ޚަބަރު

ކެފޭތަކާއި ހޮޓާތައް ބަލާ ފާސްކުރުމުގެ ޕްރޮގްރާމެއް ފަށައިފި


މާލޭ ސިޓީގެ ރެސްޓޯރަންޓްތަކާއި ކެފޭ އަދި ސައިހޮޓާތައް ބަލާ ފާސްކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ރެސްޓޯރަންޓް، ކެފޭ އަދި ސައިހޮޓާތަކުގެ ބަދިގެތަކުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިހުރީ ކިހާ މިންވަރަކަށްތޯ ބެލުން ހިމެނޭކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބަލައި، އެ ތަކެތީގެ ހާލަތު ދެނެގަނެ، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ ފެންވަރު ބަލައިފާސްކުރުން ކުރިއަށްދާނޭކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބަލާފާސްކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ދަނީ މާލޭގައި ހުރި ގުދަންތައް ބަލާ ފާސް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަމުންނެވެ.