ޚަބަރު

"މަސްވެރިކަމުގެ ސިނާއަތަށް އިތުރު ޒުވާނުން ނެރުމަކީ އަމާޒެއް"


މަސްވެރިކަމުގެ ސިނާޢަތަކީ މިހާރަށްވުރެބޮޑަށް ޒުވާނުން ޙަރަކާތްތެރިވާ ދާއިރާއަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ގއ. ގެމަނަފުށީގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝައިނީގެ ވާހަކަފުޅުގައި ސަރުކާރުގެ ވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ޒުވާނުންނަށް މަސްވެރިކަމާ ބެހޭ ތަމްރީނާއި ތަޢުލީމް ދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފިޝަރީޒް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ މިސަރުކާރަކީ އިންތިޚާބުތަކާ ދިމާކޮށް މަސްވެރިންނަށް ކަންކަން ކޮށްދޭ ސަރުކާރެއް ނޫންކަމަށެވެ. އެގޮތުން ކަނދު ފައްޗެއް ކަނޑައިގެން ދިއުމުން މަސްދުވަސް ތެރޭގައި އެކަނދުފައްޗެއް ސަރުކާރުން އަޅާދީފައިވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މީގެ އިތުރުން ބެޔަސް ނުބެޔަސް 10 ހާސް ރުފިޔާ ލިބޭ ސްކީމްގައި ބައިވެރި ވުމަށްވުރެ ބޮޑު ޢާމްދަނީއެއް މަސްވެރިކަމުން މަސްވެރިންނަށް ލިބޭކަމަށާއި އެސްކީމުގައި މަސްވެރިންގެ ގިނަބަޔަކު ބައިވެރިނުވަނީ އެސަބަބަށްޓަކައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސްވެރިންނަށް އެވަރުގެ ޢާމްދަނީ ލީބޭތީ ފަޚުރުވެރިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.