ޚަބަރު

އެމްއެމްޕީއާރުސީގެ އެމްޑީގެ މައްޗަށް ޚިޔާނާތުގެ މައްސަލައެއް


އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދު ﷲ ޒިޔަތު އެކުންފުނީގެ ފައިސާ ބޭނުންކުރައްވައިގެން ހުޅުމާލެއިން ޢިމާރާތާއި ގޯއްޗެއް ބައްލަވައިގެންފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ މައްސަލައާ ގުޅިގެން ކޮރަޕްޝަންގެ ދަޢުވާ ކުރެއްމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވައިފިއެވެ.

މި މައްސަލަ އޭސީސީން ބައްލަވާފައިވަނީ ލިބިވަޑައިގެންނެވި މަޢުލޫމާތުތަކަކަށް ބައްލަވައި އެ ކޮމިޝަންގެ އިސްނެންގެވުމުގެ މަތިންކަމަށް އޭސީސީން ވިދާޅުވެއެވެ. މި ތަޙުޤީޤަށްފަހު ޕީޖީ އޮފީހަށް ފޮނުއްވި މި ރިޕޯޓުގައި 5 ކަމެއް ވަނީ ހިމަނުއްވާފައެވެ.

އޭގެތެރޭގައި، ހުޅުމާލެއިން 5 މިލިއަން ރުފިޔާއަށް އޭނާ ބައްލަވައިގެންފައިވާ ގޯއްޗަށް ފައިސާ ދައްކަވާފައިވަނީ އެމް.އެމް.ޕީ.އާރު.ސީގެ ފައިސާއިން ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކުރައްވާފައިވާ ޙުކުމުގައި، ތުޙުމަތު ކުރައްވާފައިވުމުން، އެ ގޯތި ގަތުމުގެ މުޢާމަލާތުގައި ބައިވެރިވިކަމަށް މި މައްސަލައިގެ ތަޙްޤީޤުން އެނގެން އޮތް ފަރާތްތަކާއި އެމް.އެމް.ޕީ.އާރު.ސީއާ އެއްވެސް ގުޅުމެއްވޭތޯ އެކޮމިޝަނުގެ ތަޙްޤީޤް ޓީމުން ބެއްލެވި ބެއްލެވުން ހިމެނެއެވެ. އަދި އެމް.އެމް.ޕީ.އާރު.ސީއިން ކުއްޔަށް ދޫކޮށްފައިވާ އއ.މަތިވެރި ފިނޮޅަކީ އެގޯތި ވިއްކި ފަރާތަށް އެމް.އެމް.ޕީ.އާރު.ސީއިން ކުއްޔަށް ދޫކޮށްފައިވާ ރަށެއްކަމަށް ކުރެވޭ ތުހުމަތާއި އެރަށުގެ އެކުއިޒިޝަން ކޯސްޓަށްވާ ފައިސާގެ ތެރެއިން އެއްބައިގެ ގޮތުގައި 300,000 ޑޮލަރ 23 ސެޕްޓެމްބަރ 2014 ވަނަ ދުވަހު އެމް.އެމް.ޕީ.އާރުސީ އަށް ދައްކާފައިވާ މައްސަލަވެސް އެ ރިޕޯޓުގައިވެއެވެ.

އަދި 22 ޑިސެމްބަރ 2014 ވަނަ ދުވަހު އެ ރަށުގެ އިކުއިޒިޝަން ކޯސްޓަށްވާ ފައިސާގެ ތެރެއިން 100,000 ޑޮލަރ އެމް.އެމް.ޕީ.އާރުސީއަށް ދައްކާފައިވާކަން އެ ކުންފުނީގެ ކަމާގުޅޭ ރަސީދުތަކުގައި ބަޔާންކޮށް، އޭރުގެ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކުރައްވާފައިވީ ނަމަވެސް، އެފައިސާ އެމް.އެމް.ޕީ.އާރުސީގެ ނަމުގައި ހުޅުވާފައިވާ އެއްވެސް އެކައުންޓަކަށް ޖަމާކޮށްފައި ނުވާކަމަށް އޭސީސީގެ ތަޙްޤީޤް ރިޕޯޓުގައިވެއެވެ. އަދި އެފައިސާ ދައުލަތަށް ލިބިފައިނުވާ ކަމަށް އޭސީސީގެ ރިޕޯޓުގައިވެއެވެ. އެފައިސާ އެއްވެސް އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެނގެން ނެތްނަމަވެސް، އެ ތާރީޚްތަކުގައި އެރަށް ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ކުންފުނީގެ ދެ ޗެކު ތައްޔާރުކޮށްފައިވާއިރު، އެ ޗެކުތަކަކީ އއ.މަތިވެރި ފިނޮޅުގެ އެކުއިޒިޝަން ކޯސްޓަށްވާ ފައިސާ ދެއްކުމަށް ތައްޔާރުކޮށްފައިވާ ޗެކުތަކެއް ކަމަށް ބުނެފައިވެއެވެ.

އއ.މަތިވެރި ފިނޮޅުގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެމް.އެމް.ޕީ.އާރު.ސީ އަށް ޖަމާކުރަންޖެހޭ 600,000 ޑޮލަރ، އެމް.އެމް.ޕީ.އާރު.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔަތުގެ ދެބެންގެ ދެދަރި މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް، ހުޅުމާލެއިން ގަނެފައިވާ ގޯއްޗާއި ޢިމާރާތް ވިއްކި ފަރާތުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް އެގޯތީގެ އަގު އަދާކޮށްފައިވާކަން ތަޙްޤީޤަށް ސާބިތުކުރެވޭކަން އެ ރިޕޯޓުގައިވެއެވެ. އެހެންކަމުން މި މައްސަލާގައި ކަންހިނގާފައިވާ ގޮތުން، ހުޅިމާލެއިން ގަނެފައިވާ ގޯއްޗާއި އެތަނުގައިވާ ޢިމާރާތަކީ އެމް.އެމް.ޕީ.އާރު.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔަތު އެމަޤާމުގައި ހުންނެވި ދުވަސްވަރު، އއ. މަތިވެރި ފިނޮޅު ކުއްޔަށްދީގެން އެމް.އެމްޕީއާރު.ސީ އަށް ލިބެންޖެހޭ ފައިސާއިން އޭނާގެ ކޮއްކޮގެ ނަމުގައި ގަނެދީފައިވާ ޢިމާރާތާއި ގޯއްޗެއްކަން ތަޙްޤީޤަށް އެނގޭކަމަށް ބަޔާންކުރައްވާފައިވެއެވެ. އެހެންކަމުން، ހުޅުމާލެއިން ޒިޔަތު ބައްލަވައިގެންފައިވާ، ގޯއްޗާއި އެގޯތީގައިވާ ޢިމާރާތް ޝަރީޢަތް މެދުވެރިކޮށް ދައުލަތަށް އަނބުރާ ނެގުމަށްވެސް އޭސީސީން ލަފާދެއްވާފައިވެއެވެ.