ޤައުމީ ޓީމްގެ ކުޅުންތެރިންނަށް ނުކުޅެވޭގޮތަށް ކުރިއަށްގެންދިޔަ ފުރޓމަ ރެޑްބުލް ބީޗް ވޮލީ މުބާރާތް ޤައުމީ ޓީމްގެ ކުރީގެ ކުޅުންތެރިންތަކެއް ކާމިޔާބުކޮށްފިއެވެ. މިމުބާރާތް ކާމިޔާބުކުރި ކުޅުންތެރިންނަކީ ޤާއުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކުރީގެ މޮޅު ކުޅުންތެރިންނެވެ.
ފިރިހެންބައިގެ ޗެންޕިއަންކަން ހޯދީ ފަލާޙުއާއި އާދިލް ( ކޮއްކޮ ) އެވެ. އަންހެންބައިގެ ޗެންޕިއަންކަންހޯދީ ނާޒިމާއާއި ޝަޙުމާއެވެ. ދޮންގަނޑު ބީޗް ވޮލީ ކޯޓްގައި ކުރިއަށްގެންދިޔަ މިމުބާރާތުގެ އަންހެންބައިގެ ޗެންޕިއަންކަން އައިޝަތު ނާޒިމާއާއި ފާތިމަތު ޝަހުމާ ހޯދީ ޒުވާން 2 ކުޅުންތެރިން ކަމުގައިވާ ޝާނިޔާ އަހުމަދުއާއި އާމިނަތު ރުދެއިނާގެ ޕެއަރއާއި ވާދަކޮށް 2 ސެޓް 1 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ސެޓްތައް ނާޒިމާއާއި ޝަހުމާ ގެންދިޔައީ 21-11، 19-21 އަދި 15-10 ނެވެ. އަންހެންބައިގެ ތިންވަނަ ޕެއާރއަކީ ހައިފާ އިމާދުއާއި ގަފުރާރ އަބްދުﷲގެ ޕެއާރއެވެ.
img:http://s4.psmnews.mv/images/660x400/14816596161272.jpg|ރެޑް ބުލް ބީޗް ވޮލީ މުބާރާތް (ފޮޓޯ: ޕީއެސްއެމް-ވަހީދު)
މިމުބާރާތުގެ ފިރިހެންބައިގެ ޗެންޕިއަންކަން އިބްރާހީމް ފަލާޙުއާއި އިބްރާހީމް އާދިލްގެ ޕެއާރ ހޯދީ ފައިނަލްގައި ޒުވާން ދެ ކުޅުންތެރިންކަމުގައިވާ މުހައްމަދު އަލީއާއި އަހުމަދު މުހައްމަދުގެ ޕެއާރއާ ވާދަކޮށް ސީދާ 2 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ސެޓްތައް ފަަލާޙުއާއި އާދިލް ގެންދިޔައީ 21-15 އަދި 21-18 ނެވެ. މިބައިގެ 3 ވަނަ ހޯދާފައިވަނީ މުހައްމަދު ނިހާދުއާއި އިސްމާޢީލް ޝަފީޢުގެ ޕެއާރއެވެ.
img:http://s1.psmnews.mv/images/660x400/14816596305447.jpg|ރެޑް ބުލް ބީޗް ވޮލީ މުބާރާތް (ފޮޓޯ: ޕީއެސްއެމް-ވަހީދު)
މިމުބާރާތުގެ އަންހެން ބައިގަައި 10 ޓީމް އަދި ފިރިހެން ބައިގަ 15 ޓީމް ވާދަކޮށްފައިވެއެވެ. މިއީ މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންއާ ގުޅިގެން ރެޑްބުލްއިން ކުރިއަށްގެންދިޔަ މުބާރާތެކެވެ.