ޚަބަރު

ކ.ތުލުސްދޫގައި ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންދަވައިފި


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ފުލުހުން ހިންގަވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ކ.ތުލުސްދޫގައި ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންދަވައިފިއެވެ.

ކ.ތުލުސްދޫ ޕޮލިސް ސްޓޭޝަން އާއި ހުޅުމާލޭ ޕޮލިސްގެ ޓްރެފިކް ޕޮލިސް ޔުނިޓް ގުޅިގެން މިމަހު 11 ވަނަ ދުވަހު ކުރިއަށް ގެންދެވި މި އޮޕަރޭޝަންގައި އެރަށުގެ އެކި ސަރަޙައްދުތަކުގައި ފުލުހުން ވަނީ ޗެކްޕޮއިންޓްތައް ޤާއިމްކުރައްވާ އެއްގަމު އުޅަނދުތަކުގެ އަހަރީ ފީ އާއި އިންޝުއަރެންސް ގެ އިތުރުން ރޯޑް ވަރދިނަސް ފުރިހަމަ ކޮށްފައި ހުރިތޯ ބަލައި ޗެކްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

އެގޮތުން މި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ އުޅަނދެއް ބަލާފާސްކޮށްފައިވާއިރު ޤަވާއިދާ ހިލާފުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަންއަކީ ތުލުސްދޫގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ޤަވާއިދުގައިވާ ކަންކަން ފުރިހަމަކޮށްފައިވާ އުޅަނދުތަކެއްތޯ ބެލުމާއި، ތުލުސްދޫ ރައްޔިތުން އެއްގަމު ދަތުރު ފަތުރުގެ ޤާނޫނަށް އަހުލުވެރިކޮށް، އެރަށުގެ މަގުތަކަކީ ރައްޔިތުންނަށް އަމާން ރައްކާތެރި ތަނަކަށް ހެއްދެވުމުގެ މަޤްސަދުގައި ހިންގެވި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.