ޚަބަރު

ގެމަނަފުށީގައި ޤާއިމްކުރެއްވި އައިސްޕްލާންޓް ހުޅުއްވައިދެއްވައިފި


ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީގައި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ޤާއިމްކުރައްވާފައިވާ އައިސް ޕްލާންޓް ހުޅުއްވައިދެއްވައިފިއެވެ. 

މިއަދު ހަވީރު ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި، ގެމަނަފުށީގައި ޤާއިމްކުރެއްވި އައިސް ޕްލާންޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ މިޕްލާންޓް ޤާޢިމުކުރައްވާފައި ވަނީ މިފްކޯގެ ފަރާތުންނެވެ. 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިއައިސް ޕްލާންޓް އޮޕަރޭޓްކޮށް ހިންގުމުގެ ބެލެހެއްޓެވުމަށް ހަމަޖެހިފައިވަނީ މިފްކޯގެ ފަރާތުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ކުރީކޮޅު ގެމަނަފުށްޓަށް ވަޑައިގެން، އެރަށުގައިއައިސް ޕްލާންޓެއް ޤާއިމުކޮށްދެއްވާނެކަމަށް ވެވަޑައިގެން ވަޢުދުގެ ދަށުން ޤާއިމްކުރެއްވި އައިސް ޕްލާންޓެކެވެ. 

img:http://s3.psmnews.mv/images/660x400/14816316474750.jpg|އައިސް ޕްލާންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީއާއި ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޓެންޒޭނިއާގެ ފިޝަރީޒް މިނިސްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ، 

img:http://s1.psmnews.mv/images/660x400/14816316929587.jpg|މަސް ކެނޑުމުގެ މުބާރާތުގެ ތެރެއިން، މިނިސްޓަރ ޒަމީރު އަދި މިނިސްޓަރ ޝައިނީ މަސް ކަނޑުއްވަނީ

މިރަސްމިއްޔާތަށްފަހު މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިފްކޯއިން އިންތިޒާމް ކުރި މަސްކެނޑުމުގެ މުބާރާތެއް ކުރިއަށްދިޔައެވެ. މުބާރާތް ފެށުމުގެ ގޮތުން ފިޝަރީޒް މިނިސްޓަރ ޝައިނީ އާއި ޓުއަރިޒަމް މިނިސްޓަރ ޒަމީރު ވަނީ މަސް ކަނޑުއްވާފައެވެ.