ޚަބަރު

ޔޫތު މިނިސްޓަރ ޗައިނާގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވައިފި


މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެޤައުމުގެ ޔުނާން ޕްރޮވިންސްގެ ފޮރިންގ އެފެއާޒްގެ އޮފިޝަލުންނާއި، ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮމިޓީއާއި ބައްދަލުކުރައްވާ ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ޔުނާން ޕްރޮވިންސުން ދިވެހި ސަރުކާރަށް ފަތުރުވެރިކަމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. މިނިސްޓަރގެ މިދަތުރުފުޅަކީ، ޗައިނާގެ ވެރިކަންކުރާ ކޮމިޔުނިސްޓް ޕާޓީގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރާއްޖޭގެ ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ އިސް ފަރާތްތަކުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. ޔުނާން ޕްރޮވިންސްގެ ފޮރިންގ އެފެއާޒްގެ އޮފިޝަލުންނާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ވަނީ، ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމާއި، މިދާއިރާއިން ދެޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން ޢާންމު ކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އޮކްޓޫބަރުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް އައި ފަތުވެރިންގެ ޢަދަދަކީ ދުއިސައްތަ އަށްޑިހަ ނުވަހާސް އެއްސަތޭކަ ތޭވީސް ފަތުރުވެރިންނެވެ.

ރާއްޖޭގެ ވަފުދުން އިއްޔެވަނީ، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރ ލިޔު ހުއިޔާންއާވެސް ބައްދަލު ކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން ޕީޕީއެމްގެ ތަރައްޤީއަށް އެހީތެރިކަން ދިނުމާއި، ޔުނާން ޕްރޮވިންސްގެ ފަރާތުން ޕީޕީއެމްގެ ކުރިއެރުމަށް އެހީތެރިކަން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ދަޢުވަތަކަށް ޗައިނާއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ވަފުދުގައި 12 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.