރުގެ އެކްސަސައިޒުގައި އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ އިންޑިއާގެ ފޯތުބިހާރު ރެޖިމެންޓްގެ ސިފައިންނެވެ. ރާއްޖެއިން ބައިވެރިވަނީ އެމްއެންޑީއެފް މެރިންސް އެވެ. މިއެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ މި އެކްސަސައިޒްތައް އިންޑިއާ އަދި ދިވެހިރާއްޖޭގައި ބާއްވަމުންދާއިރު، އެންމެ ފަހުން ބޭއްވި "އެކްސަސައިޒް އެކުވެރިން 2015" ގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގަ އެވެ.

މި އެކްސަސައިޒް ފެށުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް މެރިންކޯގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރުގެ އިތުރުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ކާނަލް މުޙައްމަދު މުޚްތާރާއި، އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގ ކާނަލް ޙާމިދު ޝަފީޤް އާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކެޕްޓަން ޕްރަޝާންޓް ހާންޑޫ ބައިވެރިވެވަޑައިގެންނެވިއެވެ.