ޚަބަރު

ޞިއްޙީ ޚިދުމަތުގެ ފެންވަރު ވަޒަންކުރުމަށް މީހުން ތަމްރީނުކުރުން


ރާއްޖޭގެ ޞިއްޙީ މަރުކަޒުތަކުން ދެއްވާ ޚިދުމަތްތަކުގެ ފެންވަރު ދެނެގަނެ، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތައް ބަލައި، މޮނިޓަރ ކުރާނެ މީހުން ތަމްރީނު ކުރެއްވުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށްޓަވައިފިއެވެ. ''އެސެސަރސް ޓްރެއިނިންގ އޮން މޯލްޑިވްސް ހެލްތް ކެއަރ ކޮލިޓީ ސްޓޭންޑާރޑްސް'' ގެ ނަމުގައި ހޮޓެލް ޖެންގައި ބާއްވަވާ މި ބައްދަލުވުން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ދެވޭ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ކަމުގައި ހެއްދެވުމަށްޓަކައި ހެލްތް މިނިސްޓްރީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ހެލްތު ކެއަރ ކޮލިޓީ ފްރޭމްވޯރކެއްގެ ތެރެއިން މޯލްޑިވްސް ހެލްތްކެއަރ ސްޓޭންޑަޑެއް އެކުލަވާލައްވާ ޞިއްޙީ ޚިދުމަތްދޭ ތަންތަން ވަޒަންކުރެއްވޭނެ ވަސީލަތެއްވަނީ ތައްޔާރު ކުރައްވާފައިވެއެވެ. ރާއްޖޭގެ ސިއްޙީ މަރުކަޒުތަކާއި، ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ޚިދުމަތްތެރިންނަށް އަމާޒުކުރައްވައިގެން ބާއްވަވާ މި ތަމްރީނު ޕްރޮގްރާމަކީ، ޞިއްޚީ ޚިދުމަތް ދެއްވާ ފެންވަރު ބެއްލެވުމަށާއި، އިތުރަށް އެ މިންގަނޑުތަކާއި ހަމައަށް ވާސިލްވުމަށް ކުރަންޖެހެނީ ކޮންކޮން މަސައްކަތެއްތޯ ބެއްލެވުމަށްޓަކައި މޮނިޓަރކުރާނެ ބައެއްކަމަށްވާ ''އެސެސަރސް '' ތަމްރީނު ކުރެއްވުމުގެ ގޮތުން ހިންގަވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމް ހިންގަވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯ އާއި ހެލްތް މިނިސްޓްރީ ގުޅިވަޑައިގެންނެވެ.

މި ތަމްރީނު ޕްރޮގްރާމްގައި އަތޮޅު ތެރެއިންނާއި މާލޭގައި ޞިއްޙީ ޚިދުމަތްދޭ ސަރުކާރާއި، ޕްރައިވެޓް ސެކްޓަރގެ ތަންތަނުން 80 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ. މި ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދު ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖޭގައި މިހާރު ދެއްވާ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރުބަލާ އެ ޚިދުމަތްތައް ކަނޑައެޅުއްވާ ފެންވަރަކަށް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ތަމްރީނުތަކަށްފަހު، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި އިންޓަރނަލް ކޮލިޓީ އެޝުއަރެންސް ނިޒާމެއް ޤާއިމްކުރެއްވުމަށް މަގުފަހިވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މި ތަމްރީނުތަކަށްފަހު މިނިސްޓްރީގައި އެކްސްޓަރނަލް ކުއަލިޓީ އެޝުއަރެންސް ނިޒާމެއް ޤާއިމްކުރެވިގެންދާނެ، އަދި ހަމައެއާއެކު ޞިއްޚީ ޚިދުމަތްދޭ ތަންތަނުގައި އިންޓަރނެލް ކޮލިޓީ އެޝުއަރެންސް ނިޒާމެއް ޤާއިމްކުރެވިގެންދޭނެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމާއި ލައިސެންސް ދިނުމަށް މިންގަނޑުތަކުގެ ތެރެއިން މިންގަނޑު ކަނޑައަޅާ އަދި ދުރުނޫން މުސްތަޤްބަލްގައި ޤައުމީ އެކްރިޑިޓޭޝަން ނިޒާމެއް ޤާއިމްކުރެވިގެންދާނެ" ހެލްތު މިނިސްޓަރ އަބްދު ﷲ ނާޒިމް އިބްރާޙީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ.އަރުވިންދު މާތުރު ދެއްކެވި ވާހަކައިގައި، ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމެއްގައި ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރެވޭނެ ގޮތްތަކެއް ދެނެގަތުމަކީ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ތަމްރީނުވެފައި ތިބުމަކީ މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ. މި ތަމްރީނު ޕްރޮގްރާމްގައި، މަޢުލޫމާތު ދެއްވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މާހިރުންނެވެ. ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.