ޚަބަރު

ޕީޕީއެމްއިން ކޮމިއުނިސްޓް ޕާޓީއާއެކު ގުޅުން ޤާއިމްކުރަނީ


ޗައިނާގެ ވެރިކަންކުރާ ޕާޓީ، ކޮމިޔުނިސްޓް ޕާޓީ އޮފް ޗައިނާއާއި ޕީޕީއެމާ ދެމެދު ރަސްމީ ގުޅުން ޤާއިމުކުރުމާއި، އެއްބާރުލުން ދެއްވުމާގުޅޭ އެމް.އޯ.ޔޫއެއްގައި ސޮއިކުރުމުގެ މަޝްވަރާތައް ފަށްޓަވައިފިއެވެ. 

ޗައިނާގެ ވެރިކަންކުރާ ކޮމިޔުނިސްޓް ޕާޓީއަކީ ޗައިނާގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އަދި އެއީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެޕާޓީއާއި ޕީޕީއެމާ ދެމެދު ގުޅުން ޤާއިމުކުރެއްވުމާ ގުޅޭ މަޝްވަރާތައް ބޭއްވެވީ ކޮމިޔުނިސްޓް ޕާޓީގެ ދަޢުވަތަކަށް ޕީޕީއެމްގެ އިސް އޮފިޝަލުންތަކެއް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. ޕީޕީއެމްގެ އޮފިޝަލުންގެ މިދަތުރުފުޅުގައި މިއަދު ވަނީ ކޮމިޔުނިސްޓް ޕާޓީ އޮފް ޗައިނާގެ ޑިރެކްޓަރ ޖެނެރަލް ޔުއާން ޒީބިންގއާ ބައްދަލުކުރައްވާފައެވެ. 

ބެއިޖިންގގައި ހުންވައި ޕީ.އެސް.އެމްއަށް ދެއްވި އިންޓަރވިއުއެއްގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިބައްދަލުކުރެއްވުމުގައި ޕީޕީއެމާއި ކޮމިޔުނިސްޓް ޕާޓީއާ ދެމެދު ގުޅުން ޤާއިމުކުރުމާއި، އެއްބާރުލުން ދެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ދެޕާޓީގެ ދެމެދުގައި ރަސްމީ ގުޅުންތައް ޤާއިމުކުރެއްވުމާ ގުޅޭ އެމްއޯޔޫއެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14816414736869.jpg|ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ އިސްވެރިންނާއެކު ޕީޕީއެމްގެ ވަފްދުގެ ބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ކޮމިޔުނިސްޓް ޕާޓީގެ ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ބައިގެ ޑިރެކްޓަރ ޖެނެރަލާއެކު ބޭއްވެވި މަޝްވަރާތަކުގައި، ކޮންމެ އަހަރަކު ޕީޕީއެމްގެ 2 މެންބަރަކަށް ޗައިނާގައި މަތީ ތައުލީމް ޙާޞިލްކުރުމުގެ ފުރުޞަތު ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން ފަހިކޮށްދޭނެކަމަށް އެޕާޓީން ބުނެފައިވާކަމަށެވެ. އެގޮތުން ޗައިނާގެ ޔުނިވަރސިޓީތަކުގެ ތެރެއިން ޔުނިވަރސިޓީއަކުން މާސްޓާރސްއަށް ކިޔެވުމުގެ ދެ ފުރުޞަތު ލިބޭނެކަމަށް ޚަލީލް ވިދާޅުވި. މިބައްދަލުކުރެއްވުމުގައި ކޮމިޔުނިސްޓް ޕާޓީގެ ޑިރެކްޓަރ ޖެނެރަލް ދެއްކެވި ވާހަކައިގައި ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާމެދު ގެންގުޅުއްވާ ގާތްކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައިވެއެވެ. 

ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ދަޢުވަތަކަށް ޗައިނާއަށް ގޮސް އުޅޭ ޕީޕީއެމްގެ 12 ބޭފުޅުންގެ ވަފްދުގެ ވެރިޔަކީ ޕީޕީއެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މި ވަފްދުގައި ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމާއި، ޕީޕީއެމްގެ ސެކެއްޓަރީ ޖެނެރަލް ޑރ. ޢަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ. ޕީޕީއެމްގެ ވަފްދު އިއްޔެ ވަނީ ޔުނާން ޕްރޮވިންސްގެ އިސް އޮފިޝަލުންނާވެސް ބައްދަލުކުރައްވާފައެވެ.