ކުޅިވަރު

އުއްމީދު ހާޞިލްނުވެ ޓީމާއި ވަކިވުން ދެރައެއް، އަދިވެސް އަޒުމުގައި


މެދު ނުކެނޑި 12 އަހަރު ސީނިއަރ ޓީމަކަށް ކުޅުމަކީ ކުޑަކަމެއްނޫނެވެ. ފަސޭހަކަމެއްވެސް ނޫނެވެ. ޚާއްޞަކޮށް ސްކޫލް ދައުން ފެށިގެން އެގޮތުގައި ދެމިހުރުމަކީ އުނދަގޫކަމެކެވެ. ލައްކަ ހިތްވަރުކޮށްގެން ނޫނީ އެގޮތުގައި ދެމިނުހުރެވޭނެއެވެ. ރާއްޖޭގެ ސީނިއަރ ޤައުމީ ވޮލީ ޓީމ8ުން ދާދިފަހުން ފުރުޞަތު ގެއްލުނު އަޝްފާޤް އާދަމް ( އައްކަޅޭ ) އަކީ އެފަދަ ކުޅުންތެރިއެކެވެ. ސްކޫލްގައި އެޅެނިކޮށް އެންމެ 16 އަހަރުގައި ލިބުނު ފުރުޞަތު ދެމެހެއްޓުމުގައި 12 އަހަރު ހޭދަކުރި ފަހުން އެންމެ ފަހުން ޓީމުން ފުރުޞަތު ގެއްލުނީއެވެ. ސްރީލަންކާގައި ޓީމާއެކު ފަރިތަކުރަމުން ގޮސް ޓީމް ފައިނަލްކުރި އިރު އޭނާގެ ނަން އުނިވެގެން ދިއުމުން އެވާހަކަ ދައްކާ މީހުންވެސް ގިނައެވެ. އެއީ ފާއިތުވި 12 އަހަރު ތެރޭގައި އޭނާ ދެއްކި ހިތްވަރާއި، ޖޯޝާއި، ބާރު ޝޮޓްތަކުގެ ސަބަބުންނެވެ. އަދި މިހާރުވެސް އޭނާ ހުރީ އެގޮތުގައެވެ.

މިމަހުގެ ބަނގްލަދޭޝްގައި އޮންނަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުން ޖާގަ ގެއްލުމަކީ އަޝްފާޤަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. އެއީ ޓީމުން ފުރުޞަތު ގެއްލުމުންނެއް ނޫނެވެ. ނަމަވެސް ކުރަމުން އައި އުއްމީދު ހާޞިލްނުވެ ދުރަށްދާން ޖެހުމުންނެވެ. ރަން މެޑެއްޔަށް އުއްމީދުކުރާ މުބާރާތަކުން ފުރުޞަތު ގެއްލުމުންނެވެ.

" ޤައުމީ ޓީމާއެކު ތައްޓެއް ހޯދުމަކީ ވަރަށް ބޮޑު އުއްމީދެއް. ރަންމެޑެއްޔާ ނުލައި ދުރަށްދާން ޖެހުމަކީ ދެރައެއް. ނަމަވެސް އަދިވެސް އެ އަމާޒަށް ވާޞިލްވުމުގެ ފުރުޞަތު އެބައޮތް. އުއްމީދުވެސް އެބައޮތް. " ޓީމުން ފުރުޞަތު ގެއްލުމުން މިހާރު މާލޭގައި ހުރި އަޝްފާޤް ބުންޏެވެ.

އަޝްފާޤްބުނީ ޓީމް އެކުލަވާލުމަކީ ކޯޗްގެ ޒިންމާއެއް ކަމަށާއި، ޓީމަށް އަރާނީ ކޮން ކުޅުންތެރިންނެއްކަން ކަށަވަރު ކުރާނީ އެއިރެއްގައި ކޯޗަކަށް ހުންނަ މީހާ ކަމަށެވެ. އެހެންކަމުން ކޯޗްގެ ނިންމުމަށް އިޙްތިރާމް ކުރަންޖެހޭ ކަން ތަޖުރިބާކާރު ކުޅުންތެރިޔާ ޤަބޫލުކުރެއެވެ.

އަޝްފާޤް ޓީމާއި ވަކިވުމަކީ ވޮލީބޯޅަ އެސޯސިއޭޝަނުންވެސް ދެރަވާކަމެކެވެ. އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ އަޝްފާޤް އެނބުރި އަންނާނެކަމަށް އުއްމީދުކުރާކަމަށެވެ.

