ވިޔަފާރި

އެކްސްސީއެމްޖީގެ ޑިސްޓްރިބިޔުޓަރަކަށް އެމްޓީސީސީ ހަމަޖައްސައިފި


ޗައިނާގެ އެންމެބޮޑު އެއް ހެވީ ޑިއުޓީ މެޝިނަރީ އުފައްދާ ކުންފުނި އެކްސްސީއެމްޖީގެ ޑިސްޓްރިބިޔުޓަރެއްގެ ގޮތުގައި އެމްޓީސީސީ ވެގެންދިއުމަކީ މުސްތަޤްބަލުގައި ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ ކުރިއެރުމަށް ލިބިގެންދާނޭ ވަރަށްބޮޑު ކުރިއެރުމެއްކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވެއްޖެއެވެ.

ޒިޔަތު މިގޮތަށް ވިދާޅުވެފައިވަނީ، އެކްސްސީއެމްޖީގެ ޑިސްޓްރިބިއުޓް ޕާޓްނަރެއްގެ ގޮތުގައި އެމްޓީސީސީ ހަމަޖެއްސުމަށްޓަކައި މިއަދު އެކުންފުނީގެ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޒިޔަތް ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ތަރައްޤީގެ މަޝްރޫއުތައް ރޭވިފައިވާ ޤައުމެއްގައި، އެކްސްސީއެމްޖީގެ ޕާޓްނަރަކަށް އެމްޓީސީސީ ވެގެންދިއުމަކީ، އެމްޓީސީސީގެ އިތުރުން ދިވެހިރާއްޖެއަށް އެކަމުގެ ސަބަބުން ނުހަނު ގިނަގުނަ ކުރިއެރުންތަކެއް ލިބިގެންދާނެކަމެއްކަމަށެވެ.

ޗައިނާގެ އިތުރުން ދުނިޔޭގައިވެސް އެންމެ ބޮޑު އެއް ހެވީ ޑިއުޓީ މެޝިނަރީ އުފައްދާ ކުންފުނީގެ ޑިސްޓްރިބިޔުޓަރެއްގެ ގޮތުގައި އެމްޓީސީސީ ހަމަޖެހިގެންދިއުމުން، އެމްޓީސީސީގެ އިތުރަށް އަމިއްލަ ކުންފުނިތަކަށްވެސް އެކަމުގެ މަންފާ ކުރާނޭކަމަށް ޒިޔަތް ވިދާޅުވިއެވެ. އަދި އެކްސްސީއެމްޖީ އަކީ މާލެ ހުޅުމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްތަކަށް ބޭނުންވާ ބޮޑެތި މެޝިނަރީސްތައް ފޯރުކޮށްދޭ ކުންފުނިކަންވެސް ޒިޔަތު ފާހަގަކުރެއްވިއެވެ.

އެކްސްސީއެމްޖީ އާއިއެކު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެމްޓީސީސީގެ މަޝްރޫއުތަކަށް ބޭނުންވާ މެޝިނަރީސްތައް ހޯދުމުގައި އެތައް ގޮތަކުން ފަސޭހަވެގެންދާނެކަމަށް ޒިޔަތް ވިދާޅުވިއެވެ.

އެކްސްސީއެމްޖީ ފަރާތުންއޭސިއާ ޕެސިފިކް ޑިޕާޓްމެންޓްގެ ސޭލްސް މެނޭޖަރ ކްރިސް ވޭންގ ވިދާޅުވީ އެމްޓީސީސީ ފަދަ ރާއްޖޭގެ ބޮޑު ކުންފުންޏަކާއިއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދިޔަކަމީ އެކްސްސީއެމްޖީ އަށް ލިބިގެންދިއަ ފަޚުރެއްކަމަށެވެ.

އެކްސްސީއެމްޖީގެ ޑިސްޓްރިބިޔުޓަރެއްގެ ގޮތުގައި އެމްޓީސީސީ ހަމަޖެއްސުމުގެ މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ. އެކްސްސީއެމްޖީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ ފަރާތުންއޭސިއާ ޕެސިފިކް ޑިޕާޓްމެންޓްގެ ސޭލްސް މެނޭޖަރ ކްރިސް ވޭންގއެވެ.

އެކްސްސީއެމްޖީ އަކީ ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ޗައިނާ ސަރުކާރުގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އަދި އެކްސްސީއެމްޖީ އަކީ ކޮންސްޓްރަކްޝަން މެޝިނަރީ އުފައްދާ ދުނިޔޭގެ އެންމެބޮޑެތި 5 ކުންފުނީގެ ތެރޭގައި ހިމެނޭ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.