ޚަބަރު

ޓްރެފިކް ޑިޕާޓްމަންޓްގެ މަސައްކަތް އިތުރަށް ހަރުދަނާކުރަނީ


މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި މުވައްޒަފުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މަޝްވަރާ ބައްދަލުވުމެއް ފަށައިފިއެވެ. 

މިމަހުގެ 13 އިން 15 އަށް ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ކުރިއަށްދާ މި މަޝްވަރާ ބައްދަލުވުން ފައްޓަވާ ދެއްވީ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދުއެވެ. މި ބައްދަލުވުން ފައްޓަވާ ދެއްވަމުން ސެންޓްރަލް އޮަޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު ދެއްކެވި ވާހަކަފުޅުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި ޑިޕާޓްމަންޓުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މުވައްޒަފުން ސަމާލުކަންދޭންވީ ކަންކަމަށް އަލިއަޅުވާލެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14816990285897.jpg|ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން މިއަދު ފެށި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ޕޮލިސް

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަޝްވަރާ ބައްދަލުވުމުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ދެމުންދާ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި އެކްސިޑެންޓް މައްސަލަތައް ތަހުޤީޤުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވޭނޭކަމަށް ޕޮލިހުން ވިދާޅުވެއެވެ. މީގެއިތުރުން ޓްރެފިކް ފުލުހުންގެ މަސައްކަތްތައް އިތުރުކޮށް މަސައްކަތުގެ މާހައުލުގައާއި ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ހުރި ދަތިތަކާއި އެކަންކަން ހައްލުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނޭކަމަށްވެސް ޕޮލިހުން ވިދާޅުވެއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ އިސްވެރިންނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ އެކި ޔުނިޓްތަކުގައި މަސައްކަތްކުރާ ފުލުހުންނާއި މާލެސިޓީ ޕޮލިސްގެ ގަލޮޅު ޕޮލިސް އަދި މާފަންނު ޕޮލިސްގެ ފުލުހުން ބައިވެރިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.