ޚަބަރު

ގުޅިފަޅުގައި ޕޮލިސް އެކަޑަމީއެއް ޤާއިމްކުރައްވަނީ


މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީނާއި ތަޢުލީމާއި ހުނަރު ދިނުމަށްޓަކައި ގުޅީފަޅުގައި ޕޮލިސް އެކަޑަމީއެއް ޤާއިމްކުރުމަށް ބޭނުންވާ ބިން ހަމަޖައްސައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފްއެވެ. ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ފަޒީލްއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ފަޒީލް ދެއްކެވި ވާހަކަފުޅުގައި ގުޅިފަޅުގައި ތަމްރީން މަރުކަޒެއް ޤާއިމްކުރެވިގެން ދިޔުމާއެކު ފަސޭހަތަކެއް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އެކުންފުނިން އިސްނަގައިގެން ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިމިވަނީ ދިވެހިރާއްޖެ އަމާން ތަނެއްގެ ގޮތުގައި އޮތުމަކީ މުހިންމު ކަމަށްވާތީކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ދެއްކެވި ވާހަކަފުޅުގައި ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއް ދިނުމަށްޓަކައި ފުލުހުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަށްޓަކައި ދަތިތަކެއް އެބަހުރިކަމަށް ވިދާޅުވިއެވެ. އަދި އެދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި މިއަދު އެ މަސައްކަތަކަށް ލިބިގެންދިޔައީ ވަރަށްބޮޑު ކާމިޔާބެއްކަމަށް ވިދާޅުވެ ގުޅިފަޅު އިންވެސްޓްމަންޓްގެ އިސްވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ. 

މި އެއްބަސްވުމުގެ ދަށުން ގުޅިފަޅުގައި ޕޮލިސް އެކަޑަމީ ޤާއިމްކުރުމަށް 240،000 އަކަފޫޓުގެ ބިމެއް 99 އަހަރަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.