ޚަބަރު

އޮޕަރޭޝަން ހިރާސް ފާސް - ގިނަ ތަންތަނުގައި މައްސަލަތައް އެބަހުރި


މާލޭ ސިޓީގެ ރެސްޓޯރަންޓްތަކާއި ކެފޭ އަދި ސައިހޮޓާތައް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސުން ބަލައި ފާސްކުރެއްވުމުގެ ޕްރޮގްރާމެއް ވަނީ ފަށްޓަވާފައެވެ. 

މި ޕްރޮގްރާމްގައި ގެންދަވަނީ، ރެސްޓޯރަންޓް، ކެފޭ އަދި ވާކްޝޮޕްފަދަ ތަންތަނުން އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައި ހުރީ ކިހާ މިންވަރަކަށްތޯ ބައްލަވަމުންނެވެ. އަދި އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބައްލަވައި، އެފަދަ ތަކެތި ހުރިތަންތަކުގައި، އެ ތަކެތީގެ ޙާލަތު ދެނެގަނެ، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ ފެންވަރު ހުރީ ރަނގަޅު ފެންވަރަކަށްތޯ ބަލައިފާސްކުރުވައެވެ. މާލޭ ސިޓީ އެކި ޒޯންތަކަކަށް ބައްސަވާލެއްވުމަށްފަހު، މިއަދުވެސް ވަނީ މާލޭގެ ބައެއް ސަރަޙައްދުތަކުގައި ހުރި ގުދަންތަކާއި ވަރކްޝޮޕްތައް ބައްލަވާފައެވެ.

img:http://s2.psmnews.mv/images/660x400/14609821022898.jpg|މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ޢިމާރާތެއްގައި އަލިފާން ރޯވެފައި / ފޮޓޯ: ޕީއެސްއެމް

އެމްއެންޑީއެފުން ބެއްލެވި އެއް ސަރަޙައްދަކީ އިސްކަންދަރު ސްކޫލް ފަހަތުގައި އޮންނަ ބޮޑުފުޅަށް ގޯޅިއެވެ. މި ގޯޅިއަކީ ވަޑާންކުރާ ވަރކްޝޮޕްތަކާއި، ވެލްޑިންގެ މަސައްކަތްކުރާ ތަންތަނާއި، ބިއްލޫރިއާއި އެނޫންވެސް ގުދަންތައް ގިނަ އަދަދަކަށް ހުރި ގޯޅިއެއްކަން ޕީއެސްއެމް ނިއުސްޓީމް ޒިޔާރަތްކޮށް ބެލިބެލުމުން ފާހަގަކުރެވުނެވެ. އަދި މި ހަނި ގޯޅިއަކީ ސްކޫލްތަކާއި ކައިރި ހިސާބެކެވެ. އަދި މަޖީދީ މަގާއި ކައިރި ހިސާބެއްކަމުން ގިނަ އަދަދަކަށް ޢާންމުން އެސަރަޙައްދުގައި ޙަރަކާތްތެރިވަމުން ގެންދެއެވެ. 

އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ އަލިފާން ނިއްވާނެ ނިޒާމެއް ގިނަ ތަންތަނުގައި ނެތްއިރު، މީހުންގެ ސަލާމަތަށްވެސް އެފަދަ ނިޒާމެއް ނެތެވެ. ހަމައެހެންމެ ގިނަ ވާރކްޝޮޕްތައް ހުރީ އިންޝުއަރެންސް ނުކޮށެވެ.

img:http://s1.psmnews.mv/images/660x400/14816321355883.jpg|ރެސްޓޯރަންޓްތަކާއި ކެފޭތައް އަދި ހޮޓާތައް ޗެކްކުރުމަށް އެމްއެންޑީއެފުން ހިންގާ ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މިވަގުތު ސަލާމަތީ ކަންކަން ބެއްލެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ މާފަންނު އަދި މައްޗަންގޯޅި ސަރަޙައްދުގައެވެ. އެގޮތުން މިހާތަނަށް 230 އަށްވުރެ ގިނަ ތަންތަން ބަލާފާސްކުރައްވާފައިވެއެވެ. އެންމެ ގިނައިން ޗެކްކުރައްވާފައިވަނީ މާލޭގައި ހުރި ގުދަން ފަދަ ތަންތަނެވެ. ނަމަވެސް މީގެތެރެއިން އަލިފާން ނިއްވާ ނިޒާމާއި، އާލާތްތައް އަދި އިންޝުއަރެންސްކޮށްފައި ވަނީ ވަރަށް މަދު ތަންތަނުގައެވެ. 

މި އޮޕަރޭޝަންގައި ސިފައިން އެއްކުރައްވާ މަޢުލޫމާތުތަކުގެ ތެރޭގައި، ބަލައި ފާސްކުރެވޭ ޢިމާރާތް ހަދާފައިވާގޮތާއި، ޢިމާރާތާއި ގުޅޭ މަޢުލޫމާތާއި، ގުދަނުގައި މުދާ ރައްކާކޮށްފައި ހުރި ގޮތާއި، ކަރަންޓް ވަޔަރިންގ ހުރީ ރައްކާތެރިކޮށްތޯއާއި، ޢިމާރާތުގެ ވެންޓިލޭޝަން ހުރި ގޮތްތައް ހިމެނެއެވެ. ހަމައެހެންމެ ވޯކްޝޮޕް ފަދަ ތަންތަނުގައި ވެލްޑިންގ މަސައްކަތްކުރާނަމަ އެމަސައްކަތްތައް ކުރަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހުތޯއާއި، ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަންޖެހޭ އާލާތްތައް ބޭނުންކުރޭތޯވެސް ދަނީ ބައްލަވަމުންނެވެ. އަލިފާނުގެ ޙާދިސާއެއް ހިނގައިފި ޙާލަތެއްގައި ޢަމަލުތައް ބަހައްޓާނޭގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތުލިބި، ދުރާލާ ތައްޔާރުވުމަށް އެމްޑީއެފުން ގެންދަވާ ޕްރޮގްރާމެކެވެ.