ޚަބަރު

ރިޕޯޓް: އަލިފާން ނިއްވުމުގެ ނިޒާމް ހަރުދަނާކުރެއްވުން


އަލިފާނުގެ ޙާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، އަލިފާން ނިއްވުމުގެ ނިޒާމު ހަރުދަނާކުރައްވައި، ސަލާމަތީ ބާރުތަކުގެ ކިބައިގައި ހުރި އަލިފާން ނިއްވުމުގެ ޤާނބިލްކަން އިތުރަށް ވަރުގަދަ ކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަލިފާނުގެ ޙާދިސާތަކުން ލިބޭ ގެއްލުން އެންމެ ބޮޑުވުމުގެ ފުރުޞަތު އޮތީ، މާލޭގައި ކަމުން މި ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން ގެންދަވަނީ މާލޭގައި މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ހިނގި އަލިފާނުގެ ހާދިސާތަކާއި، އަލިފާން ނިއްވުމުގައި ސަލާމަތީ ބާރުތަކަށް ދިމާވި ގޮންޖެހުންތަކަށް ބަލައި އަލިފާން ނިއްވުމުގެ ނިޒާމު ކުރިއަށްވުރެ ޒަމާނީ ކުރައްވައި، މިނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އަލިފާން ނިއްވުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރަށް ކުރިއެރުވުމުގެ ގޮތުން އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުއަށް ޚާއްޞަކޮށްގެން ޚާއްޞަ ޓްރެއިނިންތައް ގެންދަވަނީ ހިންގަވަމުންނެވެ. އަދި އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ އިތުރަށް ވަރުގަދަކުރައްވައި އެކަމަށް ބޭނުންވާ ޒަމާނީ އާލަތްތައް ހޯއްދެވުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

އަލިފާން ނިއްވާ އާލާތްތައް ގޭބީސީތަކާއި އެހެނިހެން ތަންތަނުގައި ހަމަޖެހިފައި ހުންނަންޖެހޭނެ ގޮތްތައް ބަޔާންކޮށް ކަނަޑައެޅުއްވުމަށްޓަކައި ފަޔަރ ކޯޑެއް އެކުލަވާލެއްވުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. މި ކޯޑްގައި، މީހުން ދިރިއުޅޭ ތަންތަނާއި ގަރާޖް، ގުދަން ފަދަ ތަންތަނުގައި އަލިފާން ނިއްވުމުގެ އިންތިޒާމް ހަމަޖެހިފައި ހުންނަން ޖެހޭނެ ގޮތްތައް ބަޔާންކޮށްފައިވާނެއެވެ.

img:http://s4.psmnews.mv/images/660x400/14702730251321.jpg|ރޯވެފައިވާ ގުދަނެއްގައި ރޯވެފައިވާ އަލިފާން ގަނޑެއް ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ- ފައިލް ފޮޓޯ: އެމްއެންޑީއެފް

މާލޭގެ މަގުތަށް ރީ ޑިވަލޮޕް ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމަނުއްވައިގެން މާލޭގެ މަގުތަކުގައި ފަޔަރ ހައިޑްރެންޓް ހަރުކުރުމުގެ މަސައްކަތްވެސް ޑިފެންސް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މަޖީދީ މަގުން މިހާތަނަށް ތަރައްޤީކޮށް ނިމިފައިވާ ބައިތަކުގައި ފަޔަރ ހައިޑްރެންޓް ސިސްޓަމް ވަނީ ހަރުކުރައްވާފައެވެ. ފަޔަރ ހައިޑްރެންޑް ސިސްޓަމަކީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަލިފާން ނިއްވުމަށް ބޭނުންވާނެ ފެން ލިބޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސެވުމަށްޓަކައި ޤާއިމުކުރެވޭ ނިޒާމެކެވެ.

އެމް.އެން.ޑީ.އެފުން ގެންދަވަނީ، މާލޭގެ ގުދަންތަކުގައި އަލިފާން ނިއްވުމުގެ ނިޒާމު ހަމަޖައްސާފައި ހުރިގޮތް ބަލައި ދެނެގަތުމަށްޓަކައި ގުދަންތައް ބަލައި ފާސްކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކޮންމެ ގެއެއްގައިވެސް އަލިފާން ނިއްވާނެ އިންތިޒާމް ހަމަޖައްސާފައި ބެހެއްޓުން މުހިންމެވެ.

ޢާންމުން ދިރިއުޅޭ ގޭބީސީތަކުގައިވެސް އަލިފާނުގެ ޙާދިސާއެއް ހިނގާފާނެކަމަށް ރައްކާތެރިވެ ތިބެންޖެހެއެވެ. އެގޮތުން ގޭސް އުނދުން ބޭނުންކުރުމާއި، ކަރަންޓް ބޭނުންކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި ކޮންމެ ގޭބީސީއެއްގައިވެސް އަލިފާން ނިއްވާނެ އެންމެ އަސާސީ ކަންކަން ހަމަޖައްސާފައި ބަހައްޓަންޖެހެއެވެ.