ކުޅިވަރު

އެކުވެރިކަމުގެ ދެމެޗް ކުޅުމަށް އަންހެން ޓީމް ޔޫއޭއީއަށް


ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ދެމެޗު ކުޅެން ގައުމީ އަންހެން ފުޓްބޯޅަ ޓީމް ޔޫއޭއީއަށް ފުރައިފިއެވެ. މިމަހުގެ 22 ދުވަހު ފެށުމަށް ހަމަޖެހިފައިވާ އަންހެން ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ފުޓްބޯޅަ ޓީމް ޔޫއޭއީއަށް މިކުރާ ދަތުރުގައި އެގައުމުގައި އެކުވެރިކަމުގެ 2 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

 ގައުމީ އަންހެން ފުޓްބޯޅަ ޓީމް ޔޫއޭއީގައި ކުޅުމަށް ހަމަޖެހިފައިވާ 2 މެޗްގައިވެސް އެޓީމް ވާދަކުރާނީ ޔޫއޭއީގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމާއެވެ. ޓީމް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗް ޖަޕާންގެ ނައޯކޯ ކަވަމޯޓާ ބުނީ އެހެން ފަހަރުތަކާ ހިލާތަށް މިފަހަރު ޓީމް މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށެވެ. އަދި މީގެ ކުރިން ޔޫއޭއީއާއެކު މެޗުތަކެއް ކުޅެފައިވުމުން، މިފަހަރު ބޮޑަށް ބަލާނީ އެޓޭކްކޮށްގެން ކުޅެވޭތޯކަމަށްވެސް ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗް ޖަޕާންގެ ނައޯކޯ ކަވަމޯޓާ ބުންޏެވެ.

img:http://s3.psmnews.mv/images/660x400/14817721930332.jpg|ގައުމީ އަންހެން ޓީމްގެ ކޯޗް: (ފޮޓޯ: އެފްބީ)

"ކުރިން ޔޫއޭއީއާއެކު ކުޅެ އަހަރުންވަނީ ބަލިވެފަ. މިފަހަރުގެ މުބާރާތުގެ ކުރިން މިފަދަ ވަރުގަދަ ޓީމަކާއެކު ކުޅެލަން ލިބުމަކީ ޓީމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. ޓީމް އެކުގައި ފަރިތަކުރުންތައް ގެންދާތާ މިހާރު ވަރަށް ދުވަސްވެއްޖެ. ޔޫއޭއީގައި ކުޅޭ ދެ މެޗްގައިވެސް ބޮޑަށް ބަލާނީ ޓީމް ލައްވާ އެޓޭކިން ގޭމެއް ކުޅެވޭތޯ، މިފަހަރު ޓީމަށްވެސް އަހަރެންވާނީ ބޮޑު ބަދަލްތަކެއް ގެނެސްފަ، ބައެއް ކުޅުންތެެރިންގެ މަގާމަށްވެސް މިހާރު ވާނީ ބަދަލުގެނެސްފަ، މީގެ ބޭނުމަކީވެސް ޓީމް އިތުރަށް ވަރުގަދަ ކުރުން." ނައޯކޯ ކަވަމޯޓާ ބުންޏެވެ.

img:http://s2.psmnews.mv/images/660x400/14817722451850.jpg|ގައުމީ ޓީމްގެ މެނޭޖަރު މާޔަން މުހައްމަދު އަދި ކޯޗް (ފޮޓޯ: އެފްބީ)

ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ މެނޭޖާރ މަރިޔަމް މުހައްމަދު، މާޔަން ބުނީ މިފަހަރު އަންހެން ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ގައުމީ އަންހެން ޓީމަށް ވަގުތުލިބި، ރަނގަޅަށް ތައްޔާރުވެފައިވާކަމަށެވެ. ސްކޮޑްގައިވެސް ޒުވާން ގިނަ ކުޅުންތެރިން ހިމެނޭއިރު، މިފަހަރުގެ މުބާރާތުގެ އެންމެ ފުރަތަމަ އަމާޒަކީ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީއަށް ދިއުންކަމަށްވެސް ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ މެނޭޖާރ މަރިޔަމް މުހައްމަދު ބުންޏެވެ.

img:http://s3.psmnews.mv/images/660x400/14817724739476.jpg|ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއާ ސީޝެލްސް ވާދަކުރި މެޗް (ފޮޓޯ: އެމްއޯސީ)

"ޓީމް އެއްކޮށް ފްރިތަކުރާތާ މިހާރު ވަރަށް ދުވަސްވެއްޖެ. މިފަހަރު ސާފް ޗެންޕިއަންޝިޕަށް ކުރެވޭ އުއްމީދު ވަރަށް ބޮޑު. އެކުވެރިކަމުގެ މެޗްތައް ނިންމާފައި ޓީމް އަންނައިރު، ޓީމް ވަރަށް ބޮޑަށް މުބާރާތަށް ފިޓްވާނެކަމަށް ބެލެވޭ، ހާއްސަކޮށް މިފަހަރު ޓީމް ޒުވާން ގިނަ ކުޅުންތެރިންގެ މައްޗަށް ބިނާވެފައި އޮތުމުން، ޓީމްގެ ރޫޙް ވަރަށް ވަރުގަދަވެ، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާތަންފެނޭ. ސާފް ޗެންޕިއަންޝިޕްގެ ފުރަަތަމަ އަމާޒަކީ ސެމީ ފައިނަލާ ހިސާބަށް ދިއުން، އެއަށްފަހު ފައިނަލާ މެދު ވިސްނާނީ" މެނޭޖަރ މާޔަން ބުންޏެވެ.

މިފަހަރުގެ ޓީމްގައި މުޅިން އަލަށް ތިން ކުޅުންތެރިއަކު ހިމެނެއެވެ. ޓީމާ ހަވާލުވެގެން، ޓީމާއެކު ދަތުރުކުރެއްވީ އެފްއޭއެމްގެ ނައިބް ރައިސާ އައިޝަތު ނާޒިމާއެވެ.