" އަޝްފާޤަށް ފުރުޞަތު ގެއްލުމުން ހަޤީޤަތުގައި މިއެނގެނީ ޓީމްގައި ވާދަވެރިކަން އޮތް މިންވަރު. އަޝްފާޤަކީ ވަރަށް މޮޅު ކުޅުންތެރިއެއް. މިހާރުވެސް މޮޅު ކުޅުންތެރިއެއް. މިދިޔަ ބާރަ އަހަރު ޓީމަށް ކުޅެ ޚިދުމަތްކޮށްދީފައި ހުރި އަބަދުވެސް އަގު ވަޒަންކުރަންޖެހޭ ކުޅުންތެރިއެއް. އަޝްފާޤް ނެތުމަކީ ދެރައެއް. އަދިވެސް އަޝްފާޤް ޤައުމީ ޓީމްގައި ހިމެނޭނެކަމަށް އުއްމީދުކުރަން " ލަތީފް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14817877443433.jpg|އަޝްފާޤް އާދަމް މެޗެއްގެ ތެރެއިން

ހަޤީޤަތުގައިވެސް އަޝްފާޤުން ޓީމުން އުނިވުމުން ޓީމްގެ ވާދަވެރިކަމާއި، ހުނަރުވެރި ކުޅުންތެރިން އުފެދެމުންދާކަން ސާބިތުވެއެވެ. އަޝްފާޤަކީ ބޭރުން ޖަހާ ކުޅުންތެރިއެކެވެ. އެމަޤާމަށް ކުޅެން ކޯޗު ދެން ނެގި ކުޅުންތެރިންނަކީވެސް މޮޅު ކުޅުންތެރިންނެވެ. އެ ކުޅުންތެރިންނަކީ އަހުމަދު އަބުދުލްކަރީމް ( ލޯންގޭ )، އިސްމާއީލް ސާޖިދު، އަލީ ހުޒާމް، ހަސަން ނިލާމް، މުޙައްމަދު ޝާއިންއެވެ. މިއިން ކޮންމެ ކުޅުންތެރިއަކު އުނިވިޔަސް މިހާރު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތެވެ. އަޝްފާޤް އެނބުރި އަންނަން އޮތީވެސް މިވާދަވެރިކަމުގެ ތެރެއިން ނުވަތަ އެހެން މަޤާމެއް އިހްތިޔާރުކޮށްގެންނެވެ.

އަޝްފާޤް ނެތުމުގެ އުނިކަން ޓީމްގައި ތިބި ސީނިއަރ ކުޅުންތެރިންނަށް ބޮޑެވެ. މިދިޔަ އަހަރުތަކުގައި އެކުގައި ކުޅުނު ކުޅުންތެރިންނަށް އެ ޙިނަރުކަން އިހުސާސްކުރެވެއެވެ. ސެޓަރު އިޝާން މުޙައްމަދާއި، އިސްމާއީލް ސާޖިދަކީ އަޝްފާޤްގެ ގާތް އެކުވެރިންނެވެ. އެކުގައި ކްލަބްގައި ލެވެލްގައިވެސް ގިނައިން ކުޅޭ ކުޅުންތެރިންނެވެ. ނަމަވެސް މިވަގުތު މިކަމާއި ބެހޭގޮތުން ވާހަކަދެއްކުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެކުޅުންތެރިން ނުދެކެއެވެ.  

" އަޝްފާޤަކީ މޮޅު ކުޅުންތެރިއެއް. އަދި ތަޖުރިބާގެ ގޮތުން ފާހަގަކޮށްލަންޖެހޭ ކުޅުންތެރިއެއް. ނަމަވެސް ޓީމަށް އަރާނެ ކުޅުންތެރިން ނިންމުމަކީ ކޯޗްގެ މަސައްކަތެއް. " ސެޓަރު އިޝާން މުޙައްމަދު ބުނީ މިވަރަށެވެ.

ސްރީ ލަންކާގެ ނިގަމްބޯގައި ސަތާރަ ކުޅުންތެރިންނާއެކު ތަމްރީނުތައް ކުރިޔަށްގެންދަމުން އަންނަ ޤައުމީ ވޮލީ ސްކޮޑުން ކޯޗް ވެންޑަކޫން ވަނީ 12 ކުޅުންތެރިއެއް ފައިނަލް ކޮށްފައެވެ. ސްރީ ލަންކާގެ ޤައުމީ ޓީމްގެ ކުރީގެ ކޯޗް ކުމާރާ ވެންޑަކޫން ފައިނަލް ކުރި ޓީމުން އުނިކު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އަޝްފާޤްގެ އިތުރުން ދިވެހި ސިފައިންގެ ކްލަބްގައި މޮޅު ކުޅުމެއްދައްކާ ޤައުމީ ލީގުގެ އެންމެ މޮޅު ދިވެހި ކުޅުންތެރިޔާގެ މަޤާމް ހޯދި އާދަމް ނަސީމާއި ޒުވާން ކުޅުންތެރިޔާ އަޙްމަދު ފާޒިލްއާއި ލުގްމާންއެވެ.